28 Jan 2012, 15:36
ހާޒިރީ އަކީ ތަނަކަށް ދާން، ހާޒިރުވާން، ޖެހިފައި އޮންނަ އޮތުމަށް އެމީހަކު އަޅާލައި ފަރުވާތެރި ވާވަރު އަންގައިދޭ އެއްޗެވެ. ގަޑިނުޖެހި ކޮންމެ ފަހަރަކުވެސް ހާޒިރުވާނަމަ ހާޒިރީ ރަނގަޅީ އެވެ. ގަޑިޖެހި ނުގޮސް ހަދާނަމަ ގޯހީއެވެ. މިއީ ރަސްމީކޮށް ބާއްވަން އުޅެން ނުޖެހި އަބަދުވެސް ބޭއްވިފައި އޮންނަ ވަރުގަދަ މުބާރާތެކެވެ. ކަމުވޮށިން ގެ އަތުން ބޮޑެތި ޖަލްސާތަކުގައި ނުދިނަސް އޭގެ ވަނަ ތަކަށް އިނާމާއި ކުރިއެރުން ލިބޭ ކަމެކެވެ. އެއިން ހޮވާލެވޭ ގޯސް ފަރާތްތަކަށް އަދަބާއި ގެއްލުންތައް މިފަހަކާ ޖެހެންދެންވެސް ލިބެމުން އައި ކަމެކެވެ.
ހަނދާން ތަކުގެ ތެރޭގައި ހާޒިރީ މިލަފުޒަކީ ވަރަށް ފާހަގަ ކުރެވިފައިވާ މުހިންމު ރީތި ލަފުޒެކެވެ. މަދަރުސީ ދުވަސްވަރު މައިންބަފައިން ނަށް ނުވަތަ ބެލެނިވެރިޔާ އަށް އެލަފުޒަކާ ހެދި ބައެއް ބައެއް ކުދިން އެކުދިންގެ ރިޕޯޓުފޯމް ނުދައްކާ ފޮރުވައިގެން ގެންގުޅެން މަޖުބޫރު ކުރުވައެވެ. ތަންކޮޅެއްކުރީގައި އަހަރެމެން ރާއްޖޭގައިވެސް ގަޑިޖެހިގެން މަދަރުސާއަށް އަންނަ ކުދިންނަށް ތަފާތު އަދަބު ދިނެވެ. އޭގެތެރޭގައި 6×6 އިންޗީގެ ލަކުޑި ބުރިއެއް އަތަށްދީފައި ކުލާހުން ބޭރުގައި އެތައްއިރަކު ބެހެއްޓުމާއި ކުލާހަށްވައްދާފައި އެއް ކަނެއްގައި ވަކިން ގޮޑިއެއްގައި ބޭންދުންހިމެނެއެވެ. ފަހަކަށްއައިސް ގަޑިޖެހުނީމާ މަދަރުސާ ނުވަތަ އިސްކޫލުގެ ދޮރުތައްބަންދުކޮށް ލަހުން އަންނަ ކުދިން ނުވައްދާ ބައިތިއްބާފައި ފަހުން ދޮރުހުޅުވުންފަދަ ކަން ކަން ވެސް ވަނީ ފެނިފައެވެ. އޮފީސް، ކުންފުނި، ފަދަތަންތާނގައި ވެސް ހާޒިރީބަލައި، ގަޑިޖެހިއްޖެނަމަ އެއޮންނަ އުސޫލަކުން މުސާރައިންކަނޑަމުން ގެންދެއެވެ. ގަޑިއަށްފަރުވާތެރި މީހުންނަށް މަގާމުގެ ކުރިއެރުން ލިބުމުގައި ފަސޭހަތައް ފެނިފައިވެއެވެ.
