ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބުދުﷲ މުހައްމަދުގެ މައްސަލާގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބުދުﷲ ޝާހިދު އެއްޗެކޭ ވިދާޅުވެ ހުންނެވީ މަޖިލިހުގެ ކައުންސިލަރު ޖެނެރަލްގެ ލަފާފުޅުގެ މަތިން ކަމަށް ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

އިސް ގާޒީ އަބްދުﷲ މުހަންމަދުގެ މައްސަލައިގައި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އަށް ހާޒިރުކުރައްވައި އަބްދުﷲ ގާޒީގެ މައްސަލަ ހައްލު ކުރައްވަން މަޖިލީހުގެ ރައީސް އެއްވެސް ކަމެއް ކުރައްވަންތޯ، ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ ސުވާލު ކުރެއްވުމުން ޝާހިދު ވިދާޅުވީ މަޖިލިހުގެ ދެ ކޮމިޓީއެއްގައި މައްސަލަތަކެއް ބަލަމުން އަންނަ ކަމަށާއި އެ މައްސަލަތައް ބަލައި ނުނިމެނީސް މިހާރުގެ ހާލަތާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވުމަށް ބޭނުންފުޅުނުވާ ކަމަށެވެ.

"އަޅުގަނޑު އެކަމުގައި އެއްޗެއް ނުބުނެ މިހުރީ ކައުންސިލަރު ޖެނެރަލްގެ ލަފާގެ މަތިން. މަޖިލިހުގެ ކޮމިޓީގައި އެކަމާ ގުޅޭ ދެ މައްސަލައެއް މިހާރު ވެސް ހިނގަމުން އެބަދޭ،" ޝާހިދު ވިދާޅުވި އެވެ.

މިއަދުގެ ކޮމިޓީގެ ވަގުތުގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބުދުލް ޣަފޫރު އަބްދުﷲ ގާޒީއަކީ ފަނޑިޔާރެއް ކަމަށް ގަބޫލު ކުރައްވަންތޯ ސުވާލު ކުރެއްވުމުން، އާދަމް މުހަންމަދު ވިދާޅުވީ އަބްދުﷲ ގާޒީ ހުވާކުރެއްވީ ގާނޫނުގައި ބުނެފައިވާ ގޮތަށް ކަމަށާއި އަމަލު ކުރަން ޖެހޭ ގޮތްތައް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ. އަބްދުﷲ ގާޒީއަކީ ފަނޑިޔާރެއް ނޫން ކަމަށް އެއްވެސް ފަރާތަކުން ކަނޑައަޅާފައި ނުވާތީ އޭނާ އަކީ ފަނޑިރާރެއް ނޫން ކަމަށް ވިދާޅު ނުވެވޭނެ ކަމަށް ވެސް އާދަމް މުހައްމަދު ވިދާޅުވި އެވެ.

މިއަދުގެ ކޮމިޓީ އަށް ހާޒިރުވި ބައެއްމެންބަރުން ވިދާޅުވެފައި ވަނީ އަބުދުﷲ ގާޒީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެފައިވާ ކަމަށް ޖޭއެސްސީން ނިންމައި އަބުދުﷲ ގާޒީއާ މެދު ފިޔަވަޅު ނާޅާއި އޭނާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގައި ބަހައްޓަވައިފައި ހުރީ ކޮން ގާނޫނެއްގެ ދަށުންތޯ އައްސަވައިފަ އެވެ. އެކަމަށް ޖަވާބުދެއްވަމުން ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދު ތަކުރާރުކޮށް ވިދާޅުވީ ގާނޫނުގައި ބުނެފައިވާ ގޮތަށް އެ ފުރުސަތު އަބްދުﷲ ގާޒީ އަށް ދޭން ޖެހޭ ކަމަށާއި އިތުރު ފިޔަވަޅެއް އެޅުން ޖޭއެސްސީ އަށް މަނާވެފައިވާ ވަނީ މަދަނީ ކޯޓުން އެ މައްސަލަ ނުބެލޭނެ ކަމަށް ނެރެފައިވާ ވަގުތީ އަމުރާ ގުޅިގެން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާތީ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހަންމަދުގެ މައްސަލައިގައި ޖޭއެސްސީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އަށް ހާޒިރުކޮށް ސުވާލުކޮށްފައި ވަނީ މުޅިން ވެސް ވެރިކަން ކުރާ އެމްޑީޕީގެ މެންބަރުންނެވެ. މިއަދުގެ ކޮމިޓީ އަށް އިދިކޮޅު ޕާޓީތަކުގެ އެއްވެސް މެންބަރަކު ހާޒިރެއް ނުވެ އެވެ.