ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދާ މެދު ސަރުކާރު މިހާރު ވެސް އަމަލުކުރަމުން ދަނީ އދ.ގެ ގޮވާލުމުގައިވާ ގޮތަށް ކަމަށް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިރޭ ވިދާޅުވެއްޖެ އެވެ.

އދ. ގެ ހިއުމަންރައިޓްސް އޮފީހުގެ ސްޕޯކްސް ވޮމަން ރަވީނާ ޝަމްދަސާނީއާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ)ގައި މިއަދު އާއްމުކުރި ހަބަރެއްގައި ބުނަނީ ދިވެހި ސަރުކާރުން ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އަސްކަރީ ބަންދުން ދޫކޮށް އަދި އޭނާ ކޯޓަކަށް ހާޒިރުކޮށް ދައުވާ ކުރަން ޖެހޭނެ ކަމަށް ނުވަތަ އޭނާ މިނިވަންކުރަން ޖެހޭނެ ކަމަށެވެ.

އެ ގޮވާލުމާ ގުޅިގެން ސަން އޮންލައިނުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސްރީލަންކާގައި ހުންނަވައިގެން ޒުހައިރު ވިދާޅުވީ އަބްދުﷲ ގާޒީ ހުންނެވީ އަސްކަރީ ބަންދެއްގައި ނޫން ކަމަށެވެ. ނަމަވެސް އޭނާ ހައްޔަކުރުމުގައި ފުލުހުން އަސްކަރިއްޔާގެ އެހީ ހޯދީ ކަމަށެވެ.

"އެއްވެސް މީހަކު އަސްކަރީ ބަންދެއްގައި ނުހުންނަވާނެ ހަމަ އެއްވެސް ބޭފުޅަކު، ދީނާ ހިލާފު ކަންތައްތަކެއް ކުރާކަމަށް ސަރުކާރާ މެދުގައި ވާދަވެރި ފަރާތްތަކުން ކުރައްވާ ތުހުމަތުތަކެއްގައި އަބްދުﷲ ގާޒީ ވެސް ބައިވެރިވެޑައިގަންނަވާ ކަމަށް ފުލުހުންނަށް ފާހަގަ ކުރެވުނީ. އެކަމުގައި އެމަނިކުފާނާ ސުވާލުކުރަން ގެންނަވަން ވެގެން، އެކަމާ ގުޅިގެން އޭރު ވެސް ރައްޔިތުންގެ މުދަލަށް ގެއްލުން ވެފައި ވާތީ ފުލުހުން އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދިވަޑައިގަތީމާ އެމްއެންޑީއެފުން އެހީތެރިވީ" ޒުހައިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އދ. އިން ފާހަގަކޮށްފައިވާ ފަދައިން އަބްދުﷲ ގާޒީއާ ދެކޮޅަށް މިހާރު ވެސް ހައިކޯޓްގައި ދައުވާ އުފުލާފައިވާ ކަމަށެވެ. ނަމަވެސް ކޯޓަށް ހާޒިރުކުރަން ކުރި އަމުރުތަކާ ގުޅިގެން އޭނާ ކޯޓަށް ހާޒިރުކޮށްފައި ނުވަނީ އެއީ އާއްމު ސަލާމަތަށް ނުރައްކާވެދާނެތީ ކަމަށެވެ. އަދި ވިދާޅުވީ ކޯޓަކަށް ހާޒިރުވުމަށް އެއްވެސް މީހަކަށް އެންގުމުން އެމީހަކަށް ހާޒިވު ނުވެވޭ ފަދަ ގޮތެއް ދިމާވުމުން ޣައިރު ހާޒިރުގައި ވެސް ޝަރީއަތް ކުރެވޭނެ ކަމަށާއި އަބްދުﷲ ގާޒީގެ ޝަރީއަތް ވެސް އެގޮތަށް ކުރިޔަށް ގެންދެވިދާނެ ކަމަށެވެ.

ކްރިމިނަލް ކޯޓްގެ އިސްގާޒީ އަބުދުﷲ މުހައްމަދު ހައްޔަރުކޮށްފައި ވަނީ އދ.ގެ އިންސާނީ ހައްގުތަކުގެ އާއްމު ގަރާރާއި ރާއްޖެ ސޮއިކޮށްފައިވާ އެކި އެކި މުއާހަދާތަކާއި ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަމަށް އިދިކޮޅު ފަރާތްތަކާއި ބައެއް ވަކީލުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އަދި އޭނާ ދޫކޮށްލުމަށް ގޮވާލައި މާލޭގައި ކޮންމެ ރެއަކު ދަނީ މުޒާހަރާތައް ކުރަމުންނެވެ. ސިފައިން، ގާޒީ، އަބްދުﷲ މުހައްމަދު ހައްޔަރުކޮށް ސިފައިންގެ ޓްރޭނިން ސެންޓަރު ގިރިފުށީގައި ބަންދުކުރީ މީގެ 12 ދުވަސް ކުރިން އެމަނިކުފާނު ގޭގައި ހުންނަވަނިކޮށެވެ.