12 Jan 2021, 13:47
ހުސްވެފައިވާ ބާސެލޯނާގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ބައިވެރިވާން ބޭނުންވާ އަދަދަށް މެމްބަރުންގެ ތާއީދާ އޮތްކަން ސާބިތުކޮށް "ފަހު ތަޅާލުމަށް" ހަތަރު ވާދަވެރިޔަކު ނުކުންނަ ކަން ހާމަކޮށްފި އެވެ.
މި މަހުގެ 24 ވަނަ ދުވަހު ސްޕެއިނުގެ ކެޓަލޫންޏާގައި ބާއްވާ އިންތިހާބުގައި ވާދަކުރަން ގިނަ ކެނޑިޑޭޓުންތަކެއް ކުރިން ވަނީ ނަން ހުށައަޅައިފަ އެވެ. އެކަމަކު އިންތިހާބަށް ވާދަކުރަން ބާސެލޯނާގެ މެމްބަރުންގެ ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން އެ ކުލަބުން ކަނޑައަޅާ ވަކި މިންވަރަކަށް މެމްބަރުންގެ ސޮއި ހުށައަޅަން ޖެހުނު އިރު، އެ ކަމަށް ދީފައި އޮތް ވަގުތު އިއްޔެ ވަނީ ހަމަވެފަ އެވެ. އަދި އެ ސޮއިތަކުގެ ސައްހަ ކަން ބެލުމުގެ މަސައްކަތް ބާސެލޯނާގެ އިންތިހާބީ ބޯޑުން މިއަދު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
އިއްޔެގެ ނިޔަލަށް މެމްބަރުންގެ ތާއީދު ލިސްޓް ހުށައެޅުމުގެ ފުރުސަތު ހަމަވި އިރު، ބޭނުންވާ އަދަދު ކަމަށްވާ 2257 ސޮއި ހުށައެޅިފައިވަނީ ކުލަބުގެ ކުރީގެ ރައީސް ޖޯއާން ލަޕޯޓާ، ވިކްޓަރ ފޮންޓް އަދި ޓޯނީ ފްރެކްސާގެ އިތުރުން އެމިލީ ރޫސާދް އެވެ.
އެގޮތުން 2003 އިން ފެށިގެން 2010 އަށް ބާސެލޯނާގެ ރައީސްކަން ކުރި ލަޕޯޓާ ވަނީ އިއްޔެގެ ނިޔަލަށް 10،272 މެމްބަރުންގެ ސޮއި ހޯދައިފަ އެވެ. އޭނަގެ ދަށުން ފޮންޓް 4713 މެމްބަރުންގެ ސޮއި ހޯދާފައިވާ އިރު، ފްރެކްސާއަށް ލިބިފައިވަނީ 2822 ސޮއި އެވެ. އެންމެ މަދުން ސޮއި ލިބުނު ރޫސާދްއަށް 2510 ސޮއި ލިބިފައިވާ އިރު، ސައްހަ މެމްބަރުންތޯ ޔަގީން ކުރާ އިރު، ރޫސާދްއަށް މެމްބަރުން މަދުވެއްޖެ ނަމަ އޭނާ އިންތިހާބުން ބޭރުވާނެ އެވެ.
ކުރިން އިންތިހާބުގައި ވާދަކުރާނެ ކަން އިއުލާން ކޮށްފައިވާ ޓޯނީ ފްރެއިޒާ، އަގަސްޓީ ބެނެޑީޓޯ، ޖޯޑީ ފާރޭ އަދި ލުއިސް ފެނާންޑޭޒަށް ވަނީ އެކަށީގެންވާ ވަރަށް ސޮއި ނުލިބުމުގެ ސަބަބުން އިންތިހާބުގައި ވާދަނުކުރެވޭނެކަން އަންގައިފަ އެވެ.
ބާސެލޯނާ ނިސްބަތްވާ ސްޕެއިނުގެ ކެޓަލޯނިއާ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް އަނެއްކާވެސް އިތުރުވާން ފެށުމާއެކު އިންތިހާބަށް ގޮތެއް ނިންމަން ކުލަބަށް ވަނީ މީގެ ކުރިން އަންގައިފަ އެވެ. އަދި މި ދަނޑިވަޅުގައި އިންތިހާބު ބާއްވާ ނަމަ ގިނަ މައްސަލަތަކެއް ކުރިމަތިވެދާނެކަމުގެ ބިރު އޮތް ނަމަވެސް، އިންތިހާބު ފަސްކޮށްގެން ކުލަބަށް ލިބޭ ގެއްލުން މާބޮޑުވާނެކަމަށް ބަލައި މި މަހަށް ތާވަލުކޮށްފައި އޮތް އިންތިހާބު ފަސްކުރެވެން ނެތް ކަމަށް ބާސެލޯނާއިން ވަނީ ހާމަކޮށްފަ އެވެ.
މިހާރު އޮތްގޮތުން ބާސެލޯނާއަށް ދަތުރުކުރާ މީހުން 10 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކުރަން ވަނީ މިދިޔަ ހަފުތާއިން ފެށިގެން އަމަލު ކުރަން އަންގައިފަ އެވެ. އެއާއެކު އިންތިހާބުގައި ވޯޓުލާން ސިޓީއިން ބޭރުގައި ތިބި ކުލަބުގެ ގިނަ މެމްބަރުންތަކަކަށް ނާދެވުމުގެ ބިރު އެބައޮތެވެ.