ވޮޝިންޓަން (ޖަނަވަރީ 11) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ދުރުކުރުމަށް ނުވަތަ އަޒުލުކުރުމަށް ޓަކައި އެމެރިކާގެ ދުސްތޫރުގެ 25 ވަނަ މާއްދާގެ ބޭނުން ހިފުމަށް ނައިބު ރައީސް މައިކް ޕެންސަށް ގޮވާލާ ގަރާރެއް ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން މިއަދު ފާސްކުރާގޮތަށް ހަމަޖެހިއްޖެ އެވެ.

ހައުސްގެ ރައީސާ ނެންސީ ޕެލޯސީ ވިދާޅުވީ މި ގަރާރު ފާސްކުރުމަށް ބޭނުންވާ ވޯޓު ލިބޭނެކަން ކަށަވަރުވެފައިވާ ކަމަށާ މިގަރާރަށް އަމަލުކުރަން ޕެންސް ފަސްޖެހިވަޑައިގަންނަވާނަމަ 24 ގަޑީއިރު ތެރޭގައި ޓްރަމްޕް އަޒުލުކުރުމުގެ މުހުލަތެއްދޭ ދެވަނަ ގަރާރެއް ހައުސް އިން އަންގާރަދުވަހު ފާސްކުރާނެއެވެ. އެ މުހުމަލަތުގައި ޓްރަމްޕް މަގާމުން ދުރު ނުކޮށްފިނަމަ ޓްރަމްޕް މަގާމުން ދުރުކުރުމުގެ މަސައްކަތް ބުދަދުވަހު ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ފަށާނެއެވެ.

އެމެރިކާގެ ރައީސް އަޒުލުކުރާގޮތް

އެމެރިކާގެ ދަސްތޫރު ބުނާގޮތުން އެމެރިކާގެ ރައީސް އަޒުލުކުރުން (އިމްޕީޗްމަންޓް) އޮންނަނީ ދެ ބަޔަކަށެވެ. ފުރަތަމަ ބަޔަކީ އަޒުލުކުރުމުގެ ދައުވާއެވެ. ނުވަތަ ރައީސް ކުރައްވާފައިވާ ކުށްތަކަށް އޭނާގެ މައްޗަށް ދައުވާ އުފުލުމެވެ. މި މަރުހަލާގައި ހައުސްގެ ސަބް ކޮމިޓީތަކުން ރައީސްގެ ތަހުގީގުކުރުމަށްފަހު އިމްޕީޗްކުރާ ސަބަބުތައް (އާޓިކަލްސް) ގެ ގޮތުގައި ހައުސްގެ ޖުޑިޝަރީ ކޮމިޓީން ތައްޔާރުކުރާނެއެވެ. އެއަށްފަހު ހައުސްގެ ތަޅުމުގައި އެ އާޓިކަލްސްއަށް ވޯޓު ނަގާނެއެވެ. އާޓިކަލްސް ފާސްކުރުމަށް ބޭނުންވާނީ ހައުސްގެ ސިމްޕަލް މެޖޯރިޓީއެވެ. ޓްރަމްޕް މަގާމުން ދުރުކުރަން މަސައްކަތްކުރާ ޑިމޮކްރެޓިކް ޕާޓީއަށް ހައުސްގެ ސިމްޕަލް މެޖޯރިޓީ މިހާރުވެސް އެބައޮތެވެ.

