12 Jan 2021, 09:35
ފަޅަކަށް ކުނި އެޅުނު މައްސަލައެއްގައި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ޖޫރިމަނާކޮށްފި އެވެ.
އީޕީއޭއިން މިއަދު ބުނީ ކުނި ނައްތާލުމުގެ ތެރޭގައި ތަކުރާރުކޮށް ފަޅަކަށް ކުނި އެޅިފައިވާ މައްސަލައެއްގައި އިއްޔެ ވެމްކޯ 1.13 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
އީޕީއޭއިން މިއަދު ބުނި ގޮތުގައި ވެމްކޯ ޖޫރިމަނާ ކުރީ ކުނި މެނޭޖްކުރުމާ ބެހޭ ގަވިއިދުގެ ދަށުންނެވެ.
ވެމްކޯ ފަދަ ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުން އެކަން ކުރަން ޖެހެނީ އީޕީއޭގެ ހުއްދައާއެކު ކުނި މެނޭޖުކުރުމާ ބެހޭ ގަވައިދުގައިވާ ގޮތަށެވެ.
ފަޅަށް ކުނި އެޅި މައްސަލައެއްގައި ވެމްކޯ ޖޫރިމަނާކޮށްފައިވާއިރު، މި ފަހުން އެ އެޖެންސީއިން ވަނީ ބ. ދިގުފަރުން ގަވަައިދާ ހިލާފަށް ވެލި ނެގި މައްސަލައެއްގައި ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް 83،750 ރުފިޔާއިން ޖޫރިމާނާކޮށްފަ އެވެ.
އޭގެ އިތުރުން ގަވައިދާ ހިލާފަށް ރުއްގަސް ކެނޑި މައްސަލައެއްގައި އެ އެޖެންސީއިން ވަނީ ނ. މަނަދޫ ކައުންސިލް 20،000 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.