މާލޭގައި މިހާރު ކުރިޔަށްދާ މުޒާހިރާތަކާއި ގުޅިގެން މާރާމާރީ ހިންގަން ވަޅި ހިފައިގެން ނުކުމެ އުޅެނިކޮށް ފުލުހުން ހައްޔަރު ކުރި ހ. ރަންފަޅޯގޭ ޙަސަން ޢަރީޝް، 27، ކްރިމިނަލް ކޯޓުން މިރޭ ދޫކޮށްލައިފި އެވެ. ފުލުހުން ބުނީ ކޯޓުން އަރީޝް ދޫކޮށްލީ ފުލުހުން ފަށާފައިވާ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް ޝަރުޠު ކުރުމަށް ފަހުގައި ކަމަށެވެ.

މިރޭ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީޢަތުގެ މަޖުލީހަށް ފުލުހުންވަނީ އޭނާ ހައްޔަރުކުރި ސިފައިން ދީފައިވާ ބަޔާނާއި ހެކިވެސް ކޯޓަށް ހުށަހަޅާފައެވެ.
މިރޭގެ ޝަރީޢަތުގައި އަރީޝް ބުނީ އޭނާ ގެންގުޅުނު ވަޅިއަކީ ބަޓާ ނައިފެއް ކަމަށާއި އެރޭ ގޭތެރޭގައި އެ ވަޅިހިފައިގެން ގޭތެރޭ އެއްޗެއް ކާން އިނދެފައި އަޑުގަދަވެގެން މަގުމައްޗަށް ނުކުތްތަނުން ސިފައިން އޭނާ ހައްޔަރުކުރީ ކަމަށެވެ.

ފުލުހުން ބުނީ ކޯޓުން އޭނާ ދޫކޮށްލީ ޝަރީޢަތުގެ މަޖުލީހުގައި އޭނާދިން ބަޔާނަށް ރިޢާޔަތްކޮށް ކަމަށެވެ.

މީގެ ކުރިންވެސް މާރާމާރީ ހިންގުމުގެ ކުށުގެ ރެކޯޑު އޮންނަ އަރީޝް ހައްޔަރުކޮށްފައި ވަނީ މިދިއަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި މުޒާހިރާ ކުރިޔަށް ދިޔަ ވަގުތު ހެންވޭރު ސަރަޙައްދުންނެވެ. އޭނާ މާރާމާރީހިންގަން އުޅެނިކޮށް ހައްޔަރުކޮށް ފުލުހުންނާ ހަވާލު ކުރީ ސިފައިން ކަމަށް ވެސް ފުލުހުން ބުންޏެވެ.