11 Jan 2021, 22:06
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން އިތުރު 50 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
މިއީ އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދާ އަޅާ ބަލާއިރު، ހަ ކޭސްގެ އިތުރުވުމެކެވެ. އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 44 އެވެ.
އެޗްޕީއޭ އިން މިރޭ އާންމުކުރި ކޮވިޑް19ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރު ނެގި 3،129 ސާމްޕަލް އިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހަދުން 19 މީހަކާއި ރިސޯޓުތަކުން 28 މީހެކެވެ. އަދި އަތޮޅު ތެރެއިން ތިން މީހުންނެވެ.
ރިސޯޓުތަކުން ޕޮޒިޓިވްވި މީހުންގެ ތެރެއިން 20 މީހުން ޕޮސިޓިވް ވެފައިވަނީ ސަން ސިޔާމް އޮޅުވެލި ރިސޯޓުންނެވެ. ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ އެ ރިސޯޓުން ޕޮޒިޓިވްވެފައިވާ އެންމެންނަކީ ވެސް ސްޓާފުން ކަމަށެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު ވަނީ 14،159 އަށް އަރާފައެވެ.
އޭގެ ތެރެއިން ޖުމްލަ 13،365 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ، 738 އެވެ. އޭގެ ތެރެއިން 54 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދަކީ، 49 އެވެ