28 Jan 2012, 15:33
މިއުމާރިއްޔަތު، ނުވަތަ އާރކިޓެކްޗަރ، ނުވަތަ އިމާރާތް ކުރުމުގެ ފައްނަކީ އިންސާނުންގެ ތެރޭގައި ތަރައްގީ ކުރެވިފައި ވާ އެންމެ މުހިއްމު އެއް ފައްނެވެ. އެންމެ ބޭނުންތެރި އެއް ފައްނެވެ. ދެކޭ މީހާގެ ހިތަށާއި ރޫހަށް ހާއުހާކަމާއި ފިނިކަމާއި ހަމަޖެހުން ލިއްބައިދޭ ފަދަ ގޮތަކަށް ފަރުމާ ކުރެވި ބިނާ ކުރެވިފައި ވާ ބަގީޗާއެއް، ނުވަތަ ގެއެއް، ނުވަތަ މިސްކިތެއް، ނުވަތަ ޝަހަރެއް ފަދަ ތަނަކަށް ދެވުމުން ކޮންމެ މީހަކަށް ވެސް މި ފައްނުގެ ހަގީގީ އަގު ވަޒަން ކުރެވޭނެއެވެ.
މުސްލިމުންގެ ހަޒާރަތްތެރިކަމުގެ ރަން ޒަމާނުގައި ތަރައްގީ ކުރެވުނީ ފައްނުވެރިކަމުގެ ވަކި ދާއިރާތަކެއް ނޫނެވެ. ހުރިހާ ދާއިރާތަކެކެވެ. އޭގެ ތެރެއިން ވެސް އެންމެ ފާހަގަ ކޮށްލެވޭ އެއް ދާއިރާއަކީ އިމާރާތް ކުރުމުގެ ދާއިރާއެވެ. މި ފައްނަކީ ހަމައެކަނި ލޮލަށް ރީތި އިމާރާތްތަކެއް ބިނާކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި އޮތް އޮތުން، މުސްލިމުންގެ މިއުމާރުންގެ އަތްމަތީގައި ނިމުމަކަށް އައެވެ. އިމާރާތް ކުރުމުގައި މޫސުމާއި، މާހައުލާއި، އިމާރާތުގެ ތެރެއަށް ސާފު ވަޔާއި ގުދުރަތީ އަލިކަން ލިބޭނޭ ގޮތްގޮތް ފަދަ ކަންކަމަށް ސަމާލުކަން ދިނުމުގެ މުހިއްމުކަން ވިސްނައިގަނެ، އިމާރާތްތައް ފަރުމާ ކުރުމުގައި މި ކަންކަމަށް ބަލަން ފެށި ބަޔަކީ މުސްލިމުންނެވެ.
އިސްލާމީ ހަޒާރަތުގެ ތާރީހަށް ބަލައިލުމުން، އިމާރާތް ކުރުމުގެ ފައްނުގެ ބާނީން ކަމަށް ބަލަން ޖެހޭ އެތައް ބޭފުޅުން ފެނެއެވެ. މިއުމާރު ސިނާން ފަދަ ބޭފުޅުންނެވެ. ހަމައެއާއެކު، އިސްލާމީ ހަޒާރަތުގެ މަރުކަޒުތަކުން، އިމާރާތް ކުރުމުގެ ފައްނުގެ ލާމަސީލު ނަމޫނާތަކެއް ފަދަ އެތައް ޖަވާހިރުތަކެއް ވެސް އަޅުގަނޑުމެންނަށް ފެނެއެވެ. މީގެ އެތައް ސަތޭކަ އަހަރެއް ކުރީން އިމާރާތް ކުރެވިފައި ވާ ތަންތަނެވެ. ޝަހަރުތަކާއި ކިއްލާތަކާއި މިސްކިތްތަކާއި ގަނޑުވަރުތަކާއި އާއްމު ހައްމާމުތަކާއި ބަގީޗާތަކާއި ފައްވާރާތައް ފަދަ ތަންތަނެވެ. އޭގެ ތެރެއިން "އަލްމަދީނަތުއްޒަހްރާ" އާ ބެހޭ ބަޔާނެއް އަޅުގަނޑު ވާނީ ކުރީގެ އަދަދެއްގައި ތިޔަ ބޭފުޅުންނާ ހަމަޔަށް ގެނެސްދީފައެވެ.
