މާޒީއަށާއި ކުރިމަގަށް ދަތުރު ކުރެވޭނެ ފަދަ މަގެއް އޮވެދާނެތޯ، ނުވަތަ އެފަދަ ދަތުރެއް ކުރެވޭނެ އުޅަނދެއް ތައްޔާރު ކުރެވިދާނެތޯ، މިއީ ބައެއް މީހުން ކުރާ ސުވާލެކެވެ. ޕެސިފިކް މާކަނޑުގައި އޮންނަ ޖަޒީރާ ގައުމެއް ކަމުގައިވާ ސަމޯއާގެ މީހުންނަށް މިއީ އާ ކަމެއް ނޫނެވެ. އެމީހުން ވަނީ މީގެ 119 އަހަރު ކުރީން މާޒީވެ ދިޔަ ފުރިހަމަ ދުވަހެއް ލިބިގަނެފައެވެ. ނިމިގެން މިދިޔަ 2011 ވަނަ އަހަރު އެމީހުންވަނީ ބުރާސްފަތި ދުވަހަށް ފަހު، ހުކުރު ދުވަހާ ބައްދަލު ނުކޮށް، ހޮނިހިރު ދުވަހަށް މަރުހަބާ ކިޔާފައެވެ. “ދުނިޔޭގެ ދުވަސްބަދަލުވާ ރޮނގު” ނުވަތަ “އިންޓަނޭޝަނަލް ޑޭޓް ލައިން” އަށް ކުޑަކުޑަ ބަދަލެއް ގެނެސްގެންނެވެ.

މިއީ ސަމޯއާއިން ޑޭޓް ލައިނަށް ބަދަލު ގެނައި ދެވަނަ ފަހަރެވެ. މީގެ 119 ވަރަކަށް އަހަރު ކުރިން ސަމޯއާ އޮތީ ޑޭޓް ލައިންގެ ހުޅަނގު ބިތުގައެވެ. ކުރީން އެއް ގައުމެއްގެ ގޮތުގައި އޮތް ސަމޯއާގެ އިރުމަތީ ފަޅި އާއި ހުޅަނގު ފަޅި 19 ވަނަ ގަރުނުގައި އެމެރިކާ އާއި ޖަރުމަނުން ބައިކޮށްލުމުން، ސަމޯއާ ޖަޒީރާގެ އެއް ބައި ކަމުގައިވާ އިރުމަތީ ސަމޯއާ އޮންނަނީ އެމެރިކާގެ ވެރިކަމުގެ ދަށުގައި، އެމެރިކަން ސަމޯއާގެ ގޮތުގައެވެ. އެމެރިކާ އޮންނަނީ ޑޭޓް ލައިނުގެ އިރުމަތީގައި ކަމަށް ވާތީ، އެމެރިކާއާ މުއާމަލާތް ކުރުމަށް ޓަކައި ފަސޭހައަކަށް 1892 ވަނަ އަހަރުގެ ޖުލައި މަހުގެ 4 ވީ ހޯމަ ދުވަހާ ޖެހިގެން އައި ދުވަހު، ސަމޯއާއިން އެ ގައުމުގެ ހުޅަނގަށް ޑޭޓް ލައިން ބަދަލުކޮށް، ޑޭޓް ލައިނުގެ އިރުމަތީ ބިތަށް ބަދަލުވިއެވެ. ޑޭޓްލައިނުގެ އިރުމަތީ ބިތުގައި އެ ދުވަހަކީ ހޯމަ ދުވަހެވެ. އެހެން ކަމުން އެ އަހަރު ސަމޯއާއަށް ވަނީ ޖުލައި މަހުގެ 4 ވީ ހޯމަ ދުވަސް ދެ ފަހަރަށް އައިސްފައެވެ.

