28 Jan 2012, 15:31
ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުން އުފެއްދެވީ އެކަލާނގެ ރަސްކަންފުޅަށް އަޅުކަން ކުރުމަށެވެ. އަޅުތަކުންނަށް ރިޒުޤު ދެއްވަނީ އެބައިމީހުން ޝުކުރުވެރި ވުމަށެވެ. ނަމަވެސް ގިނަ މީހުން އަޅުކަންކުރަނީ މާތްﷲ ފިޔަވައި އެހެނިހެން ފަރާތްތަކަށެވެ. ޝުކުރުވެރިވާނަމަ ޝުކުރުވެރިވަނީ އެކަލާނގެ ރަސްކަންފުޅު ނޫން ފަރާތްތަކަށެވެ. މާނަޔަކީ އިންކާރު ކުރުމާއި، ޙައްޤުން އެއްކިބާވުމާއި، އަދަބުކުޑަކަމާއި، ނިޢުމަތަށް ކުފުރުވުމަކީ އިންސާނާގެ ޠަބީޢަތުގައިވާ ކަންކަމެވެ. ކަން މިހެން ހުރިއިރު މީހަކު ކަލާގެ އިޙްސާންތެރިކަން ހަނދާން ނައްތައިލިޔަސް ޙައިރާންފުޅުވާކަށެއް ނުޖެހެއެވެ. ކަލާގެ ހެޔޮފުޅުކަމާއި ރީތި ސުލޫކު ބޮލައިލާ ޖެހިޔަސް ޢަޖާއިބުފުޅު ވާކަށެއް ނުޖެހެއެވެ. އަދި ކީއްތޯއެވެ؟ ކަލާގެ ހެޔޮކަމުގެ ބަދަލުގައި ތެޔޮހަމެއް ދިނަސް، އިޚްލާޞްތެރިކަމުގެ ބަދަލުގައި ދުޝްމިނުވެގަތަސް، އިޙްސާންތެރިކަމުގެ ބަދަލުގައި ހިތްނުބައިކޮށް ޙަސަދަވެރި ވިޔަސް އެއީ އާދައިގެ ކަންކަމެވެ.
އިސްލާމްދީނުގެ ނަބިއްޔާ ޞަދަޤާތް ބައްސަވައިދެއްވުމުން ބައެއްމީހުން ކަންތައް ކުރިގޮތާ ބެހޭގޮތުން އަރަހުށި މާތްﷲ ވަޙީކުރައްވައިފައި ވެއެވެ.
"ﷲ އާއި، އެކަލާނގެ ރަސޫލާ އެއުރެންނަށް ދެއްވި ތަކެއްޗާމެދު އެއުރެން ރުހި، އަދި އެއުރެން ބުނިނަމައެވެ. ﷲ ތިމަންމެންނަށް ފުދެއެވެ. ﷲ އާއި އެކަލާނގެ ރަސޫލާ، އެކަލާނގެ ފަޟުލުވަންތަކަމުގެ ތެރެއިން ތިމަންމެންނަށް ދެއްވާނެތެވެ. ހަމަކަށަވަރުން ތިމަންމެން ވަނީ ﷲ ގެ ޙަޟުރަތަށް އެދިއެދިތިބޭ ބަޔަކު ކަމުގައެވެ." (އައްތައުބާ: 59)
ދުނިޔޭގެ ހުޅުވައިލެވިފައިވާ ފޮތް ވަނީ ކަލާގެ ކުރިފުޅުމަތީގައެވެ. އެފޮތް ވިދާޅުވެ ބައްލަވާށެވެ. މުޅި އެފޮތުގައި ވަނީ ނުހަނު ލޯބިން ދަރީންތަކެއް ބަލައި ބޮޑުކުރި ބައްޕައިންގެ ވާހަކައެވެ. އެބައްޕައިން އެބައިމީހުންގެ ދަރީންނަށް ކާން ދިނެވެ. ބޯން ދިނެވެ. އަންނައުނު ދިނެވެ. ތަޢުލީމާއި ތަރުބިޔަތު ދިނެވެ. އެކުދީން ނިންދެވުމަށް ޓަކައި ހޭލައި ތިއްބެވެ. އެކުދީންނަށް ކާން ދިނުމަށްޓަކައި ބަނޑުހައިހޫނުކަން ތަޙައްމަލު ކުރިއެވެ. އެކުދީންނަށް އަރާމު ހޯދައިދިނުމަށްޓަކައި ވަރުބަލިކަން އުފުލިއެވެ. އެކަމަކު އެދަރީން ބޮޑެތިވެ ޒުވާންވެ ބާރާއި ހަކަތަ ލިބުމުން އެކުދީން ވެފައިވަނީ އެބައްޕައިންނަށް ކިހާ ހިތި ހަބަރަކަށް ތޯއެވެ؟ ކިހާވަރަކަށް މަލާމާތްކޮށް، ފޫއްސާއި ނަފްރަތު ފާޅުކުރި ބަޔަކަށްތޯއެވެ؟ ކިހާ ހަރުކަށި ނުކިޔަމަންތެރި ބަޔަކަށްތޯއެވެ؟ ކިހައިބޮޑު ޢަޒާބެއް ކަމުގައިތޯއެވެ؟ އެހެންވީއިރު ޝުކުރުވެރި ނުވާ ބަޔަކު ކަލާގެ އިޙްސާންތެރިކަން ހަނދާން ނައްތައިލިޔަސް އެކަމާ ދެރަފުޅު ނުވާށެވެ. ހިތްޕުޅުދަތި ނުކުރައްވާށެވެ. އޭގެ ބަދަލުގައި ކަލާޔަށް ދަޢުވަތު ލިބިވަޑައިގެންފައިވަނީ އެފަރާތްޕުޅެއްގެ ޚަޒާނާ ދުވަހަކުވެސް ހުސްވުމެއް ނެތް ފަރާތްޕުޅެއްގެ އިނާމުގެ ޙައްޤުވެރިޔަކަށް ވެވަޑައިގަތުމަށެވެ.
