29 Jan 2012, 09:09
ސަރުކާރު ހިންގާ އެމްޑީޕީގައި ބާރާއި ނުފޫޒު ގަދަ ބޭފުޅެއްގެ ގޮތުގައި މިހާ ދުވަހަށް ހުންނެވުމަށް ފަހު އަލުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވަނީ ޖުމްހޫރީ ޕާޓީގެ ކުރި މަގާއި ރާއްޖޭގެ މިއަދުގެ ސިޔާސީގެ މަސްރަހުގެ މައްޗަށް ވާހަކަފުޅު ދައްވައިފަ އެވެ. އޭނާ އެންމެ ބޮޑަށް ބާރު އަޅުއްވައި ވިދާޅުވަނީ ޖުމްހޫރީ ޕާޓީ އިން ސިސްޓަމެއް ގާއިމްކޮށް އަންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ރިޔާސީ ކެންޑޭޓެއް ނެރުއްވާނެ ކަމަށެވެ. އަދި އެ ޕާޓީގެ ކެންޑިޑޭޓަށް ވެރިކަން ލިބިއްޖެ ނަމަ "ރޮލެކްސް" ގަޑިއެއް ހިނގާ ފަދައިން ރާއްޖެ ފުރިހަމައަށް ހިނގައިގަންނާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވުމަށް ފަހު ދެން ވިދާޅުވަނީ ރައީސްލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ދެން "ހީރޯ" އަކަށް ވެވަޑައި ނުގެންނެވޭނެ ކަމަށާއި ދެން ވެވަޑައިގެންނެވޭނީ "ޒީރޯ" އަކަށް ކަމަށެވެ.
"ޖުމްހޫރީ ޕާޓީން މިހާރު މި ވިސްނަނީ ޕާޓީން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރިޔާސީ ކެންޑިޑޭޓަކު ނެރެން އަޅުގަނޑުމެންގެ ޕާޓީއަށް ރާއްޖޭގެ ރައީސް ކަމުގެ މަގާމު ރައްޔިތުންގެ ތާއީދާއެކު ގެންނަން. ވަކި ކުލައެއް ޖެހިފައި އޮންނަ ގޮތަކަށް ނޫން. އަޅުގަނޑުމެން މި ވިސްނަނީ ރާއްޖޭގައި ރައްޔިތުންނަށް ހިދުމަތް ކުރާނެ، ގައުމިއްޔަތާ ވަތަންދެކެ ލޯބިވާ އިގްތިސޯދު ކުރިއަރުވާ ބޭފުޅެއް،" ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މަސްލަހަތު އޮންނަ ވީޓީވީ އަށް ޖާބިރު ރޭ ދެއްވެވި ހާއްސަ އިންޓަވިއުއްގައި ވިދާޅުވި އެވެ. "ރާއްޖޭގެ ރައްޔިތުން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަށް 2013 އިގެ ރިޔާސީ އިންތިހާބުގައި ވޯޓް ދެއްވައިފި ނަމަ ރާއްޖެ، ރޮލެކްސް ގަޑިއެއް ހިނގާ ގޮތަށް އެއްވެސް މައްސަލައެއް ނުޖެހި ހިނގާނެ ކަމުގެ ގެރެންޓީކޮށްދެން. ރައްޔިތުން އުފާ ފާގަތިކޮށް ތަހުޒީބު ބައެއްގެ ގޮތުގައި ދައްކާނެ،"
ޖާބިރު ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީ އަލުން ޑިޒައިންކޮށް ސިސްޓަމަކާ އެކު އަންނާނެ އެވެ. އަދި ވަރަށް ގިނަ ބަޔަކު އެ ޕާޓީއާ ގުޅެމުންދާއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ގާބިލު އިލްމީ ބޭފުޅުން ހިމެނިވަޑައގަންނަވާނެ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވާނެ" އެމްޑީޕީގެ ފަންޑް ރައިޒިން ކޮމެޓީގެ މެންބަރު، ފައިސާ ވެރިޔާ ވިދާޅުވި އެވެ. އޭނަ އަދި ވިދާޅުވީ އެހެން ކޮންމެ ޕާޓީއެއް ވެސް އޮންނަނީ ވަކި މީހެއްގެ އެއްޗެއްގެ ގޮތުގައި ލޭބަލްވެފައި ކަމަށާއި އެގޮތް ނޯންނަ ގޮތަށް ޖުމްހޫރީ ޕާޓީގެ ސިސްޓަމް ފަރުމާ ކުރައްވަނީ 85000 މީހުންގެ މެންބަޝިޕެއް އޮތް ޕާޓީއަކަށް ހެދުމަށް ކަމަށެވެ.