އޭރާ ހިލާފަށް މިހާރު ވިޔަފާރި އާއި އެފަދަ އެެހެން މުއާމަލާތްތައް އެމެރިކާއަށް ވުރެ ބޮޑަށް ސަމޯއާއެކު ކުރަނީ ޑޭޓްލައިނުގެ ހުޅަނގު ބިތުގައި އޮތް އޮސްޓަރުލިޔާ އާއި ނިއުޒިލޭންޑެވެ. ޑޭޓް ލައިނުގެ ދެ ބިތުގައި ތިބުމުގެ ސަބަބުން ސަމޯއާ އާއި މި ދެ ގައުމާ ދެމެދު ބަރާބަރު 24 ގަޑިއިރުގެ ތަފާތު ހުރެއެވެ. މީގެ ސަބަބުން ހަފްތާއަކު ދެ ދުވަސް ގެއްލެއެވެ. ސަމޯއާގެ ހުކުރު ދުވަހަކީ ނިއުޒިލެންޑާއި އޮސްޓަރުލިޔާގައި ހޮނިހިރު ދުވަހެވެ. އަނެއްކޮޅުން ސަމޯއާއަށް އާދީއްތަ ދުވަސް ބަންދުވާއިރު، އެ ދުވަހަކީ ނިއުޒިލެންޑާއި އޮސްޓަރުލިޔާގައި ހޯމަ ދުވަހެވެ. މި ސަބަބަށް ޓަކައި ސަމޯއާއިން އަނެއްކާ ވެސް ޑޭޓް ލައިނުގެ ހުޅަނގު ބިތަށް ބަދަލު ވުމަށް ނިންމައި އެކަމަށް ގާނޫނެއް ފާސްކުރިއެވެ.

މީގެ 119 އަހަރު ކުރީން ސަމޯއާއިން ޑޭޓް ލައިނުގެ އިރުމަތީ ބިތަށް ބަދަލުވިއިރު އެއް ދުވަސް ވީ ތަކުރާރެވެ. އެހެން ނަމަވެސް ޑޭޓް ލައިނުގެ ހުޅަނގަށް ބަދަލުވާއިރު އެއް ދުވަސް ގެއްލެނީއެވެ. އެހެންކަމުން ސަމޯއާގެ ސަރުކާރުން ވަނީ 29 ޑިސެންބަރު 2011 ވާ ބުރާސްފަތި ދުވަހުގެ ފަހުން ދެން އަންނާނީ 31 ޑިސެންބަރު 2011 ވާ ހޮނިހިރު ކަމުގައި ހަމަޖައްސާފައެވެ. ވީމާ އެ ގައުމުގެ ސަރުކާރުގެ ރަސްމީ އެއްވެސް ލިޔެކިޔުމަކުން 30 ޑިސެންބަރު 2011 ވީ ހުކުރު ދުވަހުގެ ތާރީހު ފެންނާކަށް ނޯންނާނެއެވެ. އަދި އެންމެ އަވަށްޓެރި އެމެރިކަން ސަމޯއާއާ ހުޅަނގު ސަމޯއާ ދެމެދު މިހާރު ބަރާބަރު 24 ގަޑި އިރުގެ ތަފާތު ހުންނާނެއެވެ. ކުރީން އޮތް ގޮތުން ކޮންމެ ތާރީހެއްގެ ވެސް އެންމެ ފަހުން އިރުއޮއްސޭ ގައުމަކީ ސަމޯއާއެވެ. އެހެން ނަމަވެސް މިހާރު ކޮންމެ ތާރީހެއްގެ ވެސް އެންމެ ފުރަތަމަ އިރު އަރާ އެއް ގައުމަކަށް ވާނީ ސަމޯއާއެވެ.

