28 Jan 2012, 15:23
ޝަރުއީ ނިޒާމު "ވާވުމުގެ" ސަބަބުން ރާއްޖޭގައި ގާނޫނީ މައްސަލަގަނޑެއް" ކުރިމަތިވެފައިވާ ކަމަށް އަވަށްޓެރި ސްރީލަންކާގެ ނޫހަކުން މިއަދު ބުނެފި އެވެ.
ސްރީލަންކާގެ ގައުމީ ނޫސްއެޖެންސީ ޑެއިލީ ނިއުސްގައި މިއަދު ލިޔެފައި ވަނީ ރާއްޖޭގައި މިހާރު ކުރަމުންދާ މުޒާހަރަތާކުގައި ހައްދު ފަހަނައަޅާފައިވާ ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ޖިހާދަށް ވެސް ގޮވަމުން ދާ ކަމަށް ފޮރިން ސެކްރެޓަރީ އަހުމަދު ނަސީރު ވިދާޅުވި ކަމަށެވެ.
"ޝަރުއީ ނިޒާމު ވާގިނެތުމުގެ ސަބަބުން ދިވެހިރާޖެއަށް ވަނީ ކޮންސްޓިޓއުޝަނަލް ކްރައިސިސް އެއް ކުރިމަތިވެފައެވެ. ހައްދު ފަހަނައަޅާފައިވާ މީހުން ދަނީ ސަރުކާރާ ދެކޮޅަށް ހަމަނުޖެހުންތައް ހިންގުމަށާއި ޖިހާދު ކުރުމަށް ގޮވާލަމުންނެވެ. ޑެއިލީނިއުސްއާ ވާހަކަ ދައްކަވަމުން ފޮރިން ސެކްރެޓަރީ އަހުމަދު ނަސީރު ވިދާޅުވިއެވެ. އާ ގަނޫނު އަސާސީ ތަސްދީގުކޮށް މައުމޫނުގެ 30 އަހަރުވީ ވެރިކަން ނިމުނުފަހުން ދިވެހިރާއްޖެ އޮތީ ސިޔާސީ ގޮތުން މަރުތަޅުއެޅިފަ އެވެ" އެ ނޫހުގައި ވެއެވެ.
އަހުމަދު ނަސީރާ ހަވާލާދީ އެ ނޫހުގައި އަދި ވަނީ އިދިކޮޅު ފަރާތްތަކުގެ ކޮންޓްރޯލް ދަށުގައި ރައްޔިތުންގެ މަޖިލީސް އޮތުން ފަދަ ކަންތައްތަކުގެ ސަބަބުން ރާއްޖެ ޑިމޮކްރަސީއަކަށް ބަދަލުވުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
ރާއްޖެއަށް ކުރިމަތިވެގެން އުޅޭ މައްސަލަ އުފެދުނީ ފަނޑިޔާރުންގެ ކަންތައްތައް ބެލެހެއްޓުމަށް އުފައްދާފައިވާ މިނިވަން މުސްތަގިއްލު މުއައްސަސާއެއް ކަމަށްވާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދާ މެދު ހޯދުނު ހޯދުންތަކަށް ފިޔަވަޅެއް އަޅަން ނުކުޅެދުން ހިސާބުން ކަމަށް ވެސް ބުނެފައި ވެއެވެ.
