28 Jan 2012, 21:32
ބޭނުންވާ ގޮތް ނުވުމުން ދެންވާން އޮތް ގޮތަށް ކަން ކުރައްވަނީ ކަމަށް ވިދާޅުވެ، ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު މިއަދު ވަނީ އެއްގަޑިއިރަށް ވުރެ ގިނައިރުގެ ނިޒާމީ މައްސަލައެއްގައި މިނިވަން މުއައްސަސާތަކުގެ ކޮމެޓީ ހުއްޓުވާލާފަ އެވެ. މިއީ މަޖިލީހުގެ ތާރީހުގައި އާ ކަމެކެވެ. މަޖިލީހުގެ ކޮމެޓީއެއްގައި އަދި މަޖިލީހުގެ ފްލޯގައި ވެސް މިހާތަނަށް އެންމެ ގިނައިރު ނިޒާމީ މައްސަލައެއްގައި ވާހަކަފުޅު ދެއްކެވި ކަމުގެ "ތަރި" އަލީ ވަހީދަށް މިއަދު ލިބިވަޑައިގަތެވެ. އެއް ގަޑިއިރާއި ހަތަރު މިނިޓް ވަންދެން ހުއްޓާނުލާ ވާހަކަފުޅު ދެއްކެވި އެވެ. ދިގުވެގެންވާ ނިޒާމީ މައްސަލާގައި އޭނާ ވާހަކަފުޅު ދެއްކެވީ ކޮމެޓީގައި ދެން މަސައްކަތެއް ނުކުރެވޭނެ ވަރަށް ރާގު ރާގަށް ޖުމްލަތައް ދަންމަވައި ކުރިފަޅުއްވައިގެނެވެ.
http://www.youtube.com/watch?v=0Jm6aODb5JQ
ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ މައްސަލާގައި އިދިކޮޅު ފަރާތަކުން މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހުށަހެޅި ޕެޓިޝަންގެ ބަހުސް ކުރިއަށް ގެންދިއުމަށް ހުރަސް އަޅުއްވައި އަލީ ވަހީދު ދިގު ކޮށް ވާހަކަފުޅު ދެއްކެވި އިރު ކޮމެޓީގެ މުގައްރިރު މުހައްމަދު ނަޝީދު އިންނެވީ ގާތްގަޑަކަށް "ހަނު" އެވެ. އަލީ ވަހީދު ވަރުބަލިވަންދެން ވާހަކަފުޅު ދައްކަވަން ދެއްވައިގެނެވެ. ދަތްދޮޅީގައި އަތްޕުޅު ޖައްސާލައްވައިގެން ނަޝީދު އިންނެވީ ބައެއް ފަހަރަށް ހިސާބަކަށް ހިނިފުޅުވަޑުވެގެނެވެ.
އެމްއެމްއޭ ސަރަހައްދުގައި ބޭއްވި މުޒާހަރާގައި ކޮމެޓީ މުގައްރިރު ނަޝީދު ދެއްކެވި ވާހަކަތަކަށް ހަޖޫ ޖައްސަވަމުން ގޮސް، ޑީއާރްޕީގައި އުޅުއްވި އިރު އަމިއްލަފުޅަށް މުލިއާގެ ގޭޓަށް އެރުއްވި ވާހަކަ ވެސް އަލީ ވަހީދުގެ ނިޒާމީ ނުކުތާގެ ތެރެއިން އައެވެ. އަދި މަޖިލީހުގެ ކޮމެޓީ ރޫމްގައި ފާރުތަކުގައި ހަރުކޮށްފައި ހުރި މަޖިލީހުގެ ކުރީގެ ރައީސުންގެ ފޮޓޯފުޅުތަކަށް ވެސް އޭނާގެ ނިޒާމީ ނުކުތާގައި އަލި އަޅުވައިލެއްވެވި އެވެ. މަޖިލީހުގެ ކުރީގެ ރައީސުންގެ ތެރެއިން އިބްރާހިމް ޝިހާބުފަދަ ބޭފުޅުންގެ އިއްޒަތާއި ލަގަބު ނަޝީދަށް ލިބިވަޑައިގަންނަވާނެ ކަމަށް އިޝާރާތްކޮށް ނަޝީދާ ދިމާއަށް ވެސް ބަސް އުއްކެވި އެވެ.
ކުރިން މަޖިލީހުގެ އަމީންއާއްމުގެ މަގާމުގެ ފުރުއްވެވި ނަޝީދަކީ މަޖިލީހުގެ "އެންމެ ލޯބިވާ" މެންބަރު ކަމަށާއި ނަޝީދު މަޖިލީހުގައި ތަމްސީލު ކުރައްވަނީ އަލީ ވަހީދުގެ ވެސް ދާއިރާ "ކުޅުދުއްފުށީ ދެކުނު ދާއިރާ" ކަމަށް ވެސް ވިދާޅުވި އެވެ.
