11 Jan 2021, 10:22
ބިޝްކެކް (ޖަނަވަރީ 11) : ކިރްގިސްތާނުގެ ބޮޑުވަޒީރު ސަދީރް ޖަޕަރޯވް އެގައުމުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފިއެވެ.
ކިރްގިޒްސްތާނުގެ އިންތިޚާބާބެހޭ އިދާރާއިން ނެރުނު ވަގުތީ ނަތީޖާއާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ޖަޕަރޯވް ވަނީ ވޯޓުގެ 80 އިންސައްތަ ކާމިޔާބު ކުރައްވާފައެވެ. ޖަޕަރޯވްއަކީ ރަޝިޔާއަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. ރަޝިއާ ގާތް ގުޅުމެއް ބާއްވަން ބޭނުންފުޅުވާކަން އޭނާ ވަނީ ރިޔާސީ އިންތިޚާބުގެ ކޭންޕޭންތެރޭގައި އެތަށް ފަހަރަކު ހާމަކުރައްވާފައެވެ. ކިރްގިސްތާނުގެ އިގްތިސާދަށް ރަޝިއާއަކީ އެންމެ މުހިއްމު ގައުމުގެ ގޮތުގައި އޭނާވަނީ ސިފަކުރައްވާފައެވެ.
އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ސަޕޯޓަރުންނާ މުޚާބަތު ކުރައްވައި ޖަޕަރޯވް ވިދާޅުވީ އޭނާ ވެރިކަމާ ހަވާލުވަނީ ގައުމަށް މައްސަލަތައް ގިނަ އިގްތިސާދީ ދަތިކަން ބޮޑު ދުވަސްވަރެއްގައި ކަމަށާ އެކަންކަމަކީ ދެތިން އަހަރުތެރޭގައި ހައްލު ކުރެވޭވަރަށްވުރެ ދިގު މުއްދަތެއް ބޭނުންވާ މައްސަލަތައް ކަމުގައެވެ. މި މުއްދަތުގައި ގައުމަށް ހަމަޖެހުންވެސް ބޭނުންވާނެކަމަށާ ހުރިހާ ރައްޔިތުންވެސް ކެތްތެރިވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
ކިރްގިޒްސްތާނަކީ ކުރީގެ ސޮވިއެޓް ޔުނިއަން ގެ ޖުމްހޫރިއްޔާއެއްގެ ގޮތުގައި އޮތުމަށް ފަހު 1991 ވަނަ އަހަރު ސޮވިއެޓް ޔުނިޔަން ރޫޅިގެން ދިޔުމާއެކު މިނިވަންކަން ލިބުނު މެދުތެރޭ އޭޝިޔާގެ ގައުމެކެވެ. .5 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ކިރްގިސްތާނުގެ 90 އިންސައްތަ މީހުންނަކީ މުސްލިމުންނެވެ.
ގުދްރަތީ ވަސީލަތްތައްމަދު ކިރްގިސްތާނަކީ މައިގަނޑު ގޮތެއްގައި މެދުފަންތީގެ ގައުމުތަކަށްވުރެވެސް އިގްތިސާދު ދަށް ގައުމެކެވެ. ޖަޕަރޯވް 80 އިންސައްތަ ވޯޓު ހޯއްދަވައިގެން އިންތިޚާބު ކާމިޔާބު ކުރެއްވިއިރު އޭނާއާއި އެންމެ ގާތުން ވާދަކުރެއްވި ކެންޑިޑޭޓަށް ލިބިވަޑައިގަތީ 7 އިންސައްތަ ވޯޓެވެ. (ނޫސްއެެޖެންސީތައް)