މިހާރު މިފަހަކަށް އައިސް އިންސާނުންކުރިއަރަމުން އައުމާއި ތަފާތު ހޯދުންތަކާއި އުނގެނުންތަކުގެ އެހީގައި އެކިކަހަލަ ބާރުތައް ހޯދައި މަތިވެރިވެގެން އައިއައުމުގައި ހާޒިރީގެ މައްޗަށްވެސް ކާމިޔާބުހޯދައިފި ކަމަށް އެއްބަޔަކު ގަބޫލުކުރެއެވެ. އެއީ ބައެއް ފަރާތްތަކުން ހާޒިރީ ފައިދަށުލައި އޭގައި ހިރަފުސްކާއްތާ ހަޑިކުރަމުން ގެންދާތީއެވެ. ބުނެވޭގޮތުގައި ރާއްޖޭގައި އެއްމެފުރަތަމަ މިކަން ފެށުނީ ސަރުކާރުން ގަޑިނުޖެހޭ ވަޒީފާތަކެއް ހަމަޖެއްސުމާއި ގުޅިގެން ނެވެ. އޭގެފަހުން އެކިއޮފީސްތަކާއި ކުންފުނި ފަދަ ތަންތާނގައި އެފަދަ މުވައްޒިފުން ތައް ގިނަވަމުން އައެވެ. އެފަދަ މީސްމީހުންނަކީ " އަތްނުފޯރާ " ހިސާބުގައި ތިބޭ ވެރިންތަކެއްކަމުގައި ބެލެމުން އައެވެ. މިފަދަ ބަޔަކު ތިބޭކަމުގައިވިޔަސް އެއޮފީސްތަކުގެ މަސައްކަތްތަކަކަށް މާކަބޮޑު ހީނަރުކަމެއް ނާދެއެވެ. ސަބަބަކީ މަދުފަހަރެއްގައިނޫނީ އެފަދަ މީހުންނަކީ އޮފީސް ފަދަ ތަންތާނގައި މުހިންމު ބޮޑެތި މަސައްކަތްތައް ކޮށް އުޅޭ ބަޔަކަށް ނުވާކަމެވެ. ދެންތިބީން އެ އެތަނެއްގެ މަސައްކަތްތައް ކުރަމުންގެންދާ ކަމެވެ.
ހާޒިރީ ގެ ސަބަބުން ފާހަގަ ކުރެވޭވަރުގެ އުނިކަމަކާއި ގެއްލުންތަކެއް އެބަލިބޭ ކަން ފާހަގަ ކުރެވުނީ ފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހުން، ކުރިންބުނިފަދައިން ހާޒިރީއަށް ފައިން އަރާ ނުތާހިރުކުރެވޭފަދަ މޮޅު އުކުޅުތަކެއް ހޯދައި އޭގެ ބޭނުން ކުރަންފެށީމައެވެ. އެއާއި އެކު އެތާނގެ ކޮމިޓީތަކާއި ފޯރަމް ތަކުގައި ކޯރަމް ހަމަނުވެ (ހާޒިރީއަށް ފަރުވާ ކުޑަކަމުން) ނުބޭއްވި އޭގެ ގެއްލުން މުޅި ގައުމަށް ކުރަމުންދާތަން ފެންނަން ފެށީ މައެވެ. އެ މަޖިލީހުގެ މެންބަރުން ގަޑިޖެހުނަސް، ކިތަންމެ ލަހުން ދިޔައަސް، ނުވަތަ ނުދިޔައަސް ގޯހެއްނުވެ ހަމަ އެގޮތަށް އެތާނގައި ހަރަކާތްތެރިވުމުގެ ފުރުސަތު ލިބިގެންފައި ވާތީ އެވެ. އާއްމުންގެ 90 އިންސައްތަ މީހުން އެކަމަށް ނުރުހުންވެ ރުޅިއައިސް ކެކިއުތުރި ވިރިފޭބިއަސް "އިއްދަ" ހަމަވަންދެން ވާނެކަމެއް ނެތީތީއެވެ.
ކުރަންވެފައި ހުރި އެތައްއެތައް މަސައްކަތްތަކެއް ނުނިމިފައި ހުންނަންޖެހިފައިވާ މައިގަނޑު ސަބަބަކީ އެތާނގެ ހާޒިރީ ނުބަލަހައްޓާކަމެވެ. ބެލެހެއްޓެންނެތީ ތޯއްޗެކެވެ.
