ޖަކާޓާ (ޖަނަވަރީ 10) : އިންޑޮނީޝިއާގެ ކަލިމަންޓާން ސަރަހައްދުގެ ބޮންޓިޔަނިކް ސިޓީއަށް ދަތުރު ކުރަމުން ދަނިކޮށް އިއްޔެ ވީނުވީ ނޭންގި ގެއްލުނު ފަސިންޖަރު މަތިންދާބޯޓު ކަނޑަށް ވެއްޓިފައިވާކަން ކަށަވަރު ވެއްޖެއެވެ.

އިންޑޮނީޝިއާގެ ދަތުރުފަތުރާ ބެހޭ ވަޒީރު ބުދީ ކާރްޔާ ސުމާދީ ވިދާޅުވީ އެބޯޓު ވެއްޓުނީ ވެރިރަށް ޖަކާޓާގެ ކަނޑުގެ އައްސޭރިފަށަށް ކަމަށާއި އެބޯޓުގެ ބައިތައް ފެނި ބައެއް ބައިތައް މިހާރު ނަގާފައިޥާކަމުގަ އެވެ. ޖަކާޓާގެ ފަޔާ އެންޑް ރެސްކިއު ޑިޕާޓްމަންޓުން ވަނީ، ވެއްޓިފައިވާ ބޯޓުގެ ބައިތައް ފެނުނުކަން ކަށަވަރު ކޮށްދީފަ އެވެ.

ވެއްޓުނު ބޯޓު ދަތުރުކުރި ގޮތުގެ ޗާޓު

ބޯޓުގެ ބައިތައް ފެނުނު ނަމަވެސް އޭގައިތިބި އެއްވެސް މީހަކު ފެނިފައެއް ނުވެ އެވެ. އެހެންކަމުން އެ ބޯޓުގައި ތިބި ފަޅުވެރިންނާއި ފަސިންޖަރުން ކަނޑުގެ އަޑީގައި މަރުވެފައިވާނެކަމަށް ވަނީ ބެލެވިފަ އެވެ.

ޖަކާޓާއިން ފުރައިގެން ބޮންޓިޔަނިކް ސިޓީއަށް ދަތުރުކުރި މި މަތިންދާބޯޓަކީ އިންޑޮނީޝިއާގެ ޕްރައިވެޓް ބަޖެޓް އެއާލައިންސް އެއްކަމަށްވާ "ސްރީވިޖަޔާ އެއާ"ގެ އެސްޖީ 182 މަރުކާގެ މަތިންދާބޯޓެކެވެ. އެބޯޓުން 62 މީހުން ދަތުރުކުރިއިރު އޭގެ ތެރޭގައި 12 ކުޑަކުއްޖަކު ހިމެނެ އެވެ. ބޯޓު ވެއްޓިފައި ވަނީ ޖަކާޓާ އެއާޕޯޓާ 20 ކިލޯ މީޓަރުގެ ދުރަށެވެ. އެއީ ޖަކާޓާ ކަނޑުއޮޅީގެ ކަނޑެވެ.

ވެއްޓުނު ބޯޓުގެ ބައިތައް

ބޮންޓިޔަނިކް ސިޓީއަކީ ކަލިމަންޓާން ސަރަހައްދުގެ ވެރިރަށެވެ. ކަލިމަންޓާން ސަރަހައްދަކީ އިންޑޮނީޝިއާގެ ބޯނިއޯ އައިލަންޑްސްގައި ހިމެނޭ ސަރަހައްދެކެވެ. "ސްރީވިޖަޔާ އެއާ"ގެ އެސްޖީ 182 މަރުކާއަށް ނިސްބަތްވާ މި މަތިންދާބޯޓަކީ 27 އަހަރު ވެފައިވާ ބައު ބޯޓެއްކަމަށް ވެ އެވެ.

އިންޑޮނީޝިއާގެ އެއާލައިންސްތަކުގެ މަތިންދާބޯޓުތަކަކީ މުޅި ދުނިޔެއަށް ބަލާއިރު ވެސް ސަލާމަތީ ކަންކަމާއި މަރާމާތުގެ ފެންވަރު އެންމެދަށް މަތިންދާބޯޓުތަކުގެ ތެރޭގައި ހިމެނޭ ބޯޓުތަކެއް ކަމަށް އޭވިއޭޝަން ރިޕޯޓްތައް ބުނެ އެވެ. ސަލާމަތީ ކަންކަމާއި މަރާމާތުގެ ކަންކަމުގެ ފެންވަރު އެންމެދަށް މަތިންދާބޯޓުތަކުގެ ތެރޭގައި އެފްރިކާގެ ބައެއް ގައުމުތަކުގެ މަތިންދާބޯޓުތައްވެސް ހިމެނެ އެވެ.

ވެއްޓުނު މަތިންދާބޯޓުގައި ތިބި މީހުންގެ އާއިލާތަކުގެ މީހުން ހިތާމަ ކުރަނީ

"ސްރީވިޖަޔާ އެއާ"ގެ މަތިންދާބޯޓު ޖަކާޓާ އިންޓަނޭޝަނަލް އެއާޕޯޓުން އުދުއްސާލިތާ ހަތަރު ވަރަކަށް މިނިޓު ތެރޭގައި ކުއްލިގޮތަކަށް ދިހަހާސް ފޫޓަށް ތިރިއަށް ވެއްޓިގެންދިޔަ މަންޒަރު ފެނުނު ކަމަށް "ފްލައިޓްރޭޑާ24" އިން ބުނެ އެވެ. "ފްލައިޓްރޭޑާ24" އަކީ މަތިންދާބޯޓުތަކުގެ ހަރަކާތްތައް ބެލުމުގައި ހަރަކާތްތެރިވާ ފަންނީ މުއައްސަސާއެކެވެ. ވެއްޓުނު ބޯޓަށް ދިމާވި މައްސަލަ އަދި އެނގިފައިނުވިނަމަވެސް ކުރިމަތިވެފައި ވަނީ ފަންނީ މައްސަލައެއްކަމަށްވަނީ ބެލެވިފަ އެވެ.

އެ ބޯޓުގެ ކަޅު ފޮށި ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު ބޯޓަށް ދިމާވި މައްސަލަ އެނގޭނީ އެފޮށި ތަހްލީލްކޮށްގެން ކަމަށް އިންޑޮނީޝިއާގެ ސިވިލްއޭވިއޭޝަންގެ މަސްއޫލުވެރިން ވިދާޅުވިއެވެ. (ނޫސްއެެޖެންސީތައް)