2011 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ އެންމެ ފަހު ހުކުރު ކަލަންޑަރުން އުނިކުރުމަށް ސަމޯއާގެ ސަރުކާރުން ނިންމުމުން، ސަމޯއާ މުސްލިމް ލީގުން މި ނިންމުމާ މެދު ފާޅުގައި އެއްޗެކޭ ބުނެފައި ނުވިޔަސް، ހުކުރު ދުވަސް ގެއްލިގެން ނުވާނެ ކަމަށް ވަނީ ނިންމާފައެވެ. ސަމޯއާގެ މުސްލިމް ލީގުން ކަނޑައެޅި ވިސްނުމަކީ، ޑޭޓް ލައިން ބަދަލު ވުމަށް ފަހުގައި ސަމޯއާއަށް ހުކުރު ދުވަސް އަންނާނީ އަވަށްޓެރި ޓޮންގާ އާއި އޮސްޓްރޭލިޔާ އާއި ނިއުޒިލޭންޑާ އެއް ދުވަހެއްގައި ކަމަށް ވާތީ 2011 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ އެންމެ ފަހު ހުކުރު ނަމާދު ޓޮންގާގެ މުސްލިމުންނާ އެއް ވަގުތެއްގައި ކުރުމަށެވެ. ސަމޯއާ މުސްލިމް ލީގުގެ އިމާމު މުޙައްމަދު ބިން ސްޓޭންލީ މިކަމާ ބެހޭ ގޮތުން ވިދާޅުވީ، 1892 ގައި ޑޭޓް ލައިނުގެ އިރުމައްޗަށް ސަމޯއާ ބަދަލުވުމުން އެ ފަހަރު ތަކުރާރުވީ ހޯމަ ދުވަސްކަމުން، ޑޭޓް ލައިނުގެ ހުޅަނގަށް ބަދަލުވާއިރު އުނި ކުރަން ވެސް ޖެހޭނީ ހޯމަ ދުވަސް ކަމަށާއި ހުކުރު ދުވަސް ނޫން ކަމަށެވެ.

މި ހިސާބުން ދުނިޔޭގެ ދުވަސް ބަދަލުވާ ރޮނގު” ގެ ތާރީހަށާއި ދުވަސް ފުރިހަމަވުން ކަނޑައަޅާ ގޮތަށް ބަލައިލަމާ ހިނގާށެވެ.

ދުނިޔޭގެ ހަޔާތުގައި ރޭދުވާ ތަކުރާރު ވަމުން ދަނީ އިރުގެ ވަށައިގެން ދުނިޔެ ފުރިހަމަ ކުރަމުންދާ ބުރުތަކާ އެކީގައެވެ. ކޮންމެ ދުވަހެއް ވެސް ފެށެނީ އިރުގެ އަލިވިލުމާއެކުގައެވެ. އިރުއޮއްސި އަނދިރިވުމުން އެ ދުވަހަށް ނިމުން އާދެއެވެ. ދެން އަނެއްކާ ވެސް އަނެއް ދުވަހަކަށް އިރު އަރައެވެ. މި ގޮތަށް އިރު އަރައި އޮއްސޭއިރު، ދައުރުވަމުންދާ އިރާއެކު ދުނިޔެ ވަށައިގެން އަލިކަން ދަތުރު ކުރެއެވެ. އަދި އިރު ނެތް ފަޅީގައި ހަމަ މި ބީދައިން އަނދިރިކަން ވެސް ދުނިޔެ ވަށައިގެން ދަތުރު ކުރެއެވެ.

ވަކި ރަށެއްގެ ނިސްބަތުގައި ބަލާއިރު، ކޮންމެ ދުވާލެއްގައި ގާތް ގަނޑަކަށް ބާރަ ގަޑިއިރު އަދި ކޮންމެ ރޭގަނޑެއްގައި ވެސް ގާތްގަނޑަކަށް ބާރަ ގަޑިއިރު އެކުލެވިފައި ވިޔަސް، ދުނިޔޭގެ ނިސްބަތުގައި ސައުވީސް ގަޑިއިރުގެ އަލިކަމާއި، ސައުވީސް ގަޑިއިރުގެ އަނދިރިކަން ތަޖުރިބާ ކުރަންޖެހެއެވެ. އިރުގެ ވަށައިގެން ދުނިޔެ ޖަހާ ބުރު ފުރިހަމަ ވަނީ ސައުވީސް ގަޑިއިރުން ކަމުގައިވާ އިރު، އިރާވީ ފަޅީގައި އަބަދުވެސް އޮންނާނީ އަލިކަމެވެ. އަނެއް ފަޅީގައި އަނދިރިކަމެވެ. އެހެންކަމުން މި ބުރު ފެށެނީ ކޮން ހިސާބަކުން ކަން ކަނޑައެޅިގެން ނޫނީ ދުވަހުގެ ފެށުން ދެނެގަނެވޭނެ ގޮތެއް ނޯންނާނެއެވެ.

