28 Jan 2012, 13:09
އެންމެން އެކުގައި ސާބިތުކަމާ އެކު ތިބެއްޖެ ނަމަ ސަރުކާރުން ބިރުދައްކައިގެން ތާއަބަދު ވެރިކަމުގައި ތިބުމަށް ކުރާ މަސައްކަތް ވާނީ "ފެއިލް" ކަމަށާއި ސަރުކާރުން ޖެހޭނީ ގޮތް ދޫކުރަން ކަމަށް ޑީއާރްޕީގެ ލީޑަރު އަހްމަދު ތަސްމީން ވިދާޅުވެއްޖެ އެވެ.
ޑީއާރްޕީގެ ޅ. ނައިފަރު ގޮފީގެ ފަރާތުން 23 ޑިސެމްބަރު އިއްތިހާދުން މިހާރު ހިންގަމުން އަންނަ ހަރަކާތްތަކަށް ތާއީދުކުރުމަށް ރޭ އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ތަސްމީން ވިދާޅުވީ މިވަގުތަކީ އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ވަގުތު ކަމަށާއި އެކަމަށް ޓަކައި އެންމެންގެ ކިބައިގައި ހުރި ސިޔާސީ ފިކުރުތައް އެއްކިބާކޮށް ގައުމަށް ޓަކައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
"މި ދަނޑިވަޅަކީ އަޅުނގަޑުމެން ހުރިހާ އެންމެން ގުޅިގެން ގައުމަށް ޓަކައި، އަޅުނގަޑުމެން ބަލައިގެންފައިވާ ނިޒާމުގެ ދިފާއުގައި މަސައްކަތްކުރާ ވަގުތެއް. އެހެންވީމާ މިފަދަ ދަނޑިވަޅެއްގައި އިސްކަންދޭން ޖެހޭނީ އަޅުނގަޑުމެންގެ ސިޔާސީ ފިކުރާއި ހިޔާލު ތަފާވުން ހުރިކަމުގައިވީ ނަމަވެސް އެކަންތައް އެއްކިބާކޮށް ގައުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް." ތަސްމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ފެންނަމުން މިދަނީ ގާނޫނު އަސާސީ ދަމަހައްޓައި ގާނޫނީ ރައްކާތެރިކަން ހުރިހާ ރައްޔިތުންނަށް ހޯދައިދިނުމުގައި އެންމެ އިސް ރޯލެއް އަދާކުރަން ޖެހޭ ސަރުކާރު ހިންގާ ފަރާތުން ގާނޫނާ ހިލާފަށް ނިޒާމްތައް ފުނޑުފުނޑުކޮށް އެކަންތައްތަކަށް އަރައިގަންނަމުންދާ މަންޒަރު ކަމަށާއި އެއީ ގައުމުގެ މިވަގުތުގެ ހާލަތު ކަމަށެވެ.
އަދި މި ސަރުކާރު ގާނޫނީ އިމުގެ ތެރެއަށް ނުވެއްދިއްޖެއްޔާ ގައުމުގެ ކުރިމަގު އޮންނާނެ ގޮތެއް ނޭނގޭނެ ކަމަށާއި އެކަންތައް ތަސައްރަފުކުރަން ވެސް ނޭނގޭނެ ކަމަށް ތަސްމީން ވިދާޅުވި އެވެ.
"މިއަދުގެ ސަރުކާރުން އަޅުނގަޑުމެންގެ ނިޒާމުން ބޭރަށް ގޮސްފިއްޔާ. ނިޒާމުގެ ތެރެއިން ހައްލު ހޯދޭނެ ގޮތެއް ނުފެނިއްޖެއްޔާ، ދެން ކަންތައް ކުރައްވާނީ ކިހިނެތްތޯ؟ ކަންތައް ވެގެންދާނީ ކިހިނެއްތޯ؟ އެއީ އަޅުނގަޑުމެންނަށް ކިޔަން އެނގޭނެ އެއްޗެއްނޫން." އޭނާ ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ ސަރުކާރުން މި ހާލަތަށް އައިސްފައި މިވަނީ ސަރުކާރުން ކުރައްވަމުން އަންނަ ކަންތައްތައް ރައްޔިތުންނަށް އޮޅުން ފިލައި ފަޅާ އަރައި އިންސާފުވެރި އިންތިހާބަކަށް ގޮސްގެން ކާމިޔާބު ނުވާނެ ކަން އެނގުނީމާ ކަމަށާއި އިތުރަށް އޮޅުވާލައިގެން ނޫޅެވޭނެ ކަން އެގުނީމާ ކަމަށެވެ. އަދި އަންނަ ރިޔާސީ އިންތިހާބުގައި ބޮޑު ނަތީޖާއަކުން ބަލިވާނެ ކަން އަމިއްލަ އަށް ގަބޫލުކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުދުމުހްތާރު ސިފަތައް އިސްކޮށްގެން ހުދުމުހްތާރު ގޮތެއްގައި ސަރުކާރުގެ ވެރިކަން ދެމެހެއްޓޭތޯ ގިނަ ކަންތައްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން ގެއްލިގެން ދަނީ ދިވެހި ރައްޔިތުން އުޅެމުންދާ ރީތި ގޮތްތަށް ކަމަށެވެ.
