އިންދަރު ކުމާރު ޑައިރެކްޓްކޮށް ގެނެސްދޭ "ތޭންކް ގޯޑް"ގެ ލީޑަށް ކުޅަދާނަ އެކްޓަރު ސިދާތު މަލްހަތްރާ ހަމަޖައްސައިފި އެވެ.

އެކްޓަރު އަޖޭ ދޭވްގަން ވެސް ލީޑު ރޯލުން ފެންނަ މި ފިލްމުގެ އަންހެން ބަތަލާ އަކީ ރަކުލް ޕްރީތުއެވެ. މި މަހު 21 ވަނަ ދުވަހު ފިލްމުގެ ޝޫޓިން ފަށާއިރު "ތޭންކް ގޯޑް" އަކީ ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ ފިލްމެކެވެ. ކޮމެޑީ ޖޯންރާއަށް ތައްޔާރުކުރާ މި ފިލްމަކީ އަޖޭ އާ ސިދާތް އާ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ.

ފިލްމާ ގުޅޭ ގޮތުން އިންދަރު ބުނީ މި ފިލްމަކީ މިދިޔަ އަހަރު ވެސް ޝޫޓްކުރަން ނިންމި ފިލްމެއް ކަމަށާއި ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ފިލްމުގެ މަސައްކަތް ފަސްކޮށްލީ ކަމަށެވެ.

މި ފިލްމަކީ އާންމުން ހެއްވާލާނެ ސަޅި ކޮމެޑީއެއް ކަމަށާއި އަޖޭ އާއެކު މަސައްކަތް ކުރަން ކެތްމަދުވެފައިވާ ކަމަށެވެ. އަފި ޒުވާން ތަރިން ކަމަށްވާ ރަކުލް އާ ސިދާތް މި ފިލްމުގައި ހިމެނުމަކީ ފިލްމަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އަޖޭ އާ ރަކުލް ވަނީ މީގެ ކުރިން ތިން ފިލްމެއްގައި މަސައްކަތްކޮށްފައެވެ. އަދި ރަކުލް އާ ސިދާތް ވަނީ ދެ ފިލްމެއްގައި އެކުގައި މަސައްކަތްކޮށްފައެވެ. އެއީ "މަރްޖާވާން" އާ "އައްޔާރީ" އެވެ.