ކަލާ އެހެންމީހުންނަށް އިޙްސާންތެރިވެވަޑައިގަތުން ކުޑަކޮށްވެސް މަޑުޖައްސަވައިނުލައްވާށެވެ. އަނެކުންނަށް ޚިދުމަތް ކުރައްވާށެވެ. އެކަމަކު އެކަންކަން ކުރެއްވުމަށްފަހު ދުނިޔޭގެ އޮޔާއި ވަޔާ ޙަވާލުކޮށްލައްވާށެވެ. ހަނދުމަފުޅުން ފޮހެލައްވާށެވެ. ކަލާގެ އާދަފުޅަކީ އެއީކަމުގައި ހައްދަވާށެވެ. ނިޢުމަތަށް ކާފަރުވާ މީހުނާމެދު ހިތްޕުޅު ކުޑައި ނުކުރައްވާށެވެ. ކުރައްވާ ކޮންމެ ހެޔޮކަމެއް ﷲގެ ވަޖުހުފުޅަށްޓަކައި ކުރައްވާށެވެ. އޭރުން ކަލާޔަށް ކާމިޔާބީ ލިބިވަޑައިގަންނަވާށެވެ. ނިޢުމަތަށް ޙަރާންކޯރުވާ މީހެއްގެ ފުށަކުން ކުޑަވެސް ދުކެއް ލިބިވަޑައެއްނުގަންނަވާނެއެވެ. ކަލާއަކީ އިޙްސާންތެރިޔަކަށް ވާނެއެވެ. ކަލާގެ އަތްޕުޅު އޮންނާނީ މަތީގައެވެ. މަތީގައި އޮންނަ އަތް ތިރީގައި އޮންނަ އަތަށްވުރެ ހެޔޮކަން ބޮޑެވެ. ކަލާ ވިދާޅުވާށެވެ.
"ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ، ﷲގެ ވަޖުހުފުޅަށްޓަކައެވެ. ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައަކަށްވެސް އަދި ޝުކުރުގެ ބަހަކަށް ވިޔަސް ތިމަންމެން ނޭދެމުއެވެ." (އަލްއިންސާނު: 9)
ޢާއްމު ބައެއްމީހުންގެ ޠަބީޢަތެއް ކަމުގައިވާ ހެޔޮކަން ހަނދާންނައްތައިލުމާއި ޝުކުރުވެރިނުވުމަކީ، ވިސްނުންތެރި ބައެއްމީހުންނަށް ވެސް ވަރަށް ގިނަ ފަހަރަށް ހަނދާން ނައްތައިލެވޭ ކަމެކެވެ. މާތްﷲގެ މިދަންނަވާ ވަޙީ ބަސްފުޅު އެބައިމީހުން އަޑުއަހައިފައިވެސް ނުވާ ކަހަލައެވެ.
"އަދި އިންސާނާއަށް އުނދަގުލެއް ޖެހިއްޖެނަމަ، އޮށޯވެއޮވެގެން ނުވަތަ އިށީނދެ އިނދެގެން ނުވަތަ ކޮޅަށް ހުރެގެން، ތިމަން ރަސްކަލާނގެ ޙަޟުރަތަށް ދުޢާކުރެތެވެ. ފަހެ، ތިމަންރަސްކަލާނގެ އެމީހެއްގެ ކިބައިން އެއުނދަގޫ ފިއްލަވައިފުމުން، އޭނާ (އެދާ މަގުން) ހިނގައިދެއެވެ. އުނދަގުލެއް ޖެހިގެން ތިމަން ރަސްކަލާނގެ ޙަޟުރަތަށް ދުޢާ ނުވެސް ކުރާ ކަހަލައެވެ." (ޔޫނުސު: 12)
ކަލާ ފިކުރުފުޅު ނުކުރައްވާށެވެ. ކަންބޮޑުވެވަޑައިނުގަންނަވާށެވެ. ގޮތެއް ނެތް މީހަކަށް ކަލާ ގަލަމެއް ދެއްވުމުން ކަލާއަށް މަލާމާތާއި ހަޖޫގެ ޢިބާރާތްތައް ލިޔަން ފެށިކަމުގައި ވިޔަސް ވެހެވެ. ޖާހިލަކަށް ދަރުބުރިޔެއް ދެއްވުމުން ކަލާގެ އިސްތަށިފުޅުގައި ޖަހައި އިސްތަށިފުޅު ފަޅައިލިޔަސް ވެހެވެ. އިންސާނުންގެ ނަފްސިއްޔާތަކީ އެއީއެވެ. އޭނާ ވެރިރަސްވަންތަ ފަރާތާމެދު އެގޮތަށް މުޢާމަލާތުކުރާ އިރު އަޅުގަނޑުމެން ފަދަ ބަޔަކަށް ބަހައްޓާނީ ކޮން ޙުރުމަތެއްތޯއެވެ؟