ޓްރަމްޕް

އަޒުލުކުރުމުގެ އާޓިކަލްސް ހައުސް އިން ފާސްކުރުމަށްފަހު މައްސަލަ ދެން ފޮނުވަނީ ސެނެޓަށެވެ. ސެނެޓުން ދެން ކުރިއަށް ގެންދާނީ ރައީސްގެ މައްޗަށް ކުރާ ޝަރީއަތެވެ. އެކަމަށް އިތުރު ހެކިން ހާޒިރުކޮށް ސުވާލުކޮށް، އަޒުލުކުރުމާގުޅޭ އާޓިކަލްސްގައި ހުރި ކަންކަން ސައްހަތޯ ނޫންތޯ ބަލާނެއެވެ. މިކަންކަންކުރާ ޝަރީއަތް ސެނެޓްގައި ކުރިއަށް ގެންދާނީ، އެވަގުތަކު އެމެރިކާގެ ސްޕްރީމް ކޯޓުގެ އިސްފަނޑިޔާރު (އުއްތަމަ ފަނޑިޔާރު) ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކު ސެނެޓްގެ ރިޔާސަތުގައި އިންނަވައިގެންނެވެ.

ޝަރީއަތް ނިންމުމަށްފަހު ނިންމިގޮތް ފާސްކުރާނީ ސެނެޓްގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. މި ވޯޓުގައި ރައީސް މަގާމުން ދުރުކުރެވޭނީ ސެނެޓްގެ މެންބަރުންގެ ގޮތުގައި ތިއްބަވާ 100 މެންބަރުންގެ ތެރެއިން ތިން ބައިކުޅަ ދެބައި މެންބަރުންގެ ވޯޓު (67 ވޯޓު) ލިބިގެންނެވެ.

މުޅި ކޮންގްރެސްގެ އަޣްލަބިއްޔަތު އިދިކޮޅަށް

މިހާރުގެ ހާލަތަށް ބަލާއިރު އެމެރިކާގެ ސެނެޓްގައިވެސް ސިންޕަލް އަޣްލަބިއްޔަތު އޮތީ ޓްރަމްޕް މަގާމުން ދުރުކުރަން މަސައްކަތްކުރާ ޑިމޮކްރެޓިކް ޕާޓީއަށެވެ. ނަމަވެސް ތިން ބައިކުޅަ ދެބައި މެންބަރުންގެ ވޯޓު ލިބޭނީ ސެނެޓްގައި ތިއްބަވާ ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ ތެރެއިންވެސް ގިނަ ބައެއްގެ ވޯޓު ލިބިގެންނެވެ. ސެނެޓްގައި ތިއްބަވާ ރިޕަބްލިކަން މެންބަރުންގެ ތެރެއިންވެސް ދިހަވަރަކަށް ބޭފުޅުން ވަނީ ޓްރަމްޕް މަގާމުން އަޒުލުކުރަން ތާއީދުކުރާކަން ސީދާ ގޮތެއްގައި ހާމަކުރައްވާފައެވެ.

ޓްރަމްޕްގެ ކުށަކީ ހަމަނުޖެހުން އުފައްދަން ހިއްވަރު ދެއްވުން

ޓްރަމްޕް އަޒުލުކުރަން (މަގާމުން ދުރުކުރުމަށް) މަސައްކަތް ކުރަމުން ގެންދަނީ އެމެރިކާގައި ހަމަނުޖެހުން އުފެއްދުމަށް ޓްރަމްޕް ފާޅުގައި ހިއްވަރުދެއްވާފައިވާ މައްސަލައިގައެވެ. އެކަން ހާމަވެފައިވަނީ މިމަހުގެ 6 ވަނަ ދުވަހު ޓްރަމްޕްގެ ސަޕޯޓަރުން އެމެރިކާގެ ކޮންގްރެސް ގެ އިމާރާތަށް ވަދެގަނެ އެތަން ލޫޓުވައި މެންބަރުންނަށް ބިރު ދައްކައި ތަންތަން ހަލާކު ކުރުމުގެ ސަބަބުންނެވެ.

