12 Jan 2021, 13:18
ގއ. ދެއްވަދުއިން ފެނުނު ކޮވިޑް-19 އަށް އިތުރު އަށް މީހަކު ޕޮޒިޓިވްވެއްޖެ އެވެ.
ދެއްވަދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ތައުފީގު މިއަދު "ސަން"އަށް ވިދާޅުވީ، އެރަށުން ފެނުނު ކޭސްތަކުގެ އަދަދު މިހާރު 24އަށް އަރާފައިވާ ކަމަށެވެ.
"މިއަދު ރަށުން އަށް މީހަކު ވަނީ ޕޮޒިޓިވްވެފައި، އެއާއެކު ޖުމްލަ އެކްޓިވް ކޭސްގެ އަދަދަކީ 24،" އިބްރާހިމް ތައުފީގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭގެ ތެރެއިން އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
ދެއްވަދޫން ފެނުނު 24 ކޭސްއާއެކު، އެ ރަށާ ގުޅުން ހުރި ކޭސްތަކުގެ އަދަދު ވަނީ ޖުމްލަ 30 އަށް އަރާފަ އެވެ. އެ ކްލަސްޓާއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދެން ހިމެނެނީ، ލ. ފޮނަދުއިން ޕޮޒިޓިވްވި ހަތަރު މީހަކާއި ހުޅުމާލެއިން ޕޮޒިޓިވްވި ދެ މީހެކެވެ.
އިބްރާހިމް ތައުފީގު ވިދާޅުވީ، މިހާތަނަށް އަދިވެސް ރަށަށް ކޮވިޑް ފެތުރުނު ގޮތެއް ނުހޯދޭ ކަމަށެވެ.
ދެއްވަދޫން އެންމެ ފުރަތަމަ ކޮވިޑް ކޭސްއެއް ފެނުނީ މިދިޔަ މަހު 24 ވަނަ ދުވަހު ކަރަންޓީންގައި ހުރި މީހަކު ޕޮޒިޓިވްވެގެންނެވެ. މީގެ ކުރިން ބެލިފައި އޮތް ގޮތުގައި ރަށަށް ބަލި ފެތުރުނީ އެމީހާގެ ފާރާތުންނެވެ. އެހެން ނަމަވެސް އާދިއްތަ ދުވަހު އެޗްއީއޯސީން ބުނި ގޮތުގައި، މިހާތަނަށް ފެނުނު ކޭސްތަކަށް ބަލާއިރު ބަލި ރަށު ތެރެއިން މާ ކުރިންވެސް ފެތުރިފައިވާކަމަށް ލަފާ ކުރެވޭ ކަމަށެވެ.
"މި ރަށުގައި ބަލި ފެތުރެމުންދިޔަތާ ދުވަސްކޮޅެއްވެދާނެކަމަށް ލަފާ ކުރެވޭ. އަދި މިއީ ސީދާ ކަރަންޓީންގައި ހުރި މީހަކު ޕޮޒިޓިވްވެ، އެމީހާގެ ފަރާތުން ފެތުރުމުގެ ކަމެއްގެ ބަދަލުގައި ކޮންމެވެސް އެހެން ގޮތަކުން ބަލި އިންޓްރޮޑިއުސްވެގެން ކޮންމެވެސް ވަރަކަށް ރަށުތެރޭ ޓްރާސްމިޓްވެގެން، ސާކިއުލޭޓްވެގެން މިހާތަނަށް ބެލި ކޭސްތަކަށް ބަލާއިރު ފާހަގަ ކުރެވެނީ،" އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެފައިވެ އެވެ.
ދެއްވަދޫ ކްލާސްޓާއާ ގުޅުންހުރި 149 ކޮންޓެކްޓުން ހިމެނެ އެވެ. އޭގެތެރެއިން 55 މީހުންނަކީ ހައި ރިސްކް މީހުންނެވެ.