11 Jan 2021, 15:15
ޖޫން 26 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ލ. ގަން، ތުނޑި، ނޫރަންގެ، އަބްދުﷲ ޝާންގެ މައްޗަށް ދައުވާކޮށްފި އެވެ.
ޝާން އަކީ ރައްޔިތުން މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދުގެ ފިރިކަލުންނެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ ޖެނުއަރީ 6، 2021 ވަނަ ދުވަހު އެ މައްސަލައިގައި ޝާންއަށް ދައުވާކޮށް މައްސަލަ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ޝާންގެ މައްޗަށް ކުރީ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާ އާއި، ގައިގާ އަތްލުމުގެ ކުށުގެ ދައުވާ އެވެ.
ޖިންސީ ގޯނާ ކުރުމުގެ ކުށް ކުރީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ނަމަ އަދަބަކަށް އަންނާނީ ހަތް އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ. އެ ނޫން ގޮތަކަށް ނަމަ ތިން އަހަރާއި ހަތް އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ.
އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާ އާއި، ގައިގާ އަތްލުމުގެ ކުށަކީ ޖުނަހުގެ ތިން ވަނަ ދަރަޖައިގެ ކުށްތަކެވެ. އެ ދެ ކުށުގެ އަދަބަކީ އަސާސީ މިންގަނޑުން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ބޮޑު އަދަބަކީ ތިން މަހެވެ.
ސަފާރީއެއްގައި ޖިންސީ ގޯނާ ކުރަން އުޅުނު މައްސަލަ މީގެ ކުރިން ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އެއީ އެ މައްސަލައިގައި ހިމެނޭ ޝާންއަކީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދުގެ ފިރިކަލުންނަށްވެފައި އެ މައްސަލައަށް ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު ވަދެވައިވާ ކަމަށް ތުހުމަތު ކުރެވުމުންނެވެ.
އެ މައްސަލާގައި ކުށުގެ ވެށިން ހައްޔަރުކުރި ދެ މީހަކު ފުލުހުން ދޫކޮށްލުން، ފުލުހުންނަށް އޭރު ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ، ލޮކްޑައުންގައި އޮތް މާލޭގައި މުޒާހަރާ ވެސް ކުރި އެވެ.
އެ މައްސަލައިގައި ދައުވާ ކުރަން ފުލުހުން ފޮނުވީ ތިން މީހަކަށެވެ. ނަމަވެސް އެއީ ކޮން ތިން މީހެއް ކަމެއް އޭރު ފުލުހުން ހާމައެއް ނުކުރެ އެވެ.