28 Jan 2012, 19:36
މޫނު ބުރުގާ އެޅައިގެން ކިޔަވަން ދިޔުމަކީ މަނާކުރެވޭނެ ކަމެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދު ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން މޫނު ބުރުގާ އަޅައިގެން ތައުލީމް ހާސިލުކުރަން ދިޔުމުގެ ހައްގު ކުއްލިއްޔާގެ ދަރިވަރަށް ލިބިގެންވާ ކަމަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
ސިވިލް ކޯޓުގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދު ސޮއިކުރައްވައި މިއަދު ނެރުއްވި ވަގުތީ އަމުރުގައި ބުނަނީ މޫނު ބުރުގާ އަޅައިގެން ކިޔަވަން ދިޔުމަކީ ދީނީ އަދި ގާނޫނީ ހަމަތަކުގެ މަތިން މަނާކުރެވޭނެ ކަމެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް ގއ. ދާންދޫ، ބީޗްވިލާ މެހެނާޒު ހުސެއިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން މޫނުބުރުގާ އަޅައިގެން ތައުލީމް ހާސިލުކުރަން ދިޔުމުގެ ހައްގު މެހެނާޒު އަށް ލިބިގެންވާކަމަށެވެ.
"...ބަލަމުންދާ މައްސަލަ ނިމުމާއިހަމައަށް ދައުވާކުރާ ފަރާތަށް ދައުވާކުރާފަރާތައް ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ބަންދުވުމަކީ އެފަރާތުގެ ހައްގަށް އިއާދަނުކުރެވޭ ފަދަ އުނިކަމެއް އަންނަ ކަމެއްކަމުގައި ވުމުގެ ފުރުސަތު ބޮޑުކަމުގައި ޝަރީއަތުން ދެކޭތީ، ސިވިލްކޯޓުގައި ހިނގަމުންދާ މައްސަލައިގެ ފައިސަލާ ކުރުމާއި ހަމައަށް ނުވަތަ ކޯޓުން އެނޫން ގޮތަކަށް އެންގުމާއި ހަމައަށް، މޫނުބުރުގާ އަޅައިގެން ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާއަށް ތައުލީމު ހާސިލުކުރަން ދިއުމުގެ ހައްގު މެހެނާޒު ހުސެއިން އަށް ލިބިގެންވާކަމުގައި ކަނޑައަޅައި އަމުރުކޮށްފީ މެވެ،" ސިވިލް ކޯޓުގެ އަމުރުގައިވެ އެވެ.
މިއަހަރުން ފެށިގެން މޫނު ބުރުގާ ނަގައިގެން ކުއްލިއްޔާގެ ކުލާހަށް ދިޔުމަށް މެހެނާޒު އަށް އަންގާފައިވަނިކޮށް މޫނުބުރުގާ އަޅައިގެން މިއަހަރު ކުލާހަށް ގޮސް އިންދައި ކުއްލިއްޔާ އިން ވަނީ އޭނާ ކުލާހުން ބޭރުކޮށްފަ އެވެ.
ދައުލަތުން ޝަރީއަތުގައި ބުނެފައި ވަނީ ދައުވާކުރާ ފަރާތުން ވަގުތީ އަމުރަކަށް އެދިފައި ވަނީ ގާނޫނު އަސާސީގައި ބަޔާންވެގެންވާ ކޮން ހައްގަކާ މެދު ކަން ސާފުވާން ނެތުމުންނާއި މޫނުބުރުގާ އެޅުން މަނާކޮށް ކުއްލިއްޔާ އިން ހަދާފައިވާ ގަވާއިދަކީ އިސްލާމްދީނުގެ ހައްގަކާ ޚިލާފު ގަވާއިދަކަށް ނުވާތީ އަދި ދައުވާކުރާ ފަރާތުގެ ހައްގާއި އެ ގަވާއިދު ތައާރަޒު ނުވާތީ ވަގުތީ އަމުރު ނެރެން ޖެހޭ ޝަރުއީ އަދި ގާނޫނީ ބިނާއެއް ނެތްކަމަށެވެ.
ނަމަވެސް ސިވިލްކޯޓުން ނެރުއްވި ވަގުތީ އަމުރުގައި ބުނަނީ ވަގުތީ އަމުރުގެ މައުޟޫއަކީ މޫނުބުރުގާ އެޅުންކަމަށްވާ އިރު، އެފަދައިން ހެދުން އެޅުން މަނާކުރާ ގާނޫނަކަށް ދައުލަތުން ޝަރީއަތުގައި ހަވާލާދީފައި ނުވާ ކަށެވެ.
ދައުލަތުން ހަވާލާދީފައި ވަނީ ގަވާއިދަކަށް ކަމަށް ވެފައި އެ ގަވާއިދަކީ ގާނޫނު އަސާސީގެ 271 ވަނަ މާއްދާގައި ބަޔާންވެގެންވާ ގަވާއިދެއް ނޫން ކަމަށް ބުނެ ދައުލަތުން ޝަރީއަތަށް ބަޔާން ވެސް ދީފައިވާތީ، އެ މައްސަލަ ކޯޓުން ނިމުމުގެ ކުރިން މެހެނާޒު އަށް ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ބަންދުވުމަކީ އޭނާގެ ހައްގަށް އިއާދަ ނުކުރެވޭ ފަދަ އުނިކަމެއް އައުމުގެ ފުރުސަތު ބޮޑުކަމެއް ކަމަށް ޝަރީއަތުން ދެކޭތީ މޫނުބުރުގާ އަޅައިގެން ކިޔަވަންދިޔުމުގެ ހައްގު މެހެނާޒު އަށް ލިބިގެންވާ ކަމަށެވެ.