ބިއްލޫރި ޕެލެޓެއް ދަށުވެ، އަނިޔާވި އެކަކު މަރުވެއްޖެ އެވެ.

މި މަހު ހަތް ވަނަ ދުވަހު އެމްޕީއެލް ވިޔަފާރި ބަނދަރުގައި ހިނގި ނުރައްކާތެރި އެ އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވި އެވެ. މަރުވެފައި ވަނީ އެ ހާދިސާގައި އެންމެ ބޮޑަށް ޒަހަމްވިި އުމުރުން 27 އަހަރުގެ ނ. ލަންދޫ ފޭރުގަސްދޮށުގެ، އަބްދުﷲ އާސިމެވެ.

އޭނާ ރޭ ފަތިރު 5:40 އެހާކަންހާއިރު މަރުވެފައިވާކަން އައިޖީއެމްޗުން "ސަން"އަށް ކަށަވަރުކޮށްދެ އެވެ.

އައިޖީއެމްޗުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އޭނާ މަރުވެފައި ވަނީ ހާލު ރަނގަޅުވުމަށް ފަހު، ވޯޑަށް ބަދަލުކޮށް، އަނެއްކާ ވެސް އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

އެމްޕީއެލް އިން މީގެ ކުރިން ބުނެފައިވާ ގޮތުން، އެ ހާދިސާ ހިނގަން މެދުވެރިވީ ބިއްލޫރި ޕެލެޓެއް ކޮންޓޭނަރުން ނެރުމަށް، ފޯކް ލިފްޓު ބޭނުންކޮށްގެން މަސައްކަތްކުރުމުގެ ތެރޭގަ އެވެ.

ބިއްލޫރި ޕެލެޓް އަރިއަޅާލި ވަގުތު، އެ ޕެލެޓް ނެރުމަށް ހަރަކާތްތެރިވަމުންދިޔަ މަޖޫރިއަކު ޕެލެޓްގެ އަރިމަތީގައި ތާށިވެފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.