ސޯލް (ޖެނުއަރީ 14): ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން ދެކުނު ކޮރެއާގެ ކުރީގެ ރައީސާ ޕާކް ގުން ހޭގެ މައްޗަށް ކުރި 20 އަހަރުގެ ޖަލު ހުކުމް އެގައުމުގެ ސުޕްރީމް ކޯޓުން ދަމަހައްޓައިފި އެވެ.

ދެކުނު ކޮރެއާގައި 2013އިން 2017އަށް ވެރިކަން ކުރެއްވި ޕާކްގެ މައްޗަށް ކޮށްފައި ވަނީ މަގާމުގެ ބާރާއި ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ރިޝްވަތު ނެންގެވުމާއި ސަރުކާރުގެ ސިއްރުތައް ލީކު ކުުރުމުގެ ދައުވާތަކެވެ.

އެ މައްސަލައާ ގުޅިގެން ޕާކްއާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ބޭއްވި ފަހުން ނުވައެއް ޑިސެމްބަރު 2016އިގައި އޭނާ ރައީސް ކަމުން ދުރު ކުރަން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސް ކުރި އެވެ. އަދި 10 މާޗް 2017އިގައި އެގައުމުގެ ދުސްތޫރީ ކޯޓުން އެ ނިންމުމަށް ތާއިދު ކުރި އެވެ.

އެ މައްސަލަ ފުރަތަމަ ބެލި ކޯޓުން ނިންމީ، ޕާކްގެ ގާތް އެކުވެރިއެއް ކަމަށްވާ ޗޮއި ސޫން ސިލްގެ ފައުންޑޭޝަންތަކަށް ފައިސާ ހޯދުމަށް އެ ދެ ބޭފުޅުން ބޮޑެތި ކުންފުނިތަކަށް ޕްރެޝަރުކޮށް، އެތައް މިލިއަން ޑޮލަރު ހޯއްދެވި ކަމަށެވެ. އަދި ރައީސާއަށް ލިބިލެއްވި ސިއްރު ލިޔެކިޔުންތަކެއް އެކަމަނާ ޗޮއިއަށް ދެއްކެވި ކަމަށެވެ. އެ މައްސަލައާ ގުޅިގެން 31 މާޗް 2017އިން ފެށިގެން އޭނާ ހުންނެވީ ޖަލުގަ އެވެ.

އެ ތުހުމަތުތައް ޕާކް ދޮގު ކުރެއްވި ނަމަވެސް އޭނާގެ މައްޗަށް ދައުވާތައް ސާބިތުވެ، އެ މައްސަލަ ބެލި ކޯޓުން އޭނާ 30 އަހަރަށް ޖަލަށް ލާން 2018އިގައި ހުކުމް ކުރި އެވެ. ނަމަވެސް އޭގެ ފަހުން ހައި ކޯޓަކުން ވަނީ އެ ހުކުމް 20 އަހަރަށް ދަށްކޮށްފަ އެވެ. އަދި މިއަދު ސުޕްރީމް ކޯޓުން ދަމަހައްޓާފައި ވަނީ 17 މިލިއަން ޑޮލަރުގެ ޖޫރިމަނާއަކާ އެކު އެ ޖަލު ހުކުމެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ނިންމުން މިހާރު އިއުލާން ކުރުމުން އޭނާއަށް ތާއިދު ކުރާ ފަރާތްތަކުން ވަނީ އޭނާއަށް ރައީސް މާފު ދެއްވުމަށް ގޮވާލާފަ އެވެ. ނަމަވެސް ރައީސް މޫން ޖޭ އިން، ޕާކްއަށް މާފު ދެއްވުމާ ބެހޭ ގޮތުން އަދި ވަކި އެއްޗެކޭ ވިދާޅުނުވެ އެވެ.

ދެކުނު ކޮރެއާގެ ރިސާޗް އެންޑް މާކެޓިން ވެބްސައިޓަކުން ހެދި ސާވޭއެއްގައި ޕާކްއަށް މާފު ދިނުމަށް 47.7 ޕަސެންޓު މީހުން ތާއިދު ކުރި އިރު މާފު ދިނުމާ ދެކޮޅަށް 48 ޕަސެންޓު މީހުން ހިޔާލު ފާޅު ކުރި އެވެ.