28 Jan 2012, 14:10
ސަރުކާރުގެ ހިޔާވަހިކަމުގެ ދަށުގައި ތިބި ކުޑަކުދިން ދިރިއުޅޭ މަރުކަޒުތަކަށް އަމާޒުކޮށްގެން އާކް އިން ކޮންފަރެންސެއް ބާއްވަން ހަމަޖައްސައިފި އެވެ.
މާދަމާ ފަށާ އެއް ދުވަހުގެ "ސްޓޭކް ހޯލްޑާ ކޮންފަރެންސް އިން ޗިލްޑްރަންސް ޝެލްޓާޒް 2012" ގައި ސަރުކާރުގެ ހިޔާވަހިކަމުގެ ދަށުގައި ތިބި ކުޑަކުދިން ދިރިއުޅޭ މަރުކަޒުތަކުގައި ހުރި މައްސަލަތަކާ އަދި މަސައްކަތްތައް ކުރިއަށްގެންދާ ގޮތާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް އާކްން ބުންޏެވެ.
އާކްގެ އޮފިޝަލު އިފްހާމް ނިޔާޒު ވިދާޅުވީ ކުޑަކުދިންގެ ރައްކާތެރި ކަމަށާއި އެކުދިންގެ ހައްގުތައް ހޯދައި ދިނުމަށް 2009 އަހަރު އުފެއްދި އާކްއިން މާދަމާ ބާއްވާ ކޮންފަރެންސް ބޭނުމަކީ ސަރުކާރުގެ މަރުކަޒުތަކުގައި ތިބި ކުޑަކުދިންނަށް ދެވެން އޮތް އެހީތެރިކަން ދެނަގަތުމާއި މަރުކަޒުތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލުތައް ހޯދަން މަސައްކަތް ކުރުން ކަމަށެވެ.
އެ މަރުކަޒުތަކަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތްތައް ހޯދައި، އެފަދަ އެހީތެރިކަން ލިބޭފަ ފަދަ ޕްރޮޖެކްޓް ތަކުގެ ޕްރޮޕޯޒަލް ތަކުގައި ސޮއިކުރުން ވެސް އެ ކޮންފަރެންސްގައި ކުރިއަށްދާނެ ކަމަށް ވެސް ވިދާޅުވި އެވެ.