28 Jan 2012, 21:48
އެމްއެންޑީއެފުން ހައްޔަރުކޮށްފައިވާ ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބުދުﷲ މުހައްމަދު މިހާރުން މިހާރަށް މިނިވަން ކުރުމަށް ނުވަތަ އޭނާގެ މައްޗަށް ދައުވާ އުފުލުމަށް އދ. އިން ދިވެހި ސަރުކާރަށް މިއަދު ގޮވާލައިފި އެވެ.
އދ.ގެ ފަރާތުން އެކަމަށް ގޮވައިލެއްވީ އދ.ގެ ހިއުމަންރައިޓްސް އޮފީހުގެ ތަރުޖަމާނެއް ރަވީނާ ޝަމަދާސަނީ ކަމަށް އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ބުންޏެވެ.
"ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހުކޮށް ވަރުގަދަ ކުރުމުގައި ދަތިތަކެއް ހުރިކަން އަހަރެމެން ގަބޫލުކުރާ ހާލު އަހަރެމެން ގަބޫލުކުރަނީ ފަނޑިޔާރު އަބުދުﷲ އާ މެދު ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް. މާނައަކީ އޭނާ އަސްކަރީ ބަންދުން ދޫކޮށް، އަދި އޭނާ ކޯޓަކަށް ހާޒިރުކޮށް ދައުވާ ކުރަން ޖެހޭނެ. ނުވަތަ އޭނާ ދޫކޮށްލަން ޖެހޭނެ،" ރަވީނާ ވިދާޅުވި ކަމަށް އޭޕީގައިވެ އެވެ.
~
ރަވީނާ އަދި ވިދާޅުވި ކަމަށް އޭޕީގައި ވަނީ ފަނޑިޔާރުން ފޮނުވައި ދިނުމަށް ރާއްޖެ އިން އެދިފައިވާތީ އެކަމާ އަދި ވެސް ދަނީ ބަހުސްކުރަމުން ކަމަށެވެ.
ކްރިމިނަލް ކޯޓްގެ އިސް ގާޒީއާ މެދު ކަނޑައެޅިފައިވާ އުސޫލުތަކުން އަމަލުކުރުމަށް އދ. އިން ގޮވާލާފައި މިވަނީ ޝަރުއީ ނިޒާމަށް ހުރަސް ނޭޅުމަށް ޔޫރަޕްގެ އިއްތިހާދާއި ކެނެޑާ އިން ގޮވާލާފައި ވަނިކޮށެވެ.
އަބުދުﷲ ގާޒީ ހައްޔަރުކުރި ކުރުމަކީ ނިޒާމުން ގެއްލުވާލުމެއް ކަމަށް އިދިކޮޅު ޕާޓީތަކާއި ރާއްޖޭގެ ބައެއް ވަކީލުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އަދި އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން މާލޭގައި މުޒާހަރާތައް ކުރަމުން އަންނަތާ މިހާރު 10 ދުވަހަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ މިނިވަން ކުރުމަށް ގޮވާލައި ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުންނާއި ހައި ކޯޓުން ވަނީ ސަރުކާރާއި އަސްކަރިއްޔާގެ މައްޗަށް އަމުރުކޮށްފަ އެވެ. ނަމަވެސް އެ އަމުރަށް ސަރުކާރުންނާއި ފުލުހުން ވަނީ ބީރު ކަންފަތެއްދީފަ އެވެ. އަދި އަބްދުﷲ ގާޒީ އަށް ގާނޫނު އަސާސީ އިން ލިބިދީފައިވާ ވަކީލަކާ ބައްދަލު ކުރުމުގެ މިނިވަން ކަމަށް ވެސް ސަރުކާރުން ވަނީ ހުރަސްއަޅައިފަ އެވެ.