ކޮވިޑް ކޭސްތަކާ ގުޅިގެން އަރާ ފޭބުން މަނާކޮށްފައިވާ، ގއ. ދެއްވަދޫ އާއި ގއ. ވިލިނގިލިން އިތުރު ކޭސްތަކެއް ފެނިއްޖެ އެވެ.

ދެއްވަދޫ ކައުންސިލްގެ ރައީސް އިބްރާޙިމް ތައުފީގު މިއަދު "ސަން"އަށް ވިދާޅުވީ، އިއްޔެ ނެގި ސާމްޕަލްތަކުގެ ތެރެއިން އިތުރު 11 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވެފައިވާ ކަމަށެވެ.

"މިހާރު ޖުމްލަ 54 ކޭސް ވަނީ ފެނިފައި،" ތައުފީގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހައި ރިސްކް މީހެއް ނުހިމެނޭ ކަމަށެވެ. އަދި ޕޮޒިޓިވްވި 54 މީހުންގެ ތެރެއިން ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ގެންދިޔަ އުމުުރުން ދުވަސްވީ ދެ މީހުން ފިޔަވައި، އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

ދެއްވަދުއިން ޕޮޒިޓިވްވި 79 އަހަރުގެ މީހަކާއި 68 އަހަރުގެ މީހަކު ކޮވިޑް ފެސިލީޓީގައި ދަނީ ފަރުވާ ދެމުންނެވެ. އެމީހުން އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ދާންދޫ ކްލަސްޓާގެ ކޭސްތަކެއް މިދިޔަ ބުރާސްފަތި ދުވަހު ވިލިނގިލި އަދި ގއ. ދާންދޫއިންވެސް ވަނީ ފެނިފަ އެވެ.

ވިލިނގިލިން ޕޮޒިޓިވްވީ ދާންދޫއަށް ނިސްބަތްވާ އެރަށުގައި ހުންނަ ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވަމުންދާ ދަރިވަރެެކެވެ.

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު ފުއާދު މިއަދު "ސަން"އަށް ވިދާޅުވީ، އެ ދަރިވަރާ ކޮންޓެކްޓްވި، 37 މީހެއްގެ ސާމްޕަލް ނެގި ކަމަށެވެ. އޭގެ ތެރެއިން އެކަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު ޖުމްލަ ވިލިނގިލިން ފެނުނު ކޭސްތަކުގެ އަދަދު ވަނީ ދޭއް އަށް އަރާފަ އެވެ.

"ޕޮޒިޓިްވެފައިވަނީ ފުރަތަމަ ވިލިނގިލިން ޕޮޒިޓިވްވި ދަރިވަރާ އެއް ކްލާހެއްގައި ކިޔަވަމުންދާ ދަރިވަރެއް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފަހުން ޕޮޒިޓިވްވި ދަރިވަރުގެ ކޮންޓެކްޓުންގެ ގޮތުގައި ނުވަ މީހަކު ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދިވެސް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

ދާންދޫއިން އެ ކްލަސާޓާގައި ޕޮޒިޓިވްވެފައިވަނީ ދެ މީހުންނެވެ. އެރަށުގައިވެސް ސާމްޕަލް ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެހެން ނަމަވެސް ދާންދުއިން ދެ ކޭސް ފިޔަވާ އިތުުރު ކޭސްއެއް އަދި ފެނިފައި ނުވާ ކަމަށް އެ ރަށު ކައުންސިލުން ބުނެ އެވެ.

ދެއްވަދޫން އެންމެ ފުރަތަމަ ކޮވިޑް ކޭސްއެއް ފެނުނީ މިދިޔަ މަހު 24 ވަނަ ދުވަހު ކަރަންޓީންގައި ހުރި މީހަކު ޕޮޒިޓިވްވެގެންނެވެ. މީގެ ކުރިން ބެލިފައި އޮތް ގޮތުގައި ރަށަށް ބަލި ފެތުރުނީ އެމީހާގެ ފަރާތުންނެވެ. އެހެން ނަމަވެސް އެޗްއީއޯސީން ބުނި ގޮތުގައި، މިހާތަނަށް ފެނުނު ކޭސްތަކަށް ބަލާއިރު ބަލި ރަށު ތެރެއިން މާ ކުރިންވެސް ފެތުރިފައިވާކަމަށް ލަފާ ކުރެވެ އެވެ.

ދެއްވަދޫ ކްލަސްޓާއާ ގުޅުންހުރި ކޭސްތައް ހުޅުމާލެއާއި ލ. ފޮނުދޫއިންވެސް ފެނުނެވެ. އެއީ ލ. ފޮނަދުއިން ޕޮޒިޓިވްވި ހަތަރު މީހަކާއި ހުޅުމާލެއިން ޕޮޒިޓިވްވި ދެ މީހެކެވެ.