މި ފަހަރުވެސް އަޅުގަނޑުގެ ނަޒަރު ހުއްޓައިލެވުނީ މުސްލިމް ސްޕޭނަށެވެ. އެނގިވަޑައިގަންނަވާނެ ފަދައިން މުސްލިމް ސްޕޭނަކީ އެއް އިރެއްގައި ދުނިޔޭގެ ބިންމަތީގައި އަރައިފައި ހުރި ފުރިހަމަ ހަނދެކެވެ. ނުވަތަ، ދުނިޔޭގެ ބިމުގައި ހެދިފައި އޮތް އެފަދަ ދެވަނައެއް ނެތް ބަގީޗާއެކެވެ. މުސްލިމް ސްޕޭނުގެ ވެރިރަށް ޤުރުޠުބާ އަކީ މަގުތަކުގައި ގާ އެޅުމާއި، މަގުތައް ދިއްލަން ބައްތި ޖެހުމާއި، ޝަހަރުތަކުގެ ތެރޭގައްޔާއި، ގަނޑުވަރު، ހަވޭލި ފަދަ ތަންތަނުގެ ތެރޭގައި ބަގީޗާތަކާއި ފައްވާރާތައް ހެދުމުގެ ސަގާފަތް ޔޫރަޕަށް ތައާރަފު ކުރި ޝަހަރެވެ. މީލާދީން ހާހުގެ އަހަރުތައް ގުނެން ފެށި އިރު، ޔޫރަޕުގެ ގައުމުތަކުގެ ސަފީރުންނާއި ދަތުރުވެރީންނާއި ކިޔަވާ ކުދީން ޤުރުޠުބާއަށް އަރައި އެ ޝަހަރު ދެކެމުން ދިޔައީ ތަލީން ކުޅު ހިކިފައި ތިބޭ ހާލުގައެވެ. ދުލުން ބަސް ހުއްޓިފައި ތިބެގެންނެވެ.
މުސްލިމް ސްޕޭނުގެ އިމާރާތް ކުރުމުގެ ފައްނު ދައްކުވައިދޭ ރީތި ބިނާތަކުގެ ތެރެއިން އަޅުގަނޑުގެ ހިތުގައި ހާއްސަ މަގާމެއް ދެވިފައި ވާ އެއް ތަނަކީ އަލްޤަލްޢަތުލް ޙަމްރާ އެވެ ކިޔުނު ރީތި ކިއްލާއެވެ. "އަލްޤަލްޢަތުލް ޙަމްރާ" ގެ މާނައަކީ "ރަތް ކިއްލާ" މިއެވެ. އަލްޙަމްރާއަށް "ޤަޞްރުލް ޙަމްރާ" އޭ ވެސް ކިޔެއެވެ. މާނައަކީ "ރަތް ގަނޑުވަރު" މިއެވެ.
އަލްޙަމްރާ ބިނާ ކުރެވުނީ ސްޕޭނުގެ ސަރަހައްދުތަކުގެ ތެރެއިން، މުސްލިމުންގެ ވެރިކަން އެންމެ ގިނަ ދުވަސް ވަންދެން ދެމިއޮތް ޝަހަރު ކަމަށްވާ ގްރެނޭޑާ، ނުވަތަ ޣަރްނާޠާގައެވެ. އަލްޙަމްރާ އިމާރާތް ކުރެއްވީ މީލާދީން 1300 އިގެ އަހަރުތަކުގެ ތެރޭގައި، ޣަރްނާޠާގެ މުސްލިމް އަމީރުންނެވެ. މަސައްކަތް ފުރިހަމަ ކުރެއްވީ 1391 ވަނަ އަހަރު، ސުލްޠާން މުޙައްމަދު ފަސްވަނައެވެ. އެއީ ސްޕޭނުގެ ކްރިސްޓިއަނުން ޣަރްނާޠާ ހިފައި، މުސްލިމުން ސްޕެއިނުން މުޅީން ބޭރު ކޮށްލުމުގެ ސަތޭކަ ވަރަކަށް އަހަރު ކުރިއެވެ.
މީލާދީން 1492 ވަނަ އަހަރު ޣަރްނާޠާ ހިފުމަށް ފަހު، ކްރިސްޓިއަން ރަސްކަލުން އަލްޙަމްރާގެ ބައެއް އެ ބޭފުޅުންގެ ބޭނުންފުޅުތަކަށް ހާއްސަ ކުރެއްވިއެވެ. އަލްޙަމްރާ އަކީ މުސްލިމުންގެ މިއުމާރީ މަސައްކަތްތަކުގެ ތެރެއިން، ކްރިސްޓިއަނުން ހަލާކު ކޮށްނުލައި ބެހެެއްޓި މަދު ތަންތަނުގެ ތެރެއިން އެއް ތަނެވެ. ކްރިސްޓިއަން ރަސްރަސްކަލުން އެތަން ކޮންމެވެސް ވަރަކަށް ބޭނުން ކުރެއްވި ނަމަވެސް، ދުވަސްކޮޅެއްގެ ފަހުން އެތަން ވީރާނާ ވެގެން ދާން ދޫކޮށްލެވުނީއެވެ. އަލްޙަމްރާގެ ރީތިކަމާއި، އެތަނުގެ މިއުމާރީ ފުރިހަމަކަން އަނެއްކާވެސް ޔޫރަޕުގެ އަހުލުވެރީންގެ ލޯތަކުގައި އަޅައިގަތީ ނަވާރަވަނަ ގަރުނުގެ ތެރޭގައެވެ. އެއަށްފަހު އެތަން ސާފު ކޮށް، މަރާމާތު ކުރެވުނެވެ. އަދި އެތަން ބެލެހެއްޓުމުގެ އިންތިޒާމުތައް ސްޕޭނުގެ ސަރުކާރުން ކުރިއެވެ.
