ރަވީނާ ޝަމަދާސަނީ އަކީ އދ.ގެ ހިއުމަން ރައިޓްސްގެ އޮފީހުގެ ސްޕޯކްސް ޕާސަންއެއްކަން އެނގިވަޑައި ނުގަންނަވާ ކަމަށާއި އޭނާއާ ހަވާލާދީ ރާއްޖޭގެ ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު މިނިވަން ކުރުމަށް ނުވަތަ އޭނާގެ މައްޗަށް ދައުވާ ކުރުމަށް ގޮވާލާ ކަމަށް އެސޯސިއޭޓެޑް ޕްރެސްއިން އާންމުކޮށްފައިވާ ބަޔާނަކީ އދ.ގެ ބަޔާނެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ފޮރިން މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ނަސީމު މިރޭ ވިދާޅުވީ ރަވީނާ ޝަމަދާސަނީ އެ ވާހަކަފުޅު ދައްކަވާފައި އެވަނީ އެސޯސިއޭޓެޑް ޕްރެސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކަމަށާއި އެއީ އެ އޮފީހުގައި އުޅޭ މީހެއް ކަމަށެވެ. އެއީ އެ އޮފީހުގެ ތަރުޖަމާނެއް ކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި މާދަމާ އޮފީސް ހުޅުވުމުން އެކަމާ ބެހޭ މައުލޫމާތު ހޯއްދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
~
"އޭނާއަކީ އެ އޮފީހުގެ ތަރުޖަމާނެއް ނޫން އިނގޭތޯ. އެތާ އުޅޭ މީހެއް އެއީ. ދެން އެތާ އުޅޭ ކޮންމެވެސް މީހަކު އޭޕީން ސުވާލުކުރީމާ ކޮންމެސް އެއްޗެއް ބުނެގެން އެއުޅެނީ. އަޅުގަނޑު ގަބޫލެއް ނުކުރަން އެއީ އދ.ގެ ބަޔާނެއް ކަމަކަށް،" މިނިސްޓަރު ނަސީމު ވިދާޅުވި އެވެ.

އެސޯސިއޭޓެޑް ޕްރެސްގައި "ދިވެހިރާއްޖެ އިން އަސްކަރީ ބަންދުން ފަނޑިޔާރު މިނިވަންކުރަން ޖެހޭނެ ނުވަތަ އޭނާގެ މައްޗަށް ދައުވާކުރަން ޖެހޭނެ ކަމަށް އދ. ން ބުނެފި" މި ސުރުހީގެ ދަށުން އާންމުކޮށްފައިވާ ހަބަރުގައި ބުނެފައި ވަނީ އދ.ގެ ހިއުމަން ރައިޓްސް އޮފީހުގެ "ސްޕޯކްސް ވޮމަން" އެއް ކަމަށްވާ ރަވީނާ ޝަމްދަސާނީ އެހެން ވިދާޅުވި ކަމަށެވެ.

އަބުދުﷲ ގާޒީ ހައްޔަރުކުރުމާ ގުޅިގެން ބައިނަލްއަގުވާމީ ފަރާތްތަކުން ފޮރިން މިނިސްޓްރީއާ ސުވާލު ނުކުރާ ކަމަށް މިނިސްޓަރު ނަސީމު ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި އެމްޑީޕީގެ މައި ހަރުގޭގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ އަބްދުﷲ ގާޒީގެ މައްސަލައިގައި ރާއްޖެ އިން ބޭރުން އެންމެ ކޯލެއް ވެސް އައިސްފައި ނުވާ ކަމަށެވެ.

ސިފައިން އަބްދުﷲ ގާޒީ ހައްޔަރުކޮށް ސިފައިންގެ ތަމްރީން މަރުކަޒު ގިރިފުށީގައި ބަހައްޓާފައިވާތާ މިހާރު ވަނީ 12 ދުވަސް ވެފަ އެވެ. ގާޒީ، އަބްދުﷲ ދޫކޮށްލުމަށް ސުޕްރީމް ކޯޓާއި ހައި ކޯޓުން ކުރި އަމުރަށް ސަލާމަތީ ބާރުތަކުން މިހާތަނަށް އަމަލުކޮށްފައެއް ނުވެ އެވެ. އަދި އެ މައްސަލައާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ގެންދަނީ މުޒާހަރާތައް ކުރަމުންނެވެ.