12 Jan 2021, 21:07
ރާއްޖެއިން "ސޭފް ސްކޫލްސް ޑެކްލަރޭޝަން"ގައި ބައިވެރިވުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ލަފަޔަކަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
ރައީސް ސޯލިހު މިގޮތަށް ނިންމެވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓްރީއިން ހުށަހަޅާފައިވާ ކަރުދަހާކަށް މަޝްވަރާ ކުރެއްވުމަށްފަހު ސޭފް ސްކޫލްސް ޑެކްލަރޭޝަންގައި ބައިވެރިވާން ވަޒީރުންގެ މަޖިލީހުން ލަފާ ދިނުމުންނެވެ.
ސޭފް ސްކޫލްސް ޑެކްލަރޭޝަންއަކީ އަސްކަރީ ހަމަނުޖެހުންތަކުން ދަރިވަރުންނާއި މުދައްރިސުން އަދި މަދަރުސާތަކާއި ޔުނިވާސިޓީތައް ރައްކާތެރިކުރުމަށް ސިޔާސީ ގޮތުން ލާޒިމުކުރާ ބައިނަލްއަގްވާމީ ޑެކްލަރޭޝަންއެކެވެ.
އެ ޑެކްލަރޭޝަން އެކުލަވާލާފައިވަނީ އަސްކަރީ ހަމަނުޖެހުންތަކުން ރައްކާތެރިވެ ތިބެ އުނގެނުމަށް ކޮންމެ ދަރިވަރަކަށް ލިބިގެންވާ ހައްގު ކަށަވަރު ކޮށްދިނުމަށާއި ރައްކާތެރި މާހައުލެއްގައި ގަދަރުވެރިކަމާއެކު އުނގަންނައިދިނުމަށް ކޮންމެ މުދައްރިސަކަށް ލިބިގެންވާ ހައްގު ކަށަވަރުކޮށްދިނުމަށެވެ.
މި ޑެކްލަރޭޝަންގައި އަސްކަރީ ހަމަނުޖެހުންތަކާއި ހަނގުރާމަތަކާ ގުޅިގެން ތައުލީމީ ދާއިރާއަށް ކުރާ ތަފާތު ނޭދެވޭ އަސަރުތައް ފާހަގަކޮށް، މެދުކެނޑުމެއް ނެތި ތައުލީމީ ހިދުމަތްތައް ދިނުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ހަނގުރާމައިގެ ހާލަތްތަކުގައި ވެސް މަދަރުސާތަކާއި ޔުނިވާސިޓީތަކަކީ ތައުލީމު ލިބިގަތުމަށާއި އިލްމީ ދިރާސާ ކުރުމަށް ރައްކާތެރި ތަންތަން ކަމުގައި ކަށަވަރުކޮށްދިނުމަކީ ވެސް އެ ޑެކްލަރޭޝަންގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ސޭފް ސްކޫލްސް ޑެކްލަރޭޝަންގައި ގައުމުތަކުން ބައިވެރިވުމަށް ހުޅުވާލީ 2015 ވަނަ އަހަރުގެ މެއި 29 ވަނަ ދުވަހު ބޭއްވި "ދަ އޯސްލޯ ކޮންފަރެންސް އޮން ސޭފް ސްކޫލް"ގައެވެ.