11 Jan 2021, 22:02
ޅ. ނައިފަރަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ދެމީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު 14:50 ހާއިރު ހިންގި އޮޕަރޭޝަނެއްގައި މާލެ އިން ނައިފަރަށް ދިޔަ ދޯންޏަކުން ބޭލި ފޮށިގަނޑެއް ހިފައިގެން ސައިކަލެއްގައި ދިޔަ ދެމީހަކު ހުއްޓުވައި ބަލައިފާސްކުރި އިރު، ގެންދިޔަ ފޮށިގަނޑު ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށެވެ.
އަދި މައްސަލައާ ގުޅިގެން 18 އަހަރުގެ ދިވެހި ފިރިހެނަކު ކުށުގެ ވެށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ސައިކަލުގައި އިން ދެވަނަ މީހާ ކުށުގެ ވެށިން ފިލައިގެން ދިއުމުން އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން މިރޭ 19:34 ހާއިރު ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެއީ 20 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.