ނިޒާމީ ނުކުތާގައި އަލީ ވަހީދު ވާހަކަފުޅު ދެއްކެވެއިރު ރައްދުގައި ކޮމެޓީގެ އެއްވެސް މެންބަރަކު އެއްޗެއް ވިދާޅު ނުވުމަށް ނަޝީދު މިއަދު އިޝާރާތް ކުރެއްވެވި އެވެ. އޭނާގެ ވާހަކަތަކަށް އެހެން މެންބަރަކު ރައްދު ދެއްވަން އުޅުއްވެވި ނަމަވެސް އަލީ ވަހީދު ވަނީ އާދައިގެ މަތިން މޭޒުމަތީގައި އަތް ޖައްސަވާފަ އެވެ. ހުރިހާ ވާހަކައެއް އަލީ ވަހީދު ދެއްކެވި އިރު ވެސް ނަޝީދު އޭނާއަށް މުހާތަބު ކުރައްވާ ހަމައެކެނި ވިދާޅުވަމުން ގެންދަވީ "އަލީގެ ނިޒާމީ މައްސަލައަކީ ކޮބައިތަ" އެވެ.
އަލީ ވަހީދުގެ ނިޒާމީ މައްސަލައިގެ ވާހަކަ ކުރި ފަޅައިގެން ގޮސް ގާތުގައި އިންނެވި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާ މުހާތަބުކޮށް "ކަނބުލޮ" އަށް ވެސް ގޮވި އެވެ. ރައްދުގައި ރޮޒައިނާ ވެސް އޭނާއަށް ޖެއްސުން ކުރުމުގެ ގޮތުން މަޝްހޫރު ގޭމެއް ކަމަށްވާ "އެންގްރީ ބާޑްސް" ފޯނުން ކުޅެމުދިޔަ އެވެ. ފޯނުގެ އަޑު ގަދަކޮށްގެނެވެ. ގޭމްސް ކުޅެމުންދިޔައިރު ޒޮޒައިނާއަށް ލިބިވަޑައިގަންނަވާ ސްކޯ ވެސް އަލީ ވަހީދަށް ދައްކަވަ އެވެ.
މިއަދު 3:00 ޖެހިއިރު ފެށި ކޮމެޓީގައި އަލީ ވަހީދުގެ ވާހަކަތައް 4:00 ޖެހިއިރު ވެސް ހުއްޓާ ނުލައި "ތަޅުވަމުން" ގެންދެވުމުން ބައެއް މެންބަރުން ކޮމެޓީގެ ހަވާސާގައި ތިއްބެވީ ސައި ބައްލަވާށެވެ. އަލީ ވަހީދަށް ސައި ގެނެސް ދެއްވީ ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒެވެ. ދެ ވަށް ދޮންކެޔޮ ދެއްވާފައި ވިދާޅުވީ "ބާރުގަދަވާނެ" ކަމަށެވެ.
ނިޒާމީ މައްސަލައެއްގައި ވާހަކަ ގަޑިއިރަށް ވުރެ ގިނަ ވަގުތަށް ދަންމަވާލެއްވެވި ނަމަވެސް ނިޒާމީ މައްސަލައަކީ ކޮބައި ކަމެއް އަލީ ވަހީދު ސާފުކޮށެއް ނުދެއްވަ އެވެ. ވިދާޅުވިހާ ވެސް ވާހަކައަކީ ޖޭއެސްސީ ކޮމެޓީއަށް ހާޒިރު ކުރި ބައްދަލުވުމުގައި ދެވަނަ ފުރުސަތަށް ކޮމެޓީ ހުޅުވައި ނުލެއްވި ވާހަކަ އެވެ. ކޮމެޓީގެ މެންބަރަކު ހުށަހަޅުއްވާ އެއަށް ތާއީދު ކުރައްވާފައި ވަނިކޮށް ވޯޓަކަށް ވެސް ނަޝީދު ނައައްސަވާ ވާހަކަ އެވެ. ޖޭއެސްސީ ކޮމެޓީއަށް ހާޒިރު ކުރި ބައްދަލުވުމަށް އިދިކޮޅު މެންބަރުން ހާޒިރު ނުވި މައްސަލަ ވެސް އަލީ ވަހީދު ފާހަގަ ކުރެއްވި އެވެ. އެ މައްސަލާގައި ވަކި ގޮތެއް ކޮމެޓީގެ މުރައްގިރު ނުނިންމަވާހާ ހިނދަކު ކޮމެޓީ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
ނިޒާމީ މައްސަލައެއްގެ ދަށުން އަލީ ވަހީދު ވާހަކަފުޅު ދެއްކެވިއިރު، މަޖިލީހުގެ ގަވާއިދުގައި ނިޒާމީ މައްސަލައެއް ކޮމެޓީގައި ނުނެގޭނެ އެވެ. އަދި ކޮމެޓީއެއްގައި މެންބަރަކު ވާހަކަފުޅު ދައްކަވާނެ ވަކި ވަގުތެއް ވެސް ކަނޑައަޅާފައި ނުވެ އެވެ. ކޮމެޓީގައި މެންބަރަކު އަޑު ގަދަކޮށް ކޮމެޓީ ކުރިއަށް ގެންދިއުމަށް ހުރަސް އެޅުއްވެވި ނަމަވެސް ކޮމެޓީގައި މެންބަރެއްގެ ނަން އިއްވުމުގެ ބާރު ކޮމެޓީގެ މުގައްރިރަކަށް ނޯވެ އެވެ.