މިކަމުގައިވެސް އެމީހުން ގޯހޭ ބުނާނެތަނެއް މުޅިއަކުން ނެތެވެ. ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށް ޓަކައި ރައްޔިތުން ހޮވާފައި އެމީހުންގާތު އުޅޭނެގޮތަކަށްއުޅޭށޭ ބުނީމާ ވާނީ މިހެންނެވެ. މިފަދަގޮތަކަށް ކަންތައް ކުރީމާ ވާންވީވެސް ހަމަ މިހެންނެވެ. ދެރައީ މަޖިލީހުގެ އެތައްބަޔަކު މިކަމާ ނުގަބޫލުކަމުގައި ބުނަމުން ހެދޭނެ ގޮތެއްނެތިފައި ތިބޭ ވާހަކަ ބުނާކަމެވެ. ރައްޔިތުން ހޮވާފައިތިބި ގިނަބައެއްގެ "ފެންވަރާއި ފަންވަރު" ކަމުނުދާތީ ވާގޮތެކޭ ބުނާތީއެވެ.
ގޮތްނެތީކީ ނޫނެވެ. ގައުމާއިދޭތެރޭ އަޅާލުމެއް ނެތީއެވެ. އަގަލު ކުޑައީއެވެ. އެއްމެންވެސްމެއޭ ބުނާނެ ޖާގަ އެބައޮތެވެ. އެހެންނޫންނަމަ ކުޑަކުޑަ އެއްމެ ގަވައިދެއް އިސްލާހުކޮށްލަނިކޮށް މައްސަލަ މުޅިން ހައްލު ވާނެ ކަން ހަމަ ޔަގީނެވެ. އިތުރުކޮށްލަންވީ އެއްމެ 2 މާއްދާއެވެ.
• މަޖިލީހުގެ ޖަލްސާއަކަށް ނުވަތަ ކޮމިޓީއަކަށް ހާޒިރުވާންޖެހޭ ގަޑިއަށް ހާޒިރުނުވެ ލަސްވާ ފުރަތަމަފަސްމިނެޓަށް މުސާރައިގެ ފަސްބައިކުޅަ އެއްބައި، އަދި އިތުރުވާ ކޮންމެމިނެޓަކަށް ދިހަބައިކުޅައެއްބައި އުނިކުރެވޭނެ އެވެ. ގަޑިޖެހިގެން އެއްގަޑިއިރު ލަސްވެއްޖެނަމަ އެދުވަހުގެމުސާރަ އެކީގައި އުނިކުރެވޭނެ އެވެ.
• މަޖިލީހުގެ ޖަލްސާއަކަށް ނުވަތަ ކޮމިޓީއަކަށް ހާޒިރުވާންޖެހިފައިވާ ދުވަހަކު ހާޒިރީގައި ނާންނަ ޖަހަން ޖެހިއްޖެ ނަމަ ފުރަތަމަ ދުވަހަށް މުސާރައިގެ ދެބައިކުޅައެއްބައި، އަދި އޭގެފަހުން ނާންނަ ޖެހޭ ކޮންމެ ދުވަހަކަށް އެދުވަހެއްގެ މުސާރަ އެކުގައި ކަނޑާލެވޭނެއެވެ.
މިވަރުން ހަމަޖެހޭނެއެވެ. ގަޑިޖެހުމާއި ނާންނަ މުޅިންހެން ނެތިގެން ދާނެކަން ޔަގީނެވެ. ސަބަބަކީ މުސާރައެއީ ހުރިހާ އެއްޗެއް ކަމުގައިވާ ކަމެވެ. ލޯތްބާ ޖެހިލުންވުމާއި ބިރުގަތުމާއި ސަމާލުކަމާއި މިފަދަ ހުރިހާކަމެއްމެ މުސާރައާއި ގުޅިލާމެހި ތަގުޑިވެފައިވާ ކަން ކަށަވަރުކުރެވޭތީއެވެ. އާނއެކެވެ. ގައުމަށްވުރެ މުސާރަ މާބޮޑީއެވެ. ޒަންޑޫބާމު ދިހަފުޅިން ވެސް ނުވާވަރަށެވެ.