10 Jan 2021, 15:23
ރައީސް އޮފީހުގެ ތަރުޖަމާނު ކަމަށް މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް އައްޔަންކުރައްވައިފި އެވެ.
ކުރިން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިކް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނަކަށް ހުންނެވީ އިބްރާހިމް ހޫދު އެވެ.
ހޫދު ވިދާޅުވީ ރައީސް އޮފީހުގެ ތަރުޖަމާނަކަށް މަބްރޫކް އައްޔަންކުރެއްވީ މި މަހުގެ ފުރަތަމަ އެއްވަނަ ދުވަހު ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިކްގެ މަގާމުގައި ހުންނަވައި ރައީސް އޮފީހުގެ މީޑިއާ ކޮމިއުނިކޭޝަންގެ މަސައްކަތްތަކަށް އިސްކަން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ހޫދަކީ އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައި، އަދި ޕޮލިޓިކަލް ސައިންސް އެންޑް އިންގްލިޝް ލިޓްރޭޗާއިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
މީގެކުރިން، ފޮރިން މިނިސްޓްރީގެ ތަފާތު ފެންވަރުގެ މަގާމުތަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަސެކްރެޓަރީކަމުގެ މަގާމުވެސް ހޫދު ވަނީ ފުރުއްވައިފަ އެވެ.
މީގެކުރިން މަބްރޫކް ހުންނެނީ ރައީސް އޮފީހުގެ ކޮމިޔުނިކޭޝަންސް އަންޑާސެކްރެޓަރީގެ މަގާމުގަ އެވެ. އެ މަގާމަށް މަބްރޫކް އައްޔަންކޮށްފައި ވަނީ ޖުލައި 2019 ގައެވެ.
ކޮވިޑް19 އާ ގުޅިގެން މަބްރޫކް ވަނީ ހަތަރު މަސް ދުވަސް ވަންދެން، ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނުކަން ވެސް ކުރައްވައިފަ އެވެ.
އެންއީއޯސީން 160 ނޫސްވެރިންގެ ބައްދަލުވުން ބޭއްވި އިރު، އޭގެ ތެރެއިން 111 ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ބައިވެރިވެވަޑައިގެންނެވިއެވެ.
ޖުލައި އެއްވަނަ ދުވަހުން ފެށިގެން އެންއީއޯސީ އުވާލުމުން، މަބްރޫކުވަނީ އަލުން އެނބުރި ރައީސް އޮފީހުގައި އަދާކުރަމުން ދިޔަ އަންޑަސެކްރެޓަރީކަމުގެ ވަޒީފާއަށް ވަޑައިގެންފަ އެވެ.