މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 30ގެ ފަހުން ގއ. ދެއްވަދުއިން އަތޮޅުތެރޭގެ އެހެން ރަށަކަށް ފުރި އެންމެން ކޮވިޑް-19 ޓެސްޓު ހަދައި ނަތީޖާ ލިބެންދެން ކަރަންޓީނުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެދެފި އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ދެއްވަދޫއިން ވަނީ ކޮވިޑް-19 ކޭސްއެއް ފެނިފަ އެވެ. މިހާތަނަށް އެރަށުން 10 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މިހާރު އެ ރަށުގައި ބަލި ފެތުރިފައި އޮތް މިންވަރު ބެލުމަށް ރޭންޑަމް ސާމްޕްލިން ހެދުމަށް ވަނީ ފަށައިފަަ އެވެ.

ދެއްވަދޫގެ ކޮވިޑް-19 ކޭސްތައް ގިނަވަމުންދާއިރު، މިއަދު އެޗްޕީއޭއިން ވަނީ މިދިޔަ ނޮވެމްބަރު 30 ވަނަ ދުވަހަށް ފަހު ދެއްވަދުއިން އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތް ސެންޓަރަށް އެކަން އަންގަން އެދިފަ އެވެ.

އަދި އެ މުއްދަތުގައި ދެއްވަދުއިން ގޮސްފައިވާ ފަރާތެއްނަމަ، ސާމްޕަލްނަގާ ނެގެޓިވް ނަތީޖާ ލިބެންދެން، ކަރަންޓީނުގައި ތިއްބުމަށް އެޗްޕީއޭއިން އެދުނެވެ.

މިހާރު މޮނިޓަރިންގައި އޮތް ދެއްވަދު އިން ލ. ފޮނަދުއަށް ދިޔަ ހަތަރު މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ، ލ. އަތޮޅުގެ ގުޅިފައިވާ ރަށްތައް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. ފޮނަދޫ ހެލްތު ސެންޓަރުން ބުނީ ޕޮޒިޓިވްވެފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ދެއްވަދު އިން އެރަށަށް ދިޔަ ހަތަރު މީހުން ކަމަށެވެ.