މާލޭ ހެލްތު ސާވިސް ކޯޕާރޭޝަން (އެމްއެޗްއެސްސީ) ދަށުން ހިންގާ އައިޖީއެމްއެޗްގެ ބައެއް މުވައްޒަފުން މިއަންނަ ހަފްތާ އިން ފެށިގެން ވަޒީފާ އިން ވަކިކުރާނެ ކަމުގެ އިންޒާރު މުވައްޒަފުންނަށްދީ މެމޯއެއް ނެރެފި އެވެ.

އެމްއެޗްއެސްސީގެ މެނޭޖިން ޑައިރެކްޓަރު ކެތަރިން ޖޭން ވެޓާސް ސޮއިކުރައްވައި ހުރިހާ މުވައްޒަފުންނަށް މިމަހުގެ 25 ވަނަ ދުވަހު ފޮނުވި މެމޯއެއްގައި ބުނެފައި ވަނީ ކުންފުނީގެ މާލީ ހާލަތު ހުރި ގޮތުން ކުންފުނިންގެ ފުދުން ތެރިކަން އިތުރުކޮށް މާލީހާލަތު ރަނގަޅުކުރުމުގެ ބޭނުމުގައި އެކުންފުނީގެ މުވައްޒަފުންގެ މުސާރާ ބޮޑުކޮށްދެވެން ނެތްކަމަށާއި ކުންފުނީގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ކްލިނިކަލް މުވައްޒަފުން ފިޔަވައި އެހެން ދާއިރާތަކުގެ މުވައްޒަފުން މަދުކުރަން ޖެހިފައިވާ ކަމަށެވެ.

"...މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ހަފްތާ، މަސްތަކުގެ ތެރޭގައި ފަށާ ވާހަކަ ދެންނެވިން. އަދި މި މަސައްކަތް ނިމި ކުންފުނީގެ އާމްދަނީ އިތުރު ނުކުރެވެނަސް މުސާރަ ބޮޑުކޮށްދެވެން ނެތް ވާހަކަ ދެންނެވިން،" މެމޯގައިވެ އެވެ.

އެ މެމޯގައި ބުނެފައި ވަނީ އެމްއެޗްއެސްސީ އާމްދަނީ ދަށްވެފައި ވަނީ އަލަށް ތައާރަފްކުރި އާސަންދައިގެ ހިދުމަތް ފެއްޓުމާ ގުޅިގެން ސަރުކާރުން ކުރިން ދެމުން އަންނަ ސަބްސިޑީ ހުއްޓާލުމާ ގުޅިގެން ކަމަށާއި އެހެންކަމުން އެ ކޯޕަރޭޝަނުން މަހުން މަހަށް ކުރަން ޖެހޭ ހަރަދުތައް ވެސް މިހާރު ކުރުމަށް ދަތިވެފައިވާ ކަމަށެވެ.
މެމޯގައި ބުނެފައި ވަނީ އެ ކޯޕަރޭޝަނުން މުވައްޒަފުންގެ މުސާރަ މި އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ބޮޑުކޮށްދެން ނިންމައި ކުރިން އިއުލާން ކުރީ އަލަށް ތައާރަފްކުރި ހެލްތު އިންސުއަރެންސް (އާސަންދައިގެ) މައުލޫމާތާއި އެފަދަ ބަދަލެއްގެ ސަބަބުން އަތުވެދާނެ ބަދަލުތައް އެކުންފުންޏަށް ކުރިން އެނގިފައި ނެތުމުގެ ސަބަބުން ކަމަށެވެ.

"މިކޯޕަރޭޝަނުގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދޭން މިކުންފުނިން ނިންމާ އަދި އިއުލާން ކުރި އިރު އަލަށް ތައާރަފްކުރެވުނު ހެލްތު އިންޝުއަރެންސާނާ ބެހޭ މައުލޫމާތާއި އެފަދަ ބަދަލެއްގެ ސަބަބުން އަތުވެދާނެ ބަދަލްތައް އެމްއެޗްއެސްސީ އަށް އެނގިފައި ނެތްކަން މިފުރުސަތުގައި ފާހަގަކުރަމެވެ،" ސިޓީގައިވެ އެވެ.

އެ ކުންފުނިން ބުނެފައި ވަނީ މިހާރު އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަ އަށް މަހަކު 23 މިލިއަން ރުފިޔާ ހަރަދުވާ ކަމަށާއި މުސާރަ އަލުން ބޮޑުކޮށްފި ނަމަ އެއަދަދު 43 މިލިއަން ރުފިޔާ އަށް އަރައިގެން ދިއުމަކީ އެކަމަށް ކެރިކުޅަދާނަ ވެގެންވާ ކަމެއް ނޫން ކަމަށެވެ.

ކެތެރީން މިއަދު ވިދާޅުވީ މުވައްޒަފުން މަދު ކުރަން ނިންމާފައި ވަނީ ކުންފުނީގެ މާލީހާލަތު ތަންދޭ ގޮތުން މުވައްޒަފުން މަދުކުރުން ނޫން ގޮތެއް ނެތިގެން ކަމަށެވެ.