ބޮލީވުޑްގެ ބަތަލާ އީޝާ ޑިއޯލް 39، ގެ އިންސްޓަގްރާމް އެކައުންޓް ހެކްކޮށްފިއެވެ.

އީޝާ ބުނީ އޭނާގެ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް އެއްވެސް މީހަކަށް ކުރާ މެސެޖު ނުބަލަން އެދޭ ކަމަށާއި އެއްވެސް މެސެޖަކަށް ރިޕްލައިވެސް ނުދިނުމަށެވެ. އިންސްޓަގްރާމް ހެކްވިކަން ޓްވިޓާ މެދުވެރިކޮށް އާންމުންނަށް އެންގިއިރު އީޝާ އަންނަނީ އޭނާގެ އިންސްޓަގްރާމަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އީޝާގެ އިންސްޓަގްރާމް އެކައުންޓް ހެކްވިއިރު މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ، ރިތިކްގެ ކުރީގެ އަންހެނުން ސޫޒާން ޚާން، އެކްޓަރު ވިކްރަންތް މަސީ އަދި ކޮރިއޯގްރަފަރު ފަރާ ޚާންގެ އެކައުންޓްވެސް ވަނީ ހެކްވެފައެވެ.

މިހާރަކަށް އައިސް ފިލްމުތަކުން މަދުމަދުން ފެންނަ ބަތަލާ އީޝާ އަކީ ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު ދަރުމެންދުރަ އާ ބަތަލާ ހެމާ މާލިނީގެ އަންހެން ދަރިފުޅެވެ.

ބަތަލާ އީޝާ ކުޅުނު މަގްބޫލު ފިލްމުތަކުގެ ތެރޭގައި "ދޫމް"، "ހައިޖެކް" އަދި "ރާޒް 3"ހިމެނެއެވެ.