"[ރާއްޖޭގެ] ވޯޓިން އާބާދީއަކީ ލައްކައެއްހާ މީހުން. އަޅުގަނޑުމެން ޖުމްހޫރީ ޕާޓީން ޓާގެޓް ކޮށްފައި ވަނީ 85000 މީހުން ޕާޓީއަށް ވެއްދުމަށް ޓަކައި،" ޖާބިރު ވިދާޅުވި އެވެ.
ސިޔާސީ އާ ޕްލެޓްފޯމެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީ ޑިޒައިން ކުރާއިރު ޖާބިރު ވިދާޅުވަނީ އޮފީސް ސެޓަޕް ބަދަލުވެ މާލެ އާއި އަތޮޅުތަކުގައި އެ ޕާޓީގެ ހަރުގެތަކާއި ޕްރޮމޯޝަނަލް އޮފީސްތައް ހަދައި ރާއްޖޭން ބޭރުގެ ފަރާތްތަކާ އެކު މުއާމަލާތް ކުރާނެ ފޮރިން ޕޮލިސީއެއް އޮންނާނެ ކަމަށެވެ. ވިދާޅުވި އެވެ: "މާލެއެކޭ އެއްގޮތަށް އަތޮޅުތަކުގައި ވެސް ސިޔާސީ ވާހަކަ ދައްކަން ޕާޓީގެ ހަރުގެތައް ހުންނާނެ. އަތަންތަނުގައި ގުޅަބަޖިޔާއާ ސައިވެސް ވިއްކާނެ. ރަށްރަށުގެ ހަރުގެތަކަށް އެރަށެއްގެ އަންހެން ބޭފުޅުންނަށް ހެދިކާ ވެސް ވިއްކޭނެ،"
ޖުމްހޫރީ ޕާޓީ އަލުން ތެދުވަނީ ރައްޔިތުންނަށް ޓަކައި ރާއްޖެ މިހާރު އޮތް ހާލަތުން މިންޖު ކޮށްދޭން ކަމަށާއި މިއީ ރަނގަޅު މެނޭޖެމެންޓާއި ރަނގު މާލިއްޔަތާއި ފުރުސަތާއި ބަދަލާ އެކު ތެދުވާ ތެދުވުމެއް ކަމަށާއި މިހާރު ރާއްޖެ އޮތީ ޕެރަލައިޒް ވެފައި ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.
"ރާއްޖޭގެ އޮތީ ގާތްގަނޑަކަށް ޕެރަލައިޒްވެފައި. ސަރުކާރަށް ހިންގަން ތިއްބެވި ބޭފުޅުންނަށް ސަރުކާރު ހިންގާކަށް ނޭންގުނު. ކުރަމުން ދަނީ ކުރަން ނުޖެހޭ ކަންކަން އަސްކަރީން ބޭނުންކޮށްގެން. ރާއްޖެއާ މެދު ޓުއައޮޕަރޭޓަރުން ނާއުންމީދުވެއްޖެ. ސަރުކާރުން އަމަލު ކުރަން ފެށި ނުރަނގަޅު ގޮތްތަކުގެ ސަބަބުން އެންމެން ވަނީ ކަންބޮޑުވެފައި، އޭގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުން ރައްޔިތުންނަށް ދަނީ ވަމުން،"
އޭނަ ވިދާޅުވީ ތިން އަހަރު ދުވަހުގެ ތެރޭގައި ނިއުޔޯކަށް ރާއްޖެ ހަދައި ދިނުމަށް ރައްޔިތުން ނޭދޭ އެއީ ޑިމޮކްރަސީ ކަމަށް ވިޔަސް ތަރައްގީ ކަމަށް ވިޔަސް ޓޫރިޒަމް ކަމަށް ވިޔަސް ވަގުތު ބޭނުންވާނެ ކަމަށެވެ. އެކަމަކު ރައީސް ނަޝީދު ހީރޯއަކަށް ވެވަޑައިގަންނަވަން ފައިބައި ވަޑައިގަތީ ޒީރޯއަށް ކަމަށެވެ.