މިހާރު އަލްޙަމްރާއަކީ ދުނިޔޭގެ އެންމެ މުހިއްމު ސަގާފީ ތަރިކަތަކުގެ ތެރޭގައި އދ. ގެ ޔުނެސްކޯއިން ހިމަނާފައި ވާ ތަންތަނުގެ ތެރެއިން އެއް ތަނެވެ. ސްޕޭނަށް ޒިޔާރަތް ކުރާ ފަތުރުވެރީންގެ ގާތުގައި އެންމެ މަގުބޫލު އެއް މަންޒިލެވެ. އެތަނާ ގުޅުވައިގެން އެތައް ހާސް ޅެންތަކެއް ހެދިފައި ވެއެވެ. އެތައް ސަތޭކަ ވާހަކައަކާއި، އެތައް ދަތުރުނާމާއެއް އެތަނާ ގުޅުވައިލެވިފައި ވެއެވެ.
މުސްލިމުން ޣަރްނާޠާ ބިނާ ކޮށްފައި ވަނީ ފެންގަނޑުތަކާއި ފައްވާރާތަކާއި ބަގީޗާތައް އެތަނުގެ އެތެރޭގައި ހިމެނޭ ގޮތަށެވެ. އެ ބަގީޗާތަކުގައި އެންމެ ގިނައިން ހައްދާފައި ހުރި ގަސްތަކުގެ ތެރޭގައި ފިނިފެންމަލާއި އޮރެންޖާއި އާސް އެވެ ކިޔޭ މާ ހިމެނެއެވެ. މީގެ އިތުރުން ވެސް އެތައް ވައްތަރެއްގެ މާމެލާމެއްޔާއި، ހިޔާދޭ ގަހާއި، މޭވާ ގަސްތައް އަލްޙަމްރާގެ ސަރަހައްދުގައި ގިނަ އަދަދަކަށް ހައްދާފައި ހުރެއެވެ. އެ ބަގީޗާތަކުގައި އެކި ބާވަތްބާވަތުގެ ދޫނިސޫފާސޫފި އުޅޭ އިރު، އަލްޙަމްރާގެ ތެރެއިން އެންމެ ގިނައިން ފެންނަ ދޫންޏަކީ އަންދަލީބެވެ. މި ކަހަލަ ގޮތަކަށް އެތަން ފަރުމާ ކުރުމުގައި މުސްލިމް މިއުމާރުންގެ ތަސައްވުރު ބިނާ ކޮށްފައި ވަނީ ކީރިތި ޤުރްއާނުގައި ސުވަރުގެ ސިފަ ކުރައްވާފައި ވާ ސިފަ ކުރެއްވުންތަކުގެ މައްޗަށެވެ.
ކޮންމެއަކަސް، އަލްޙަމްރާ އަކީ މުސްލިމުން ބިނާ ކުރި، އެފަދަ ދެވަނައެއް ނެތް ހަޒާރަތުގެ "ސަންދޯއް އެރުވުމަށް ފަހު" ފެންނާން ހުރި އެ ހަޒާރަތުގެ އެންމެ ފުރިހަމަ އެއް ހަނދާނެވެ. ރަނގަޅަށް ނުބެލެހެއްޓުމާއި، ތަން ހަލާކު ކޮށްލަން ބައެއް ފަރާތްތަކުން ގަސްތުގައި ކޮށްފައި ވާ އެތައް ކަންތައްތަކަކާއި، އަދި މަރާމާތު ކުރުމުގެ ނިޔަތުގައި ކުރެވުނު ކަންކަމުން ލިބުނު ގެއްލުންތަކާ އެކު ވެސް އަލްޙަމްރާ އަކީ އެތަނަށް ޒިޔާރަތް ކުރާ ކޮންމެ މީހަކު ހުވަފެނީ ދުނިޔެއަކަށް ގެންގޮސްދޭ ބިނާއެކެވެ.