"ސިޔާސީ ގޮތުން ދެއްވާ ބަޔާންތަކާއި (ފަނޑިޔާރުންގެ) ބެންޗްގައި އިންނަވައިގެން ކުރައްވާ ކަންތައްތަކުގެ ސަބަބުން ޖޭއެސްސީން އަބްދުﷲ މުހައްމަދާ މެދު ކުރަމުން އައި ތަހުގީގު، ސިވިލް ކޯޓްގެ ހުކުމަކާ ގުޅިގެން ހުއްޓުމަކަށް އައެވެ. މިހާރު އުފެދިގެން އުޅޭ މައްސަލަތައް ފެށުނީ އިދިކޮޅު ސިޔާސީ ލީޑަރެއް ކަމަށްވާ ޑރ. މުހައްމަދު ޖަމީލު ބަންދުން ދޫކޮށްލުމަށް ހަމަ އެފަނޑިޔާރު އަމުރު ނެރުއްވުމާ ގުޅިގެންނެވެ،"
ނަސީރާ ހަވާލާދީ އެ ނޫހުގައި ބުނެފައިވާ ގޮތުގައިރައީސް ނަޝީދުގެ ސަރުކާރާ ކްރިސްޓިއަން މިޝަނަރީތަކާ ދެމެދު ގުޅުންތައް އޮތް ކަމުގެ ހެކި ހުރިކަމަށް ވިދާޅުވެ، ޑރ. ޖަމީލު ސަރުކާރާ މެދު ހަގީގަތާ ހިލާފު ވާހަކަފުޅުތައް ދައްކަވާފައިވެ އެވެ. އަދި އިސް ގާޒީ ހައްޔަރުކުރަން ފުލުހުން އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދެން ޖެހުނީ އެ މައްސަލައިގެ ތަހުގީގުގެ ތެރެއަށް އިސް ގާޒީ ވެދެވަޑައިގެންނެވުމުން ކަމަށް ވެސް ނަސީރާ ހަވާލާދީ ނޫހުގައި ވެއެވެ.
ނޫހުގައި އަދި ބުނަނީ އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ގާނޫނުއަސާސީން ފުލުހުންނަށް ލިބިދީފައިވާ ކަމަށާއި މި މައްސަލައިގައި ފުލުހުން އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދުނީ އެ އުސޫލުން ކަމަށެވެ. މާލޭގައި މިހާރު ކުރަމުންދާ މުޒާހަރާތަތަކީ ނިސްބަތުން ކުދި މުޒާހަރާތަކެއް ކަމަށާއި އެހެން ނަމަވެސް މުޒާހަރާތައް ނުރައްކާތެރި ވެފައިވާ ކަމަށް ވެސް ނަސީރަ ހަވާލާދީ ބުނެފައި ވެއެވެ.
"ކުދި ހަތިޔާރުތައް ބޭނުންކުރާ ކަމުގެ މައުލޫމާތު ލިބިފައިވާއިރު ނޫސްވެރިއަކަށް ވަނީ އަނިޔާވެފައެވެ،" އޭނާ ވިދާޅުވި އެވެ.
ފޮރިން ސެކްރެޓަރީއާ ހަވާލީދީ ޑެއިލީ ނިއުސްގައި މިގޮތަށް ރިޕޯޓް ކޮށްފައި ވިޔަސް އިދިކޮޅު ފަރާތްތަކާއި ރާއްޖޭގެ ބައެއް ގާނޫނީ ވަކީލުން ވިދާޅުވެފައި ވަނީ އަބްދު ﷲ ގާޒީ ހައްޔަރުކުރި ކުރުމަކީ ނިޒާމުން ގެއްލުވާލުމެއް ކަމަށާއި އެއީ އދ. ގެ އިންސާނީ ހައްގުތަކުގެ އާއްމު ގަރާރާއި ރާއްޖެ ސޮއިކޮށްފައިވާ ބައިނަލް އަގުވާމީ އެތައް މުއާހަދާއަކާ ހިލާފަށް އަދި ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ.
އަބްދުﷲ ގާޒީ ހައްޔަރުކޮށް ގިރިފުށީގައި ބަންދުކުރި ފަހުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގުން އޭނާ ވަނީ މަހުރޫމު ކޮށްފައެވެ. އަދި އާއިލާއާ ބައްދަލުކުރުމުގެ ފުރަސަތެއް ވެސް އޭނާއަކަށް ދީފައެއް ނުވެއެވެ.