13 Jan 2021, 08:35
މިދިޔަ މަހު އޮގަސްޓް މަހު ރިލީޒްކުރި "ޚުދާ ހާފިޒް"އިން ބޮޑު މަގްބޫލުކަމެއް ހޯދި ތަރި ވިދުޔަތު ޖަމްވާލްގެެ ކުރިއަށް އޮތް ފިލްމު "ދަ ޕަވާ"ގެ ޓްރެއިލާ ދައްކާލައިފިއެވެ.
ވިދުޔަތު އާ ބަތަލާ ޝްރޫތީ ހަސަން ލީޑު ރޯލުން ފެނިގެންދާ މި ފިލްމަކީ ޒީ ޕްލެކްސް ގައި ސްޓްރީމްކުރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ. މި މަހު 14 ވަނަ ދުވަހު ފިލްމު ދައްކާއިރު ފިލްމަކީ ވަރަށް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ހިމެނޭ ފިލްމެކެވެ.
ފިލްމު ޓްރެއިލާ އިން ފެނިގެންދަނީ ޝްރޫތީ އާ ވިދުޔަތު ލޯބިވެގެން ކައިވެނިކުރަން ތައްޔާރުވަމުން އަންނަ މަންޒަރެވެ. ނަމަވެސް ޝްރޫތީގެ އާއިލާ މީހެއް މަރާލި މައްސަލައިގައި ދެމީހުންގެ ގުޅުމަށްވެސް ބުރޫ އަރާ ޝްރޫތީ ވިދުޔަތު ދެކެ ނަފްރަތު ކުރާ މަންޒަރު ޓްރެއިލާ އިން ފެނިގެންދެއެވެ.
މަހޭޝް މަޖްރޭކަރު ޑައިރެކްޓްކޮށް އުފައްދާ މި ފިލްމަކީ ވިޖޭ ގަލާނީ ޕްރޮޑިއުސްކުރާ ފިލްމެކެވެ. މި ފިލްމުގައި ދެތަރިންގެ އިތުރުން ހަރަކާތްތެރިވާނީ ޕްރަތިކް ބައްބާރު، ޖިއްޝޫ ސެންގުޕްތާ އަދި ސައްޗިން އެވެ.
އެކްޓަރު ވިދުޔަތްގެ "ޚުދާ ހާފިޒް"އަށް ބޮޑު ކާމިޔާބީއެއް ލިބުމާގުޅިގެން އެ ފިލްމުގެ ދެވަނަ ބައެއް ވެސް ހަދަން ވަނީ މިދިޔަ އަހަރު އިއުލާންކޮށްފައެވެ. ފިލްމުގެ ދެވަނަ ބައިގެ ޝޫޓިން އަންނަ އޭޕްރިލް މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.