08 Jul 2010, 05:31
10:00
ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރ އަހުމަދު ނާޒިމް ހައްޔަރުކުރުމަށްޓަކައި އޭނާ ގެ ހުންނަ ސަރަހައްދު އެއްކޮށް ބަންދުކޮށްގެން ފުލުހުން ރެއިން ފެށިގެން ހަރަކާތްތެރިވަމުން އެބަދެ އެވެ.
އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޕީއޭގެ ނައިބް ރައީސްކަން ވެސް ކުރައްވާ ނާޒިމް ދިރިއުޅުއްވާ ގަލޮޅެވެ. އާބިން ހިމެނޭ ސަރަހައްދަށް ފުލުހުން ދިޔައީ ރޭ އެގާރަ ޖެހި ފަހުންނެވެ. އޭރު ނާޒިމް ބޭނުންކުރައްވާ ދިދަ ޖެހި ކާރުކޮޅު އެގޭ ބޭރުގައި އޮތެވެ.
ނާޒިމް ހައްޔަރުކުމަށް ފުލުހުން އެގެ އަށް ގޮސްފައިވަނީ ރާއްޖެ ވަޑައިގެން އުޅުއްވި ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ޝަރަފްގައި ރޭ ކުރުބާ އައިލެންޑް ރިސޯޓްގައި ބޭއްވި ފަރިކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި މަހިންދަ ރާޖަޕަކްސާއާ އެކު ބައިވެރިވެވަޑައިގަތުމަށްފަހު މާލެ ވަޑައިގެންނެވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގަ އެވެ. ނަމަވެސް ފުލުހުން އެގެއަށް ގޮސްފައިވަނީ ކޯޓު އޯޑަރެއް ނެތި ކަމަށް ވުމުން ފުލުހުންނާއެކު ވަޑައިގަތުމަށް ނާޒިމް ވަނީ އިންކާރު ކުރައްވާފަ އެވެ.
ގ.އާބިންއަށް ދެވެން އޮންނަ ހުރިހާ މަގެއްގައި ޕޮލިސް ލައިން ދަމައިގެން ފުލުހުން މިހާރުވެސް ދަނީ އެގޭ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.