09 Jan 2021, 16:30
ވޮޝިންޓަން (ޖަނަވަރީ 9) : އެމެރިކާގައި ހަމަނުޖެހުން އުފެއްދުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހިއްވަރުދެއްވާފައިވާތީ ޓްރަމްޕް މަގާމުން އަޒުލު ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުންދާކަމަށް އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް ގެ ރައީސާ ނެންސީ ޕެލޯސީ ވިދާޅުވެއްޖެއެވެ.
ޕެލޯސީ ވިދާޅުވީ ވަގުތުން އިސްތިއުފާ ނުދެއްވައިފިނަމަ ޓްރަމްޕް އަޒުލުކުރުމުގެ މަސައްކަތް ދެ ދުވަހެއްގެ ތެރޭގައި ފަށާނެކަމުގައެވެ. އެންމެ ފަހުން ބޭއްވި ކޮންގްރެސް އިންތިޚާބާއެކު ކޮންގްރެސްގެ ދެ ގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އާއި ސެނެޓް ގެ އަޣްލަބިއްޔަތުވެސްވަނީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށް ލިބިފައެވެ. އެހެންކަމުން އަޒުލުކުރުމަށް ބޭނުންވާ ކޮންގްރެސްގެ ދެގޭގެ އަޣްލަބިއްޔަބު މިހާރު ޑިމޮކްރެޓިކް ޕާޓީއަށް ލިބޭނެއެވެ.
މީގެއިތުރުން ހައުސް އާއި ސެނެޓްގައި ހިމެނޭ ޓްރަމްޕްގެ ޕާޓީގެ ބައެއް މެންބަރުންވެސް ޓްރަމްޕް އަޒުލު ކުރަން މިހާރު ތާއީދުކުރައްވާތީ އެކަން މިހާރު ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ. ހައުސްގައި ހިމެނޭ ޑިމޮކްރެޓިކް ޕާޓީގެ މެންބަރެއްކަމަށްވާ އެޑަމް ޝިފް ވަނީ ޓްރަމްޕް އަޒުލުކުރުމުގެ ފުރަތަމަ މަރްހަލާއަށް ބޭނުންވާ ހައުސްގެ 170 މެންބަރުންގެ ސޮއި (ބޭނުންވާ މެންބަރުންގެ އަޣްލަބިއްޔަތަށްވުރެ މާބޮޑު ތާއީދެއް) މިހާރުވެސް ލިބިފައިވާކަމަށް ވިދާޅުވެފައެވެ. ސޮއި ކުރެއްވި މެންބަރުންގެ ތެރޭގައި ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ ބައެއް މަންބަރުންވެސް ހިމެނެއެވެ.
ޓްރަމްޕްގެ ތާއީދާއެކު އޭނާގެ ސަޕޯޓަރުން، މިމަހުގެ 6 ހަވަނަ ދުވަހު އެމެރިކާގެ ކޮންގްރެސް ގެ އިމާރާތް (ކެޕިޓޯލް) އަށް ވަދެގަނެ އެތަން ލޫޓުވައި ތަކެއްޗަށް ގެއްލުންތައް ދިން މައްސަލާގައި ޓްރަމްޕް ވަގުތުން އިސްތިއުފާ ދެއްވަންޖެހޭ ކަމާއި މިހިސާބުން ޓްރަމްޕްގެ ސިޔާސީ ހަޔާތް ނިމުމަކަށް އައީކަމަށް އޭނާއަށް ކުރިން ސަޕޯޓްކުރި ރިޕަބްލިކަން ޕާޓީގެ ކޮންގްރެސް ގިނަ މެންބަރުންތަކެއްވެސް މިހާރު ގަބޫލުކުރައްވައެވެ.

ހައުސް އޮފް ރެޕްރެޒެންޓެޓިވްސް ގެ ރައީސާ ނެންސީ ޕެލޯސީ
ޓްރަމްޕްގެ ސަޕޯޓަރުން ކޮންގްރެސްގެ އިމާރާތަށް އަރައިގަތީ އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯސެފް ބައިޑަންގެ އިންތިޚާބީ ނަތީޖާ ތަސްދީގު ކުރުމަށް މިމަހުގެ 6 ވަނަ ދުވަހު ކޮންގްރެސްއިން ބޭއްވި ޖަލްސާއަށް ހުއްޓުވައި ނަތީޖާ ތަސްދީގު ކުރުމަށް ހުރަސްއެޅުމުގެ ބޭނުމުގައެވެ. ޓްރަމްޕްގެ ސަޕޯޓަރުން ކޮންގްރެސްގެ އިމާރާތަށް އަރައިގަތީ ޑިމޮކްރެޓުންނަށް ހިތްވަރު ދައްކާލަންޖެހޭ ކަމަށް ވިދާޅުވެ ސަޕޯޓަރުންނާ މުޚާތަބު ކުރައްވައި ވައިޓް ހައުސްގެ ކުރިމަތީގައި ޓްރަމްޕް ދެއްވި ޖޯޝުން ފުރިގެންވާ ތަގްރީރަށްފަހުގައެވެ. ޓްރަމްޕްގެ ސަޕޯޓަރުން އޭރުގެންދިޔައީ ކޮންގްރެސްއިން ބޭއްވި ޖަލްސާއާ ދެކޮޅު ހެދުމަށްޓަކައި ވައިޓް ހައުސްގެ ކުރިމައްޗަށް އެއްވެ މުޒާހަރާ ކުރަމުންނެވެ.
