29 Jan 2012, 09:13
އދ. މަޖިލިސް (ޖަނަވަރީ 29) : ފަލަސްތީނުގެ ރައްޔިތުންގެ ގެދޮރާއި ފަލަސްތީނުގެ ސަރުކާރާއި ރައްޔިތުންގެ ޢިމާރާތްތައް ތަޅައިސުންނާފަތިކުރުމަށް އިސްރާއީލުން ގެންގުޅޭ ސިޔާސަތު ފާއިތުވި އަހަރުވެސް ފުޅާދާއިރާއެއްގައި ތަންފީޒު ކުރިކަމަށް އދ. ން ބުނެފިއެވެ.
ހިފާފައިވާ ބިންތަކުގައި ހުންނަވާ އދ. ގެ އިންސާނީ ކަންތައްތަކާބެހޭ ކޯޑިނޭޓަރ މެކްސުވީލް ގިލާޑް ވިދާޅުވީ އިސްރާއީލުން ފަލަސްތީނުގެ ގެދޮރު ތަޅައި ބިމާހަމަކޮށްލުމުގެ ސަބަބުން 2011 ވަނައަހަރު އެކަނިވެސް އެއްހާސް އެއްސަތޭކަ މީހުން ގެދޮރުނެތްމީހުންގެ ގޮތުގައި މަގުމަތީގައި އުޅެންޖެހިފައިވާއިރު މީގެތެރޭގައި 29 ކުޑަކުށްޖަކު ހިމެނޭކަމުގައެވެ.
މިއަހަރުވެސް ފަލަސްތީނުގެ ގެދޮރު ތެޅުމުގެ ސިޔާސަތު ތަންފީޒުކުރަން އިސްރާއީލުން ވަނީ ފަށާފައި ކަމަށާއި މިގޮތުން މިދިޔަ ހަފްތާގައި އެކަނިވެސް ފަލަސްތީނުގެ 17 ޢިމާރާތެއް އިސްރާއީލުން ތަޅައި ބިމާހަމަކޮށްލާފައިވާ ކަމަށް ގިލާޑް ވިދާޅުވިއެވެ. މި 17 ޢިމާރާތުގައިވެސް ގިނައީ މީހުން ދިރިއުޅޭ ޢިމާރާތްތަކެވެ.
އިސްރާއީލުން ފަލަސްތީނުގެ ގެދޮރު ތަޅަނީ ދެ ބަހަނާއެއް ދެއްކުމަށްފަހުގައެވެ. އެއް ބަހަނާއަކީ އިސްރާއީލާ ދެކޮޅަށް މިނިވަންކަމަށް ޓަކައި ޖިހާދުކުރުމެވެ. މިނިވަންކަމަށްޓަކައި އިސްރާއީލާ ދެކޮޅަށް ފިދާއީ ޙަމަލާތައްދޭ މީހުންގެ ގެދޮރާއި އެމީހުންގެ ޢާއިލާތަކުގެ ގެދޮރު ވަގުތުން އިސްރާއީލުގެ ސިފައިން ތަޅާލައެވެ.
ދެވަނަ ބަހަނާއަކީ އިސްރާއީލުގެ އިސްތިޢްމާރީ އިދާރާތަކުން ހުއްދަ ނުނަގައި ގެދޮރު ޢިމާރަތްކުރާކަމަށްބުނެ ގެދޮރު ތަޅާލުމެވެ. އިސްރާއީލުގެ އިސްތިޢްމާރީ އިދާރާތަކުން ހުއްދަ ނުނަގައި ގެދޮރު ބިނާކުރަން ފަލަސްތީނު ރައްޔިތުންނަށް މަޖްބޫރުވަނީ ފަލަސްތީނުގެ ބިންތަކުގައި ގެދޮރު ޢިމާރަތް ކުރުމުގެ ހުއްދަ މިއިދާރާތަކުން ނުދީ ހިފަހައްޓާތީއެވެ.
އދ. އިންސާނީ ކަންތައްތަކާބެހޭ އޮފީހުން ނެރުނު ބަޔާނެއް ބުނާގޮތުން 2011 ވަނަ އަހަރު އިސްރާއީލުން ފަލަސްތީނުގެ 622 ގެއެއް ތަޅައި ބިމާ ހަމަކޮށްލާފައިވެއެވެ. މިގެތައް ތަޅާލުމުގެ ސަބަބުން އިތުރު 2200 ގެއަށް ގެއްލުންލިބި ރެނދުލާފައިވެއެވެ. މީގެއިތުރުން އެތަށް ސަތޭކަ ވިޔަފާރި ޢިމާރާތަކާއި އިދާރީ ޢިމާރާތްތައްވެސް 2011 ވަނަ އަހަރު އިސްރާއީލުން ތަޅާލާފައިވާ ކަމަށް އދ. ގެ ރިޕޯޓް ބުނެއެވެ.
މިއީ ފަލަސްތީނުގެ ބިމުގައި އިސްރާއީލެވެކިޔާ ޔަހޫދީ ޒަޔަނިސްޓް އިސްތިއްމާރީ ދައުލަތް އުފެއްދިފަހުން އިސްރާއީލުން ތަންފީޒު ކުރަމުންގެންދާ އިންސާނިއްޔަތު ކަމެއްނެތް އަނިޔާވެރި އެތަށް ސިޔާސަތެއްގެ ތެރޭން އެއްސިޔާސަތެވެ.
އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ އެމެރިކާގެ ޖަމާއަތެއް ކަމަށްވާ ހިޔުމަން ރައިޓްސް ވޮޗް އިންވެސްވަނީ ފަލަސްތީނު ރައްޔިތުންގެ ގެދޮރު ތަޅައި އިސްރާއީލުން ފަލަސްތީނުގެ ޢާއިލާތައް މަގުމަތިކުރުމަށް ހިންގާ ޖަރީމާތައް ކުށްވެރިކޮށް މިދިޔަ އަހަރުވެސް އެތަށް ބަޔާނެއް ނެރެފައެވެ.
ގެދޮރުތަޅައިގެން އިސްރާއީލުން މަގުމަތިކުރުވާ ފަލަސްތީނުގެ އާއިލާތަކަށް ބަދަލު ދިނުމަށާއި މި ލާއިންސާނީ ޖަރީމާ ހުއްޓާލުމަށް ހިޔުމަން ރައިޓްސް ވޮޗް އިން އިސްރާއީލަށްވަނީ ގޮވާލާފައެވެ. -- އަލްޖަޒީރާ