މޮނިޓަރިންގެ ހާލަތުގައި އޮތް ގއ. ދެއްވަދުއިން އިތުރު އަށް މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

އެއާއެކު އެރަށުން ބައްޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 18 އަށް އަރައިފަ އެވެ.

ދެއްވަދޫ ކައުންސިލްގެ މެމްބަރު މައުމޫން އިބްރާހީމް މިއަދު "ސަން"އަށް ވިދާޅުވީ، މީގެ ދެ ދުވަސް ކުރިން ފޮނުވި ސާމްޕަލްތަކެއްގެ ނަތީޖާ މިއަދު ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން އަށް މީހަކު ވައިރަހަށް ޕޮޒިޓިވް ކަމަށެވެ.

އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުއްޖެއްގެ އިތުރުން، އުމުރުން ދުވަސްވީ މީހުން ވެސް ހިމެނެ އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ދެއްވަދޫއިން ވަނީ ކޮވިޑް-19 ކޭސްއެއް ފެނިފަ އެވެ. މިހާރު އެ ރަށުގައި ބަލި ފެތުރިފައި އޮތް މިންވަރު ބެލުމަށް ރެންޑަމް ސާމްޕްލިން ހެދުމަށް ވަނީ ފަށައިފަަ އެވެ.

އިތުރު އަށް މީހުން ދެނެގަނެވުނީ ވެސް ރެންޑަމް ސާމްޕަލްތަކުގެ ތެރެއިންނެވެ.

ދެއްވަދޫގެ ކޮވިޑް-19 ކޭސްތައް ގިނަވަމުންދާއިރު، އެޗްޕީއޭއިން ވަނީ މިދިޔަ ނޮވެމްބަރު 30 ވަނަ ދުވަހަށް ފަހު ދެއްވަދޫން އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތު ސެންޓަރަށް އެކަން އަންގަން އެދިފަ އެވެ.

އެ މުއްދަތުގައި ދެއްވަދޫން ގޮސްފައިވާ ފަރާތެއްވާ ނަމަ، ސާމްޕަލް ނަގާ ނެގެޓިވް ނަތީޖާ ލިބެންދެން، ކަރަންޓީނުގައި ތިބުމަށް އެޗްޕީއޭއިން ވަނީ އެދިފަ އެވެ.

މިހާރު މޮނިޓަރިންގައި އޮތް ދެއްވަދޫން ލ. ފޮނަދުއަށް ދިޔަ ހަތަރު މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ، ލ. އަތޮޅުގެ ގުޅިފައިވާ ރަށްތައް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. ފޮނަދޫ ހެލްތު ސެންޓަރުން ބުނީ ޕޮޒިޓިވްވެފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ދެއްވަދޫން އެރަށަށް ދިޔަ ހަތަރު މީހުން ކަމަށެވެ.