11 Jan 2021, 22:03
ލ. ފޮނަދޫއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހަކާ ޑައިރެކްޓު ކޮންޓެކްޓުވި މީހުންގެ ތެރެއިން 40 މީހަކު ކޮވިޑަށް ނެގެޓިވް ވެއްޖެ އެވެ.
ފޮނަދޫ އިން ޕޮޒިޓިވްވީ، މިހާރު މޮނިޓަރިންގައި އޮތް ގއ. ދެއްވަދޫ އިން މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އެރަށަށް ދިޔަ ހަތަރު މީހެކެވެ.
ފޮނަދޫ ސިއްހީ މަރުކަޒުން ބުނީ، ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓުވި މީހުންގެ ތެރެއިން އިއްޔެ ހަވީރު ނެގި 40 ސާމްޕަލްގެ ނަތީޖާ ލިބިފައިވާ ކަމަށާއި، އެންމެން ވެސް ވައިރަހަށް ނެގެޓިވް ކަމަށެވެ.
އިއްޔެ އިން ފެށިގެން ފޮނަދޫގެ ތިން ގެއެއް ވަނީ ކަރަންޓީނުކޮށްފަ އެވެ.
ފޮނަދޫ އިން ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ އެކު، ކޮންޓެކްޓް ޓްރޭސިންގ ނިމެންދެން ފޮނަދޫ އާއި ގަން ވަނީ މޮނިޓަރިންގ އަށް ލައިފަ އެވެ.
ދެއްވަދޫ ކްލަސްޓާއިން މިހާތަނަށް 22 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެ ކްލަސްޓާއިން ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް 149 މީހަކު ވަނީ ދެނެގަނެވިފައެވެ. އޭގެ ތެރެއިން 50 މީހުންނަކީ ހައިރިސްކް މީހުންނެވެ.
ދެއްވަދޫއިން އެންމެ ފުރަތަމަ ކޭސްއެއް ފެނުނީ މިދިޔަ މަހު 24 ގައެވެ. އެދުވަހު ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ތިބި ދެ މީހެކެވެ. އަދި މި މަހުގެ ހަތް ވަނަ ދުވަހު އިތުރު ހަތް މީހަކު ޕޮޒިޓިވްވެ، އެ ރަށް ވަނީ މޮނިޓަރިން އަށް ލައިފަ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ މިދިޔަ ނޮވެމްބަރު 30 ވަނަ ދުވަހަށް ފަހު ދެއްވަދޫން އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތު ސެންޓަރަށް އެކަން އަންގަން އެދިފަ އެވެ.
އެ މުއްދަތުގައި ދެއްވަދޫން ގޮސްފައިވާ ފަރާތެއްވާ ނަމަ، ސާމްޕަލް ނަގާ ނެގެޓިވް ނަތީޖާ ލިބެންދެން، ކަރަންޓީނުގައި ތިބުމަށް އެޗްޕީއޭއިން ވަނީ އެދިފަ އެވެ.
ދެއްވަދޫގައި ކޮވިޑް-19 ފެތުރެމުންދާތާ ދުވަސްކޮޅެއްވެއްޖެ ކަމަށް ލަފާ ކުރެވޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ވަނީ ބުނެފަ އެވެ.
ރަށުގައި ބަލިފެތުރިފައި ވަނީ ކަރަންޓީންގައި ހުރި މީހަކު ޕޮޒިޓިވްވެގެން އޭނާގެ ފަރާތުން ކަމަށް ކުރިން ބެލެވުނު ނަމަވެސް، އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ރޭ ވިދާޅުވީ، މިހާތަނަށް ފެނުނު ކޭސްތަކަށް ބަލާއިރު، ދެއްވަދުއިން މާ ކުރިން ކޮވިޑް ފެތުރިފައިވާކަން އެނގޭ ކަމަށެވެ.