"[ރައީސް ނަޝީދު] ހީރޯއަކަށް ވެވަޑައިގަންނަވަން އުޅުއްވަނީ މުޅި ސިސްޓަމް ފުނޑާލައިގެން،" ޖާބިރު ވިދާޅުވި އެވެ.
އެމްޑީޕީއަކީ ވަރަށް ބާރަށް ކުރިއަރާ ކާމިޔާބުތައް ހޯދި ޕާޓީއެއް ކަމަށާއި އެކަމަކު އެހުރިހާ ކާމިޔާބީއެއް ރައީސް ނަޝީދު މުޅިން ފުނޑާލާއި ޕާޓީގެ އަގާއި އަބުރާއި ކަރަމާތް ރައްޔިތުންގެ ކުރިމަތީގައި ވެއްޔާ މޮޑެލާފައިވާ ކަމަށް ވެސް ޖާބިރު ސިފަ ކުރެއްވެވި އެވެ.
"އިގްތިސޯދަށް ބަލާއިރު އޯވަނައިޓަކުން ރައީސް ނަޝީދު ބޭނުންފުޅުވެއްޖެ މިތަން ނިއުޔޯކަށް ހަދަން. ރަނގަޅު ހިޔާލުފުޅެއް އެކަމަކު ކަންކަން ބައްޓަން ކުރަން ޖެހެނީ އަތުގައި ހުރި ރިސޯސަސްއާ އެއްވަރަށް. އިގްތިސޯދީ ބަޔަކު ދައްކާ ވާހަކައެއް އަޑުއައްސަވަނީއެއް ނޫން. ފައިނޭންޝަލް އެޑްވައިޒަރުން ވިޔަސް، ހުރިހާ ކަމަށް މޮޅު ވަޑިއެއްމީ. އެހެންވީމާ އެކަމެއް ނުވާނެ ފިޔަވަޅު އަޅާނީ ފަހަތަށް،"
ޖާބިރު ވިދާޅުވީ ރާއްޖޭގެ ހާލަތަކީ ކުރަން ނުޖެހޭ ބޭކާރު ހަރަދުތައް ރައީސް ނަޝީދު ކުރެއްވުން ކަމަށާއި ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތައް ނުބައްލަވައި ޕޮލިސީތައް ރޭއްވެވުމުގެ ސަބަބުން ރާއްޖެއާއި ދުނިޔޭގެ ބާޒާރުގެ ގުޅުންތައް ގެއްލި ގާތްތިމާގެ މީހުންނަށާއި ރައްޓެހިންނަށް މުދާ ބެއްސެވުން ކަމަށެވެ. އެކަންކަން ފެށުމުން އެއްޗެހީގެ ވެލިޔު ގެއްލިގެން ދިއުން އެއީ ރާއްޖެ އަށް ދިމާވެފައިވާ މައްސަލަ ކަމަށެވެ.
"ދެން މިވިދާޅުވަނީ ކޯތްޓަކުގެ ތަޅު އަޅުވާނަމޭ ފަނޑިޔާރުން ގެއްލުވާލާނަމޭ ދެން ހުރި މީހަކަށް މިވެނިހެން ހަދާނަމޭ، ތިމަންނާގެ ނުބައި ނުލަފާކަން ދައްކާނަމޭ. ދިވެހި ރާއްޖޭގެ ހީރޯއަކަށް ރައީސް ނަޝީދަކަށް ދެނެއް ނުވެވޭނެ. ޒީރޯއަކަށް ދެން ވާނީ މީހަކު އޭނާއަކަށް އިހުތިރާމެއް ނުކުރާނެ. ކުރާކަށް ޖާގައެއް ނެތެއް ނޫންތޯ؟"
އަބަދުވެސް ހަމަނުޖެހުންތަކާ ދެކޮޅު ހައްދަވާނެ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ. ދެން ވިދާޅުވީ ވަކި ހިސާބަކުން ގައުމު ހުއްޓި ގައުމު ހިންގާވީން ގޮތް ރައީސް ނަޝީދަށް އެނގިވަޑައި ނުގެންނެވުމުން ރައްޔިތުންނަށް ބަލަން ނުތިބެވޭނެ ކަމަށާއި ރާއްޖޭގެ ފުރަތަމަ ދިމޮކްރެޓިކް ރައީސް ރައްޔިތުންނާ މެދު މިހާ ނިކަމެތިކޮށް ކަން ކުރައްވާނެ ކަމަށް ކުރިން ހީފުޅު ނުކުރައްވާ ކަމަށެވެ. ރާއްޖޭގެ އެއްވެސް މަގާމަކަށް ރައީސް ނަޝީދު މިހާރު ފިޓް ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ދިވެހި ރާއްޖޭގެ އެއްވެސް މަގާމަކަށް ރައީސް ނަޝީދު ފިޓެއް ނުވޭ، އެއީ ކަރަންޓް ސިނާރިއޯއަކީ.]