މިދިޔަ ހޮނިހިރު ދުވަހު މަރުވި ފުވައްމުލަކު ސްކޫލްގެ ގްރޭޑް 10ގެ ދަރިވަރު އަހުމަދު ފައުޒަންގެ ހަނދާނުގައި، ސްކޫލްތަކުގައި މިއަދު އެއް މިނެޓްގެ ހިތާމައިގެ ސުކޫތެއް ގެނެސްފި އެވެ.

އުމުރުން 17 އަހަރުގެ ފައުޒަން މަރުވީ، ފުވައްމުލަކު މާނޭރެ އަތިރި ސަރަހައްދުން މޫދަށް ދިޔަ ދެ އަންހެން ކުއްޖަކު އޮޔާދާތީ އެދެކުދިން ސަލާމަތް ކުރުމަށްފަހު، މޫދުތެރެއަށް ގެއްލިގެންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ސުކޫތަކީ ފައުޒަން އެންމެ ފަހު ވަގުތުވެސް ދެއްކި ހިތްވަރުގެ ހަނދާން އައުކޮށް، ފައުޒަނަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކޮށްދެއްވުން އެދި ދުއާކުރުމަށް، ހުރިހާ ސްކޫލްތަކުން ހިއްސާކުރި ހާއްސަ އެއްމިނެޓު ކަމަށެވެ.

މިނިސްޓްރީން ބުނީ ފައުޒަންއަކީ އެންމެނާވެސް ގުޅިގެންއުޅޭ، ސްކޫލް ދަރިވަރުންގެ ވަރަށް ގާތް އެކުވެރިއެއް ކަމަށާއި އަދި ފުވައްމުލަކު ސްކޫލަށް ނުހަނު މުހިނމު، އަހްލާގު ރަނގަޅު ދަރިވަރެއް ކަމަށެވެ.

"ފައުޒަން ވަކިވެގެންދިޔައީ، ތިމާގެ އަމިއްލަ ފުރާނައަށްވުރެ، އަނެކުންނަށް އެހީތެރިވުމާއި އަނެކުންގެ ހިތާމަތައް ފިލުވައިދިނުމަށް އަބަދުވެސް އިސްކަންދިނުން މުހިއްމުކަން އަމަލުން ދައްކަމުންނެވެ." އެޑިއުކޭޝަނުން ބުންޏެވެ.

ފައުޒަން ދެއްކި ހިތްވަރު ރައީސް އިބްރާހީމް ސޯލިހު ވެސް ވަނީ ފާހަގަކުރައްވައިފަ އެވެ.

ފައުޒަން ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ އެދުވަހުގެ 16:47ގަ އެވެ. ފައުޒަން ފެނުނީ 17:50 ހާއިރު، މާނޭރެ އަތިރި ސަރަހައްދުގެ މޫދު އަޑިންނެވެ.

ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް އެ ރޭ 18:41 ހާއިރު ފައުޒަން ވަނީ މަރުވެފަ އެވެ.