ދުނިޔެއަކީ ވަށްކޮށް އޮތް ތަނެއް ކަމުގައި ވާތީ ދުވަސް ފެށޭނީ، އަނެއް ދުވަސް ނިމޭ ހިސާބުންނެވެ. މި ނުގުތާގެ އެންމެ ކައިރިން ހުޅަނގު ފަޅީގައި ތިބޭ މީހުންނަކީ އައު ދުވަހެއްގެ އަލިކަން ފުރަތަމައަށް ލިބޭ މީހުންނެވެ. މި ނުގުތާގެ އެންމެ ކައިރިން އިރުމަތީ ފަޅީގައި ތިބޭ މީހުންނަކީ މި ދުވަހުގެ އަލިކަން އެންމެ ފަހުން ލިބޭނެ މީހުންނެވެ. ހަމަ އެ ވަގުތު އަނެއް ބައިމީހުންނަށް އަނެއް ދުވަސް ފެށޭނެއެވެ. އެހެންކަމުން ދުވަސް ބަދަލުވާ ނުގުތާގެ އެންމެ ކައިރިން ހުޅަނގު ފަޅީގައި އޮންނަ ބިމަށް ހުކުރު ދުވަހުގެ އިރު އަރާ ވަގުތަކީ، ހަމަ އެ ނުގުތާގެ އެންމެ ކައިރިން އިރުމަތީ ފަޅީގައި އޮންނަ ބިމަށް ބުރާސްފަތި ދުވަހުގެ އިރު އަރާ ވަގުތެވެ. އެހެން ކަމުން އެއް ބަޔަކަށް ހުކުރު ވަގުތު ވާއިރު އަނެއް ބައިމީހުންނަށް ވާނީ ބުރާސްފަތި ދުވަހުގެ މެންދުރު ވަގުތެވެ. މި މީހުންނަށް ހުކުރު ވަގުތުވާނީ ސައުވީސް ގަޑިއިރު ފަހުންނެވެ. ކުރީން ހުކުރު ވަގުތު ލިބުނު މީހުންނަށް އޭރު ވާނީ ހޮނިހިރު ދުވަހުގެ މެންދުރު ވަގުތެވެ.

މިކަން އެންމެ ފުރަތަމަ ފަހަރަށް އިލްމީ ގޮތުން ސަމާލުކަމަށް ގެންނެވީ އިމާމް ޝާފިއީގެފާނެވެ. އެކަލޭގެފާނު ވިދާޅުވެފައި ވަނީ “އެއް ބިމެއްގައި ދެ ހުކުރު އައިސްގެން ނުވާނެ” ކަމުގައެވެ. އިރު ދައުރު ކުރަނީ އިރުމަތިން ހުޅަނގަށް ކަމުގައިވާއިރު، ދުވަސް ބަދަލުވާ ރޮނގު ވާނީ ދުނިޔޭގެ އެއް ބިތުގައި އުތުރުން ދެކުނަށް ދަމައިލެވޭ ރޮނގަކަށެވެ. މި ރޮނގު ރަށެއްގެ މަތީން ހުރަސްކޮށްފި ނަމަ އެ ރޮނގުގެ އެއް ބިތުގައި ހުންނަ މިސްކިތެއްގައި ހުކުރު ކުރާ އިރު އަނެއް ބިތުގައި ހުންނަ މިސްކިތެއްގައި ކުރަން ޖެހޭނީ ބުރާސްފަތި ދުވަހުގެ މެންދުރު ނަމާދެވެ. މި މީހުންނަށް ހުކުރު ވާނީ އަނެއް ދުވަހުއެވެ. އެހެން ކަމުން ދުވަސް ބަދަލުވާ ރޮނގު ރަށެއްގެ މެދުން ގޮސްފި ނަމަ އެ ބިމެއްގައި ހަފްތާގެ ކޮންމެ ދުވަހެއް ވެސް ތަކުރާރުވާނެއެވެ. އެހެން ކަމުން ދެ ހުކުރު ވެސް އަންނާނެއެވެ. މިއީ އިޖްތިމާއީ ގޮތުން ބަލާއިރު ވެސް މައްސަލަ އުފެދޭނެ ކަމަކަށް ވާތީ ޝާފިއީގެފާނު ވިދާޅުވެފައިވަނީ އެއް ބިމެއްގައި ދެ ހުކުރު ކޮށްގެން ނުވާނެ ކަމުގައެވެ. ދެ ހުކުރު ކުރެވޭނީ ފެންގަނޑަކުން ވަކިވެފައިވާ ދެބިމެއްގައި ކަމަށެވެ. މީގެ މުރާދަކީ ދުނިޔޭގެ ދުވަސްބަދަލުވާ ރޮނގު ދަމައިލެވެން ޖެހޭނީ ރަށެއްގެ މަތީން ނުދާ ގޮތަށް (ކަނޑުގައި) ކަމެވެ.