އެގޮތުން ސަރުކާރުން އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ހިޔާލު ތަފާތުވުމުގެ މިނިވަން ކަމަށް އަރައިގަތުމަށް ޓަކައި ސަރުކާރަށް ފާޑުވިދާޅުވާ ގޮތަށް ވާހަކަފުޅު ދައްކަވަމުން އަންނަ ބޭފުޅުންގެ އަނގައިގައި ޓޭޕް އަޅުއްވަން ކަމަށާއި އެކަމުގެ ތެރޭގައި ގައުމީ މީޑިއާ ހިސޯރުކޮށް އަމިއްލަ މީޑިއާތައް ފަލީހަތްކުރުމާއި ދުއްތުރާކުރުމާއި އަނިޔާކޮށް އެތަންތަނަށް ގެންލުންދީ އެތަންތާގެ ބޭފުޅުންގެ ވިޔަފާރިތައް ހަލާކުކުރަން މަސައްކަތްކޮށް، އިންޒާރު ދެމުންދިޔަ ކަމަށެވެ.
އަދި އެކަން ހާސިލު ނުވުމުން ސަރުކާރުން ދެން މަސައްކަތްކުރެއްވީ ހައްގުގެ މަގުގައި މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅުން ހައްޔަރުކުރަން ކަމަށާއި ނަމަވެސް އެ ބޭފުޅުންނަކީ ސަރުކާރުން ދައްކާ ބިރަކަށް ސިއްސައިގެން ގޮސްދާނެ ބައެއް ނޫންކަން ސަރުކާރަށް މިހާރު އެނގޭނެ ކަމަށް ތަސްމީން ވިދާޅުވި އެވެ.
އަދި ބިރުދައްކައިގެން ނަހަމަ ގޮތުގައި ބާރު ބޭނުންކޮށްގެން ހައްގުގައި ވާހަކަފުޅުދައްކަވާ ބޭފުޅުންގެ އަޑު ރައްޔިތުންނަށް ނުދާނެ ގޮތް ހަދައި އެކަން ކުރެއްވުމަށް އަދުލު އިންސާފު ގާއިމްކުރުމުގެ ނިޒާމް ފުނޑުފުނޑު ކޮށްލުމަށް ވެސް ސަރުކާރުން މަސައްކަތްކުރެއްވި ކަމަށް ތަސްމީން ވިދާޅުވި އެވެ.
ވާހަކަ ނިންމަވާލައްވަމުން ތަސްމީން ވިދާޅުވީ ގަދަބާރުން ސަރުކާރުން މީގެ ކުރިން ކުރައްވާފައިވާ އެއްވެސް ކަމެއް ކާމިޔާބު ވެފައިނުވާ ކަމަށާއި މިނިވަން މުއައްސަސާތަކުގައި ތިބި ބޭފުޅުން ވެސް ސަރުކާރުންދައްކަވާ ބިރަކަށް ފަހަކަށް ނުޖެހޭ ކަމަށެވެ.
"މިހާތަނަށް މިސަރުކާރުން ކުރި މިބާވަތުގެ އެއްވެސްކަމެއް ހަގީގަތުގައި ކާމިޔާބުވެފައެއް ނެތް. މީގެ ކުރިން ސުޕުރީމް ކޯޓުގައި ތަޅުއަޅުވައިގެން ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ބިރުދައްކައިގެން ރައްޔިތުން މަޖިލީހަކީ ސަރުކާރުން ބޭނުންވާ ގޮތަކަށް ހަރަކާތްތެރިވާ ތަނަކަށް ހެދޭތޯ ވެސް ބެލި. އަދި މިއަދާ ހަމައަށް އެކަމެއް ކާމިޔާބީއެއް ނުވި." އޭނާ ވިދާޅުވި އެވެ.