10 Jan 2021, 08:19
ބޮލީވުޑްގެ ލެޖެންޑަރީ ތަރި އަމީތާބު ބައްޗަން އަށް ޓްވިޓާއިން 45 މިލިއަން ފޮލޯވަރުން ލިބިއްޖެއެވެ.
ޓްވިޓާގައި 45 މިލިއަން ފޮލޯވަރުން ހަމަވުމާއެކު އަމީތާބު ވަނީ ފޭނުންނަށް ޝުކުރު އަދާކުރަމުން ޕޯސްޓެއްވެސް ކޮށްފައެވެ. މީގެ އިތުރުން އަމީތާބު ވަނީ ވަރަށް ތާރީޚީ ފޮޓޯއެއްވެސް ޓްވިޓާގައި ހިއްސާކޮށްފައެވެ.
އަމީތާބާ އޭނާގެ ބައްޕަ ހަރިވަންޝް ރާއީ ބައްޗަން އާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކުރަމުން އަމީތާބު ބުނީ އެ ފޮޓޯއަކީ ވަރަށް މާނަފުން ފޮޓޯއެއް ކަމަށެވެ. އަމީތާބު ބުނީ އެދުވަހަކީ "ކޫލީ"ގެ ޝޫޓިން ނިންމާ ގެއަށް އައި ދުވަސް ކަމަށާއި އެދުވަހު ގެއަށް އާދެވުނީ ކިރިޔާ ސަލާމަތުން ކަމަށެވެ. އެ ޝޫޓިންގެ ތެރެއިން އަމީތާބަށް ވަނީ ބޮޑު އެކްސިޑެންޓެއް ކުރިމަތިވެފައެވެ. ގިނަ މަސްތަކެއް ވަންދެން ހޮސްޕިޓަލުގައި އެނދުމަތި ކޮށް ފަރުވާ ހޯދި އަމީތާބު ބުނީ އޭނާ އެކްސިޑެންޓްވި ދުވަހަކީ ފުރަތަމަ ފަހަރަށް ބައްޕަ ދެރަވެގެން އުޅުނު މަންޒަރު ފެނުނު ދުވަސް ކަމަށެވެ.
އެކްޓަރު އަމީތާބުގެ ފޭސްބުކްއިން ފޮލޯކުރާ މީހުންގެ އަދަދު 29 މިލިއަނަށް އަރާއިރު އިންސްޓަގްރާމްގައި އޭނާއަށް ފޮލޯކުރާ މީހުންގެ އަދަދު އުޅެނީ 24.5 މިލިއަނުގައެވެ. މިވަގުތު ޓްވިޓާގައި އިންޑިއާއިން އެންމެ ގިނަ މީހުން ފޮލޯކުރަނީ އެ ގައުމުގެ ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީއަށެވެ. މޯދީ އަށް ފޮލޯކުރާ މީހުންގެ އަދަދު 64.7 މިލިއަނަށް އަރައެވެ.
އެކްޓަރުންގެ ތެރޭގައި އަމީތާބާ އެންމެ ގާތުގައި އުޅެނީ ކާމިޔާބު އެކްޓަރު ޝާހްރުކް ޚާންއެވެ. އޭނާ އަށް 41.5 މިލިއަން މީހުން ފޮލޯކުރާއިރު އޭނާ އާ އެންމެ ގާތުން ވާދަކުރާ ތަރި އަކްޝޭ ކުމާރު އަށް ފޮލޯކުރަނީ 40.2 މިލިއަން މީހުންނެވެ.