މި ރޮނގު އެންމެ ފުރަތަމައަށް ކަނޑައެޅުއްވި ބޭފުޅަކީ މުސްލިމް ސްޕެއިންގެ އިޝްބީލިޔާގެ ޤާޟީ ކަމުގެ މަގާމުގައި ހުންނެވި އިބްނު ރުޝްދެވެ. އެއީ މީލާދީން 1161 ވަނަ އަހަރުއެވެ. މި ރޮނގު ކަނޑައެޅުވުމަށް ޓަކައި އިބްނު ރުޝްދު ކުރެއްވި ދިރާސާއަށް ފަހު ނިންމެވީ، ދުނިޔޭގެ އެއް ބިތުގައި އުތުރުން ދެކުނަށް ކަނޑު މަގުން ސީދާ ރޮނގެއް ދަމައިލެވޭނީ ސީނު ކަރައިގެ އިރުމަތީން ކަމުގައެވެ. މި ރޮނގު އޮންނަ ހިސާބަށް މެންދުރު ވާއިރު، މި ރޮނގާ ސީދާވާ ގޮތުން ދުނިޔޭގެ އަނެއް ބިތަށް ވާނީ މެންދަންކަން އިބްނު ރުޝްދު ހާމަ ކުރެއްވިއެވެ. އުތުރުން ދެކުނަށް ދަންމަވައި ލެއްވި މި ރޮނގު ގްލޯބެއްގެ ވަށައިގެން ކުރައްސަވައި، އެ ރޮނގުން ބައި ކުރެވުނު ދެ ފަޅިއަކީ ދުނިޔޭގެ ދެ ބިތް ކަމުގައި ވިދާޅުވިއެވެ. މީގެ ތެރެއިން އެއް ފަޅީގައި “ލާއިލާހަ އިއްލަﷲ” އަނެއް ފަޅީގައި “މުޙައްމަދު ރަސޫލުﷲ” ލިޔުއްވިއެވެ. ޢަރަބި އަކުރުން ލިޔާ އިރު “ލާއިލާހަ އިއްލަﷲ” ގައި ވެސް އަދި “މުޙައްމަދު ރަސޫލުﷲ” ވެސް އޮންނަނީ 12 އަކުރެވެ. މި ލިޔުއްވި “ލާއިލާހަ އިއްލަﷲ” ގައިވާ 12 އަކުރުގެ ތެރެއިން ކޮންމެ އަކުރެއް އިޝާރާތް ކުރަނީ އެއް ސާޢަތް ނުވަތަ އެއް ގަޑި އިރަށެވެ. “މުޙައްމަދު ރަސޫލުﷲ” ގައިވާ 12 އަކުރުގެ ތެރެއިން ކޮންމެ އަކުރެއް ވެސް އިޝާރާތް ކުރަނީ އެއް ގަޑި އިރަށެވެ. ޖުމްލަ 24 ގަޑިއިރެވެ.