ޓްރަމްޕަކީ އެމެރިކާގެ ޑިމޮކްރެޓިކް ނިޒާމަށާއި ގައުމީ މަސްލަހަތަށް އޮތް ބޮޑު ނުރައްކަލެއްކަމަށް ބަލައި ޓްރަމްޕް ކުރައްވާ ބައެއް އަމުރުތަކަށް ތަބާނުވުމަށް އޭނާގެ ސަރުކާރުގެ ބައެއް ވަޒީރުންވެސް މިހާރު ނިންމަވާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. މިގޮތުން އެމެރިކާގެ އެތެރޭގައި ޓްރަމްޕަށް ކުރިމަތިވެފައިވާ ފިއްތުންތަކުން ސަލާމަތް ވުމަށްޓަކައި އީރާން ފަދަ އޭނާ ރުޅިއަންނަ ގައުމަކާ ދެކޮޅަށް ނިއުކްލިޔާ ހަތިޔާރު ބޭނުންކުރުމުގެ އަމުރެއްނެރުމަށްވެސް މިހާލަތުގައި ނެރުއްވަން ޓްރަމްޕް ފަސްނުޖެހޭނެކަމަށް ބަލައި އެފަދަ އަމުރެއްނެރުއްވައިފިނަމަ އެކަން ތަންފީޒު ނުކުރުމަށް އެމެރިކާގެ ދިފާއީ ވަޒީރާއި ސިފައިންގެ އިސް ޖެނެރަލުންނާ ދެމެދު މަޝްވަރާކޮށް އެއްބަސްވުމަކަށް އައިސްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ޓްރަމްޕް މިމަހުގެ 20 ގައި މަގާމު ދޫކުރައްވަން ޖެހޭއިރުވެސް ކުރިޔަށް މިއޮތް ދިހަވަރަކަށް ދުވަހުގެ ތެރޭގައި އޭނާ މަގާމުން ދުރުކުރުމަށް ކޮންގްރެސް އިން މަސައްކަތް ފެށުމުގައި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ބޭނުމަކީ މުސްތަގްބަލްގައި އެމެރިކާގެ ވެރިކަމަށް އައުމުގެ ފުރުސަތުން ޓްރަމްޕް އެއްކޮށް މަހްރޫމް ކުރުންކަމަށް މުރާސިލުން ބުނެއެވެ. ޓްރަމްޕްވަނީ 2023 ވަނައަހަރު އެމެރިކާގެ ރިޔާސަތަށް ކުރިމަތި ލައްވާނެކަމަށް ވިދާޅުވެފައެވެ. ޓްރަމްޕް ގެ ދައުރު ނިމުމުގެ ކުރިން އޭނާ މަގާމުން ދުރުކޮށްފިނަމަ އެމެރިކާގެ ވެރިކަމަށް ކުރިމަތި ލުމުގެ ފުރުސަތު މުޅި އުމުރަށް ޓްރަމްޕަށް ގެއްލިގެންދާނެއެވެ. މީގެއިތުރުން އެމެރިކާގެ ސިޔާސީ އެއްވެސް މަގާމެއް އަދާކުރުމުގެ ފުރުސަތުންވެސް ޓްރަމްޕް މަހްރޫމް ވެގެންދާނެއެވެ.
ކޮންގްރެސްގެ އިމާރާތަށް އަރައިގަނެ އެތަން ލޫޓުވި މީހުންނާ ދެކޮޅަށް ވޮޝިންޓަންގެ ޕަބްލިކް ޕްރޮސެކިއުޓަރުވަނީ ދައުވާ އުފުލާފައެވެ. މިގޮތުން މިހާތަނަށް 13 މީހަކާ ދެކޮޅަށް ދައުވާ އުފުލާފައިވާއިރު ޓްރަމްޕް މަގާމުން ވަކިވުމަށްފަހު ޓްރަމްޕާ ދެކޮޅަށް ޖިނާއީ ދައުވާ އުފުލުން ވަރަށް ގާތްކަމަށްވަނީ ބެލެވިފައެވެ. (ނޫސްއެޖެންސީތައް)