ދެމަފިރިން ވަގުތުކޮޅެއް ހޭދަކޮށްލަން ގޭގެ ބެލްކަނީގައި ތިއްބާ ނެގި ފޮޓޯއަކުން މަޝްހޫރު ބަތަލާ އަނުޝްކާ ޝަރްމާ ރުޅިއަތުވެއްޖެއެވެ.

ބަތަލާ އަނުޝްކާ ދަރިއަކު ލިބެން އުޅޭކަން ހާމަކުރުމާ ހަމައިން މީޑިއާތަކުން އުޅެނީ އަނުޝްކާގެ ފަސްފަހަތުންނެވެ. އޭނާގެ އެންމެ ފަހުގެ ފޮޓޯތައް ގެނެސްދެމުންނެވެ. އަނުޝްކާ އާ އޭނާގެ ފިރިމީހާ ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ އެކުގައި ވާހަކަދައްކާލަން ބެލްކަނީ ތިއްބާ ޕަޕަރާޒީން ނެގި ފޮޓޯއެއް އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރަމުން އަނުޝްކާ ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

އަނުޝްކާ ބުނީ ފޮޓޯ ނެގުމުގެ ފުރުސަތު އެ މީހުންނަށް ދޭ ކަމަށާއި ދެމަފިރިން އެކަހެރިވެ އެކުގައި ވަގުތު ހޭދަކޮށްލަން ވާހަކަ ދައްކަން ތިބޭ ވަގުތުތަކު ފޮޓޯ ނަގާ އާންމު ކުރުމަކީ ދެމަފިރިންގެ ޕްރައިވެސީ އަށް އަރައިގަތުން ކަމަށެވެ. އަދި މިފަދަ ކަންކަން ވަގުތުން ވަގުތަށް ހުއްޓުވަންޖެހޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ގިނަ އަހަރުތަކެއް ވަންދެން ރައްޓެހިވެގެން އުޅުމަށްފަހު، ވިރާޓް އާއި އަނުޝްކާ ކައިވެނިކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ. އަނުޝްކާ އެންމެ ފަހުން ފެނިގެންދިޔައީ 2018 ވަނަ އަހަރު ނިކުތް ފިލްމް ޒީރޯ އިން ޝާހްރުކްޚާން އާއެކު އެވެ.