ސީނުގެ އިރުމަތީން، އުތުރުން ފެށިގެން ދުނިޔޭގެ ވަށައިގެން މި ރޮނގު ދަމައިލެވޭއިރު، އަނެއް ބިތުގައި ރޮނގުމަތީގައި އޮންނަނީ މުސްލިމް އަންދަލުސް ނުވަތަ ސްޕެއިނެވެ. އެހެން ކަމުން ދުވަސްބަދަލުވާ ރޮނގާ ބައްދަލުވާނީ ސްޕެއިނުގެ ޤުރުޠުބާގެ އިރުން ވެސް 12 ސާޢަތް އަދި ޤުރުޠުބާގެ ހުޅަނގުން ފެށިގެން ވެސް 12 ސާޢަތުގެ ދުރުމިނުން ކަމަށް އިބްނު ރުޝްދު ބަޔާންކުރެއްވިއެވެ. އޭރުން އެ ރޮނގުގެ ސީދާ ހުޅަނގު ބިތުގައި ތިބޭ މީހުންގެ ވަގުތު ހިނގަމުންދާނީ ގުރުޠުބާ “ޕްލަސް 12” ގަޑި މިނުގައެވެ. އެ ރޮނގުގެ ސީދާ އިރުމަތީ ބިތުގައި ތިބޭ މީހުންގެ ވަގުތު ހިނގަމުންދާނީ ޤުރުޠުބާ “މައިނަސް 12” ގަޑި މިނުގައެވެ.

ދުނިޔޭގެ ދުވަސް ބަދަލުވާ ރޮނގާ ބެހޭ ގޮތުން 1884 ގައި ބޭއްވި އިންޓަނޭޝަނަލް މެރީޑިއަން ކޮންފަރެންސުން ހަގީގަތުގައި ހަމައެކަނި ނިންމި ނިންމުމަކީ އިބްނު ރުޝްދުގެ ޒަމާނުގައި ސުންގަޑި ހަމަވާ ތަނުގެ ގޮތުގައި ކަނޑައެޅުއްވި ޤުރުޠުބާގެ ބަދަލުގައި ސުންގަޑި ހަމަވާ ތަނަކީ އިނގިރޭސިވިލާތުގެ ލަންޑަން ކަމަށް ކަނޑައެޅުމެވެ. ލަންޑަން އޮންނަނީ ޤުރުޠުބާއަށް ވުރެ އެއް ގަޑި އިރު ފަހަތުގައި ކަމަށްވާތީ ކުރީން 24 ގަޑިއިރު ބަހައިލެވިފައި އޮތް ގޮތަށް ވަނީ ބަދަލު އައިސްފައެވެ. ކުރީން އޮތީ ޤުރުޠުބާގެ އިރުން އެންމެ ދުރަކީ “ޕްލަސް 12” ގަޑިއިރު ކަމަށް ވެފައި، ޤުރުޠުބާގެ ހުޅަނގުން އެންމެ ދުރަކީ “މައިނަސް 12” ގަޑިއިރު، ކަމުގައި ވިޔަސް، މިއައި ބަދަލާ ގުޅިގެން ލަންޑަނުގެ އިރުން އެންމެ ދުރަކީ “ޕްލަސް 13” ގަޑިއިރު، އަދި ލަންޑަނުގެ ހުޅަނގުން އެންމެ ދުރަކީ “މައިނަސް 11” ގަޑިއިރު ކަމަށް ވެގެންދިޔައީއެވެ. ހަގީގަތުގައި ދެބައިހަމައިގައި ލަންޑަން އޮންނަ ނަމަ 24 ގަޑިއިރު ބެހިގެންދާންވާނީ 12 ގަޑި ކުރިޔަށް އަދި 12 ގަޑި ފަހަތަށެވެ. އެހެން ނަމަވެސް މިހާރު އޮތީ 13 ގަޑި ކުރިޔަށް އަދި 11 ގަޑިއިރު ފަހަތަށެވެ.

އިންޓަނޭޝަނަލް ޑޭޓް ލައިން އެންމެ ފުރަތަމަ ފަހަރަށް ކަނޑައެޅުއްވީ މީލާދީން 1161 ވަނަ އަހަރު އިބްނު ރުޝްދު ކަމުގައި ވިޔަސް މިހާރު އެ ޝަރަފު ދެވިފައިވަނީ 1884 ގައި އިންޓަނޭޝަނަލް މެރީޑިއަން ކޮންފަރެންސުގައި ބައިވެރިވި ޔޫރަޕުގެ ސައިންސްވެރީންނަށެވެ.