10 Jan 2021, 23:36
ގއ. ދެއްވަދޫގައި ކޮވިޑް-19 ފެތުރެމުންދާތާ ދުވަސްކޮޅެއްވެއްޖެ ކަމަށް ލަފާ ކުރެވޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނެފި އެވެ.
މީގެ ކުރިން ބެލެވުނީ، ރަށުގައި ބަލިފެތުރިފައި ވަނީ ކަރަންޓީންގައި ހުރި މީހަކު ޕޮޒިޓިވްވެގެން އޭނާގެ ފަރާތުން ކަމަށެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މިހާތަނަށް ފެނުނު ކޭސްތަކަށް ބަލާއިރު، ދެއްވަދުއިން މާ ކުރިން ކޮވިޑް ފެތުރިފައިވާކަން އެނގޭ ކަމަށެވެ.
"މި ރަށުގައި ބަލި ފެތުރެމުންދިޔަތާ ދުވަސްކޮޅެއްވެދާނެކަމަށް ލަފާ ކުރެވޭ. އަދި މިއީ ސީދާ ކަރަންޓީންގައި ހުރި މީހަކު ޕޮޒިޓިވްވެ، އެމީހާގެ ފަރާތުން ފެތުރުމުގެ ކަމެއްގެ ބަދަލުގައި ކޮންމެވެސް އެހެން ގޮތަކުން ބަލި އިންޓްރޮޑިއުސްވެގެން ކޮންމެވެސް ވަރަކަށް ރަށުތެރޭ ޓްރާސްމިޓްވެގެން، ސާކިއުލޭޓްވެގެން މިހާތަނަށް ބެލި ކޭސްތަކަށް ބަލާއިރު ފާހަގަ ކުރެވެނީ،" ނަޒްލާ ވިދާޅުވިއެވެ.
ދެއްވަދުއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 22 އަށް އަރާފަ އެވެ. އެ 22 މީހުންނަކީ ދެއްވަދޫގައި ތިބި 16 މީހަކާއި އެރަށުން ލ. ފޮނަދުއަށް ދިޔަ ހަތަރު މީހަކާއި ހުޅުމާލޭގައި ތިބި ދެ މީހެކެވެ.
ދެއްވަދޫ ކްލާސްޓާއާ ގުޅުންހުރި 149 ކޮންޓެކްޓުން މިހާތަނަށް ވަނީ ހޯދާފަ އެވެ. އަދި އޭގެތެރެއިން ހައި ރިސްކް ކެޓަގަރީގެ 55 މީހަކު ހިމެނޭ ކަމަށް އެޗްއީއޯސީން ބުންޏެވެ.
ދެއްވަދުއިން މިހާތަނަށް ނެގި 163 ސާމްޕަލްގެ ތެރެއިން ނަތީޖާ ލިބުނީ 78 ސާމްޕަލެއްގެ އެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ގެ ފަހުން ދެއްވަދުއި އެހެން ރަށްރަށަށް ގޮސްފައިވާ މީހުން އެރަށެއްގައި ހުންނަ ސިއްހީ ޚިދުމަތްދޭ ތަނަކަށް ރިޕޯޓް ކުރުމަށް އެދިފަ އެވެ. އަދި ކޮވިޑަށް ސާމްޕަލް ނަގައި ނަތީޖާ ލިބެންދެން އެފަދަ މީހުން ހޯމް ކަރަންޓީނުގައި ތިބުމަށް ވެސް އެޗްޕީއޭ އިން ވަނީ އަންގާފަ އެވެ.