ފެންނަން އޮތް ހަގީގަތެއް[ އެބޭފުޅާ ގަބޫލު ކުރައްވަންވީ އަވަހަށް އިސްތިއުފާ ދެއްވައި މި އޮތް ތަނުން ވެސް ގައުމު ސަލާމާތް އައްސޭރިއަކަށް ގެންދިއުމުގެ ފުރުސަތު ދޭން،" ޖާބިރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖެއަކީ ރައީސް ނަޝީދާއި އެމަނިކުފާނުގެ އާއިލާގެ ވެސް ގައުމު ކަމަށާއި މިހާ ބޮޑު ގޯހަކާ އެކު ގައުމަށް ދެރަ ދެއްވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
"އެބޭފުޅާ ބޭނުންފުޅުވީމާ ރައްޔިތުންގެ މަޖިލީހުގެ އެހެން މެންބަރު ގަނެގެން ގެންދަނީ. އެކަން ކުރެއްވީ! މިހުރިހާ ކަމެއް ވެސް އޭބެފުޅާ ކުރައްވައިފި! ދެން މައިތިރިވާން އެބަޖެހޭތާ!"
ޖާބިރު ވިދާޅުވީ ރައީސް މައުމޫންގެ ވެރިކަން ނިމުމުން ހަމަނިދި ނިދާލެއްވޭނެ ކަމަށް ހީފުޅު ކުރެއްވުނު ނަމަވެސް މިޙާރު މާ ގޯސް ކަމަށާއި އޭރު ސިސްޓަމެއް އޮވެގެން ވެރިކަން ކުރެއްވި އިރު މިހާރު ވެރިކަން ކުރައް ވަނީ ޖާހިލީ ޒަމާނުގެ އުސޫލަށް ކަމަށެވެ. ކޯޓްގެ ހުކުމްތައް ބަލައި ނުގަންނާ ކަމަށް ރައީސް ވިދާޅުވުމުން ގެއަށް ދާއިރު އަބިމީހާ ވަރިނުވާ ކަން އެނގޭ މީހަކު ނެތް ކަމަށެވެ. އެތައް ޒާމަނެއްގެ ފަހަތަށް ރައީސް ނަޝީދު ރާއްޖެ ގެންދިއުމުން އެ ލައްގަނޑު ދެން ފިލުވޭނެ ގޮތެއް ނެތް އިރު ރައްޔިތުން ނުކުމެ މިއަދު މާ ބާރަކަށް އުޅެން ޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ކުރިން އެނގޭ އިސްތަފާ އިބްރާހިމް މަނިކު އިންނަވާނެކަން. އޭނާ ގާތަށް ދިޔައިމާ ހައްޔަރުކަން ކުރާނީ. މިހާރު ވާނުވާއެއް ނޭނގޭ މާނުބައި. އެ ޒަމާނުގައި އަޅުގަނޑު އަޑެއް ނާހަން ފަނޑިޔާރަކު ގެއްލުވާލި ވާހަކައެއް. މިހިސާބަށް ދިޔައިމާ އެބެޖެހޭ މަސައްކަތް ކުރަން . ރައީސް ނަޝީދާ ކުރާކަށް އިތުރު މަޝްވަރާއެއް ނެތް. އޮތީ އެމަނިކުފާނު އިސްތިއުފާ ދެއްވުން. އަޅުގަނޑަކަށް ނޭނގޭ ދިވެހިން ކީއްވެގެން ކަމެއް [ރައްޔިތުން] މަޑު މިތިބެނީ. ހަމަ ގެއިން ނެރެންވީ، ގޮސް ހަމަ ގެއިން ނެރެންވީ!" ޖާބިރު ވިދާޅުވި އެވެ.