މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތް ގއ. ދެއްވަދު އިން މިދިޔަ ޑިސެމްބަރު މަހު ލ. ފޮނަދުއަށް ދިޔަ ދެ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ފޮނަދޫ ހެލްތު ސެންޓަރުގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ ޕޮޒިޓިވްވެފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ދެއްވަދު އިން އެރަށަށް ދިޔަ ދެމީހަކު ކަމަށެވެ.

އެ ދެމީހުންގެ ފަރާތުން ކޮވިޑްގެ އަލާމާތްތައް ފެނުމުން ސާމްޕަލް ނަގައި ޓެސްޓު ކުރި އިރު، ދެމީހުން ވެސް ޕޮޒިޓިވް ކަމަށާއި މިހާރު ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ފަށާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ދެއްވަދުއިން އެންމެ ފުރަތަމަ ކޮވިޑްގެ ކޭސްއެއް ފެނުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. މިހާތަނަށް އެރަށުން 10 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ދެއްވަދުއަށް އަރާ ފޭބުން މަނާކޮށްފައި ވާއިރު، އެރަށުގައި ކޮވިޑު ފެތުރިފައިވާ މިންވަރު ދެނެގަތުމަށްޓަކައި 200 ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.