ޓެލްއަވީވް (ޖަނަވަރީ 28) : އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދީ އެތަންތަން ހަލާކުކޮށްލުމުގެ ވަގުތު ފާއިތުވެގެންދާ ކަމަށް ވިދާޅުވެ އިސްރާއީލުގެ މަސްއޫލުވެރިން ވާހަކަ ދައްކަވައިފި އެވެ.

އިސްރާއީލުގެ ހަރުކަށި ބައެއް މަސްއޫލުވެރިންނާ ހަވާލާދީ ލަންޑަންގައި ނުކުންނަ "ދި އިންޑިޕެންޑެންޓް" ނޫސް ބުނިގޮތުގައި އީރާނާ ދެކޮޅަށް އެމެރިކާ އާއި ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކުން އެންމެ ފަހުން އެޅި ފިޔަވަޅުތަކާ ގުޅިގެން އީރާނުން ނިއުކްލިޔާ ޕްރޮގްރާމް ހުއްޓާލާތޯ ކުރުމުއްދަތަކަށް ބެލުމަށްފަހު އީރާނަށް އިސްވެ ހަމަލާދިނުމަށް އިސްރާއީލު ތައްޔާރުވާނެ އެވެ.

އިސްރާއީލުގެ ދިފާއީ ވަޒީރު އިހޫދް ބަރާކް މިދިޔަ ހަފްތާގައި ވިދާޅުވެފައި ވަނީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް އިސްވެ ހަމަލާދޭނެ ކަމުގެ އިންޒާރު އިސްރާއީލުން ދިން ނަމަވެސް އެކަމުގެ އެއްވެސް ރޭވުމެއް އަދި ނެތް ކަމުގަ އެވެ. މިފަދަ ރޭވުމެއް ކައިރި މުސްތަގުބަލެއްގައި ރޭވުމުގެ ވިސްނުން އިސްރާއީލުން ނުގެންގުޅޭ ކަމަށް ވެސް ބަރާކް ވިދާޅުވެފައިވެ އެވެ.

ނަމަވެސް އިސްރާއީލުގައި ދާދިފަހުން ޝާއިއުކުރި ރިޕޯޓެއްގައި، އިސްރާއީލުން އީރާނަށް އިސްވެ ހަމަލާދިން ނަމަވެސް އިސްރާއީލުގެ ވުޖޫދަށް ނުރައްކާވާވަރުގެ ރައްދެއް އީރާނަށް ނުދެވޭނެ ކަމަށް ބުނެފައިވެ އެވެ. އަދި އީރާނުގެ ދީފާނެ ރައްދުހަމަލާތަކަށް އިސްރާއީލު ގަންނަނީ އާދަޔާ ހިލާފު ބިރެއް ކަމަށާއި އެއީ ނަފްސާނީ ބިރެއް ކަމަށް ވެސް އިސްރާއީލުގެ މަރުކަޒަކުން ތައްޔާރުކުރި މިރިޕޯޓް ބުނެ އެވެ.

އިސްރާއީލުގެ ޖާސޫސީ އިދާރާ "މޫސާދް" ގެ ކުރީގެ ވެރިޔާގެ މައީރު ދަޣާން މިދިޔަ ހަފްތާގައި ވަނީ އީރާނަށް އިސްވެ ހަމަލާދިނުމަކީ އިސްރާއީލަށް އިންތިހާއަށް ނުރައްކާ ބޮޑު ކަމެއް ކަމަށް ވިދާޅުވެ، މިފަދަ ޅައެއްޗެއް ނޭޅުމަށް އިސްރާއީލުގެ ވެރިންނަށް އިލްތިމާސް ކުރައްވާފަ އެވެ. އީރާނަށް އިސްވެ ހަމަލާދިނަސް އެގައުމުގެ ނިއުކްލިޔާ ޕްރޮގްރާމް ނުހުއްޓުވޭނެ ކަމަށާއި އީރާނުގެ ރައްދު ހަމަލާތަކުގައި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތް ވެސް ބައިވެރިވެ އިސްރާއީލަށް ހަމަލާދީފާނެ ކަމުގެ ބިރުއެބައޮތް ކަމަށް ދަޣާން ވިދާޅުވެފައިވެ އެވެ. އަދި ހިޒްބުﷲ އަކީ ދުނިޔޭގެ ގިނަ ގައުމުތަކުގެ ސިފައިންގެ ލަޝްކަރުތަކަށްވުރެ ވެސް އަސްކަރީ ގޮތުން މާބާރުގަދަ ޖަމާއަތެއް ކަމަށް ދަޣާން ސިފަކުރެއްވި އެވެ.

2005 ވަނަ އަހަރު އިސްރާއީލުން ހިޒްބުﷲ އާ ދެކޮޅަށް ކުރި ހަނގުރާމައިގާ އިސްރާއީލު ވަނީ އެޖަމާއަތުގެ އަތުން ބަލިވެފަ އެވެ. އިސްރާއީލުގެ ހަމަލާތަކަށް އީރާނުން ބަދަލުހިފި ނަމަވެސް އެއިން ދާދި އަވަހަށް އިސްރާއީލަށް ސަލާމަތް ވެވިދާނެ ކަމަށް އިސްރާއީލުގެ ބޭގިން - ސާދާތް ސެންޓާ ފޯ ސްޓްރެޓީޖިކް ސްޓާޑީޒް އިން ނެރުނު މިރިޕޯޓް ބުނެ އެވެ.

މިއީ މިކަމާބެހޭ ގޮތުން މިހާތަނަށް ނެރެފައިވާ ސްޓްރެޓީޖިކް ރިޕޯޓްތަކާ ހިލާފް ރިޕޯޓެކެވެ. މިރިޕޯޓަށް ފަހު އީރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރު އިސްރާއީލުގެ ހަރުކަށި ފަރާތްތަކުން އަނެއްކާވެސް ވަނީ ދޭން ފަށާފަ އެވެ. އިސްރާއީލުގެ އަސްކަރީ ދާއިރާތަކާ ގުޅުން ބޮޑު އިނގިރޭސި މަސްއޫލުވެރި އަކު ވިދާޅުވި ގޮތުގައި އީރާނަށް އިސްވެ ހަމަލާދޭން ބޭނުން ވަނީ އިސްރާއީލުގެ ހަރުކަށި ހިޔާލުގެ ސިޔާސީ ވެރިންނެވެ. އިސްރާއީލުގެ ސިފައިންނާއި ޖާސޫސީ އިދާރާތަކުގެ ޕްރޮފެޝަނަލް ފަރާތްތަކަށް މިކަމުގެ ނުރައްކާތެރިކަން އެނގޭތީ އެފަރާތްތަކުން މިކަމާ އިދިކޮޅެވެ.

އިސްރާއީލުގެ މަސްއޫލުވެރިން އީރާނަށް ހަމަލާދިނުމާ މެދު އެކި ފަހަރު ވާހަކަ ދައްކަވަނީ އެކިގޮތަށެވެ. (ދިއިންޑިޕެންޑެންޓް)