28 Jan 2012, 23:26
އެމްޑީޕީގެ އިސް އެކްޓިވިސްޓުންގެ ތެރޭގައި ހިމެނޭ މުހައްމަދު ސޮބްރީ (ދުންމާރި ނާޒިމް) ޖުމްހޫރީ ޕާޓީ ސޮއިކުރުމަށްފަހު، އެ ޕާޓީދޫކޮށް އަނެއްކާވެސް އެމްޑީޕީއަށް ބަދަލުވީ މިލިއަން ޑޮލަރު ދޫކޮށްލުމަށްފަހު ކަމަށް ދުންމާރި ނާޒިމް ބުނެފި އެވެ.
އޭނާ އަލުން އެމްޑީޕީއަށް ބަދަލުވީ މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރާއެކު ޖުމްހޫރީ ޕާޓީއާ ގުޅުނުތާ 48 ގަޑިއިރުވެސް ނުވަނީހެވެ.
ނާޒިމް މިއަދު ބުނީ އޭނާ އަލުން އެމްޑީޕީއަށް ބަދަލުވީ އެމްޑީޕީގެ އެކްޓިވިސްޓުންގެ ހައްގުގައި ކަމަށެވެ. އަދި ބުނީ އެމްޑީޕީގެ އެކްޓިވިސްޓުންގެ ހައްގުގައި "އަނބިމީހާއާ ދަރިން ވެސް ދޫކޮށްލައިފާނަން" ކަމަށާއި ޖުމްހޫރީ ޕާޓީ ކެނޑިގެން އެމްޑީޕީއަށް ބަދަލުވީ މިލިއަން ޑޮލަރު ދޫކޮށްލުމަށްފަހު ނާށިގަނޑު ހިފައިގެން ކަމަށާއި ދެން ދުވަހަކު ވެސް އެމްޑީޕީ ދޫކޮށްފައި ނުދާނެ ކަމަށް ވެސް ބުންޏެވެ.
~
"އެމްޑީޕީން ކެނޑިގެންދިޔަ ފަހުން އަޅުގަނޑަކަށް ނުވެސް ނިދޭ. ނާށިގަނޑު ހިފައިގެން އަނބުރާ އެމްޑީޕީއަށް މިއައީ މިލިއަން ޑޮލަރު ދޫކޮށްލާފައި. [އެމްޑީޕީގެ] އެކްޓިވިސްޓުންނަށްޓަކާ އަނބިމީހާ ވެސް ވަރިކޮށްފާނަން. އަޅުގަނޑުގެ ދަރިން އެއީ ދަރިން ނޫން ކަމަށް ވެސް ހަދައި ފޮނުވާލާފާނަން. އެކަމަކު އެމްޑީޕީ، މި ތިން އަކުރު އަޅުގަނޑު ދުލެއް ނުކުރާނަން،" ނާޒިމް ބުންޏެވެ.
ނާޒިމް މިއަދު ހަވީރު އަލުން އެމްޑީޕީއަށް ސޮއިކުރުމަށްފަހު، ބުނީ ޖާބިރަކީ ގާތް މީހަކަށް ވިޔަސް، އެމްޑީޕީގެ އެކްޓިވިސްޓުން ބުނާ ބަހުގައި މާ ބާރު ހުންނަ ކަމަށެވެ.
ނާޒިމް ބުނީ ކުރީގެ ފިނޭންސް މިނިސްޓާ އަހުމަދު އިނާޒް އާއި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ އިލްޔާސް ހުސައިން އިބްރާހިމް މަގާމުން ދުރުކުރަން މަޖުބޫރު ކުރުވީ އޭނާ ކަމަށާއި އެކަންކަން ކުރީ ލިބިފައިވާ މައުލޫމާތުގެ މައްޗަށް އެކްޓިވިސްޓެއްގެ ގޮތުގައި ކުރިމަތިލައިގެން ކަމަށެވެ. އަދި ބުނީ އޭނާއަކީ ވެރިކަމަށް އެމްޑީޕީ ގެނައުމަށްޓަކައި ޔޫގޮސްލާވިޔާއާ ސާބިޔާގެ ކުރީގެ ރައީސް ސޮލޮބޮޑާން މިލޯސެވިޗްގެ ވެރިކަން ނިމުމަކަށް ގެނައި ޖަމާއަތުންގެ އެހީގައި އެކްޓިވިސްޓް ތަމްރީނު ހޯދާފައިވާ މީހެއް ކަމަށެވެ. އެމްޑީޕީގެ މުޒާހަރާތަކާއި ހަރަކާތްތަކުގެ އިސް ސަފުގައި އަބަދުވެސް ނާޒިމް ހުރެ އެވެ.