ޓްރަމްޕްގެ ސަޕޯޓަރުން ކޮންގްރެސްގެ އިމާރާތަށް އަރައިގަތީ އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯސެފް ބައިޑަންގެ އިންތިޚާބީ ނަތީޖާ ތަސްދީގު ކުރުމަށް މިމަހުގެ 6 ވަނަ ދުވަހު ކޮންގްރެސްއިން ބޭއްވި ޖަލްސާ ގަދަބާރުން ހުއްޓުވައި ނަތީޖާ ތަސްދީގު ކުރުމަށް ހުރަސްއެޅުމުގެ ބޭނުމުގައެވެ. ޓްރަމްޕްގެ ސަޕޯޓަރުން ކޮންގްރެސްގެ އިމާރާތަށް އަރައިގަތީ ޑިމޮކްރެޓުންނަށް ހިތްވަރު ދައްކާލަންޖެހޭ ކަމަށް ވިދާޅުވެ ސަޕޯޓަރުންނާ މުޚާތަބު ކުރައްވައި ވައިޓް ހައުސްގެ ކުރިމަތީގައި ޓްރަމްޕް ދެއްވި ޖޯޝުން ފުރިގެންވާ ތަގްރީރަށްފަހުގައެވެ.

ޓްރަމްޕް އަޒުލުކުރަން މަސައްކަތް ކުރިނަމަވެސް މިމަހުގެ 20 ގައި އޭނާ މަގާމުން ދުރުވެވަޑައިގަންނަވަން ޖެހޭތީ އެކަމަށް މިހާރު ވަގުތުނެތްކަމަށް ކޮންގްރެސްގެ ބައެއް މެންބަރުން ވިދާޅުވެއެވެ. މިއާއެކުވެސް އެކަންކުރަން ފެށުމުގައި އިިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ އެއް ބޭނުމަކީ ޓްރަމްޕް ނަފްސާނީ ގޮތުން ނިކަމެތިކޮށްލުމެވެ. އަނެއް ބޭނުމަކީ ރިޔާސީ އިތުރު ދައުރަކަށް ކުރިމަތި ލުމުގެ ފުރުސަތުންނާއި އެމެރިކާގެ ސިޔާސީ އެއްވެސް މަގާމެއް އަދާކުރުމުގެ ފުރުސަތުން ޓްރަމްޕް މަހްރޫމް ކުރުންކަމަށް މުހައްލިލުން ވިދާޅުވެއެވެ.

ދަސްތޫރުގެ 25 ވަނަ މާއްދާގެ ދަށުން ޓްރަމްޕް އަޒުލުކުރުން

އެމެރިކާގެ ދަސްތޫރުގެ 25 ވަނަ މާއްދާގެ ދަށުންވެސް ޓްރަމްޕް އަޒުލު ކުރެވޭނެއެވެ. ނަމަވެސް މިކަން ކުރެވޭނީ ނައިބު ރައީސް މައިކް ޕެންސްއާއި ޓްރަމްޕްގެ ކެބިނެޓްގެ ވަޒީރުންނަށެވެ. އެމެރިކާގެ ރައީސް މަގާމު އަދާކުރުމަށް އަހުލުވެރި ނޫންކަމަށް ނުވަތަ މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ރައީސް ނުކުޅެދިއްޖެ ކަމަށް ނައިބު ރައީސް ނިންމެވުމަށްފަހު އެމެރިކާގެ ކެބިނެޓްގެ ވަޒީރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން އެކަމަށް ތާއީދު ކުރައްވައިފިނަމަ ޓްރަމްޕް މަގާމުން ދުރުކުރެވޭނެއެވެ. މިހާލަތު ދިމާވެއްޖެނަމަ ރައީސްގެ މަގާމު އަދާކުރައްވާނީ ނައިބު ރައީސް އެވެ. ދަސްތޫރުގެ 25 ވަނަ މާއްދާގެ ދަށުންވެސް ޓްރަމްޕް އަޒުލުކުރުމަށް މިހާތަނަށް ނައިބުރައީސް މައިކް ޕެންސްވަނީ ފަސްޖެހިވަޑައިގެންފައެވެ. (ނޫސްއެޖެންސީތައް)