ކަނޑިތީމް ފަޅުގައި އޮތް ދޯންޏެއްގައި ރޯވެ އަނދަމުން އަނދައިފި އެވެ.

ކަނޑިތީމް ކައުންސިލްގެ ރައީސް އާމިނަތު އަހްމަދު "ސަން" އަށް ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ ގާތްގަނޑަކަށް މިރޭ 10:00 ގައި ކަމަށެވެ.

އޭނާ ވިދާޅުވީ އަލިފާން ކޮންޓްރޯލް ކޮށްފައި ވަނީ ފުލުހުންނާއި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އާއި ކަނޑިތީމް ކައުންސިލާއި ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަށް ގެއްލުމެއް ނުލިބެ އެވެ. އަދި އެ ދޯނި ފިޔަވައި އެހެން އެއްވެސް އުޅަނދަކަށް އަލިފާނުގެ އަސަރުކޮށްފައެއް ނުވެ އެވެ.

"ކައުންސިލްގައި ތިއްބައި ބާރު އަޑުފައްގަނޑެއް އިވިގެން އަޅުގަނޑުމެން ނުކުތީ. ބެލިއިރު ދޯނީގައި މިއޮތީ ރޯވެފައި،" އާމިނަތު އަހްމަދު ވިދާޅުވި އެވެ.

ޕެޓްރޯލް އުފުލާ އެދޯނި އެރަށަށް ގޮސްފައި ވަނީ މިރޭ 7:00 އެހައިކަންހާއިރު ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

"މިހާރު ފަޅުތެރޭގައި ހުރި ހުރިހާ އުޅަނދުތަކެއް އަޅުގަނޑުމެން ފަޅުން ބޭރުކޮށްފިން،" އާމިނަތު އަހްމަދު ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 10:45 އެހައިކަންހާއިރު އެ މައުލޫމާތު ލިބުމާއެކު ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފެށި ކަމަށެވެ.