ބެއިޖިންގް (ޖަނަވަރީ 9): އެމެރިކާ އެހެން ގައުމުތަކުގައި ޕްރޮމޯޓްކޮށް ހިތްވަރުދޭ ހަރުކަށި އަމަލުތައް އެމެރިކާ އަށް އަމާޒުވެ އެފަދަ ހަރުކަށި އަމަލުތަކާ ކުރިމަތިލާންޖެހުމުން އެކަން އެމެރިކާއަށް ތަހައްމަލު ނުކުރެވުނު ކަމަށާ އެމެރިކާގެ ލޮލަށް ހެރުނީ އަމިއްލައަށް ފޭހުނު އިލޮށިގަނޑުކަމަށް ޗައިނާގެ މީޑިއާއިން ބުނެފިއެވެ.

ޗައިނާގެ މީޑިއާއިން ބުނާގޮތުން ޗައިނާގެ ސަރަހައްދެއް ކަމަށްވާ ހޮންގްކޮންގްގައި 2018 ވަނައަހަރާއި 2019 ވަނައަހަރު ދިހަވަރަަކަށް މަސްވަންދެން ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށް ހަމަނުޖެހުންތައް ހިންގި މީހުންނާއި އެކަން ރާވައި ހިންގި އެކްޓިވިސްޓުންނަށް އެމެރިކާގެ މަސްއޫލުވެރިން ހިތްވަރުދީ އެކަމަށް ބާރުއަޅައި ސަނާކިޔަމުން ގެންދިޔައިރު ޚުދު އެމެރިކާގެ ރައްޔިތުން އެގައުމުގެ މުއައްސަސާތަކާ ދެކޮޅަށް މިފަދަ ހަރުކަށި އަމަލުތަކެއް ހިންގަފާނެކަމުގެ ވިސްނުން އެމެރިކާގެ މަސްއޫލުވެރިން ގެންގުޅުއްވާފައެއް ނުވެއެވެ.

ޗައިނާގެ ސަރަހައްދެއްކަމަށްވާ ހޮންގްކޮންގްގެ އެކްޓިވިސްޓުން 2019 ވަނައަހަރު ކުރި މުޒާހަރާތަކުގައި ހޮންގްކޮންގްގެ ޕާލަމެންޓް އިމާރާތަށް ވަދެގަނެ އެތަން ލޫޓުވައި ބޮޑެތި ގެއްލުންތަކެއް ދިނުމުން އެއީ ޑިމޮކްރަސީއަށް ކުރާ ޖިހާދުކަމަށްބުނެ އެކަމަށް ހިތްވަރުދީ ވާހަކަ ދެއްކެވި އެމެރިކާގެ މަސްއޫލުވެރިންގެ ތެރޭގައި އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސާ ނެންސީ ޕެލޯސީ ހިމެނިވަޑައިގެންނެވިއެވެ. ނަމަވެސް މިމަހުގެ 6 ވަނަ ދުވަހު އެމެރިކާގައި މުޒާހަރާކުރި މީހުން ކޮންގްރެސްގެ އިމާރާތަށް ވަދެގަނެ އެތަން ލޫޓުވައި ބޮޑެތި ގެއްލުންތަކެއް ދިނުމުން ޕެލޯސީއަށް އެކަން ހަޖަމުނުވެ އެއީ ބަގާވާތުގެ އަމަލެއް ކަމަށް ސިފަކުރެއްވުމަކީ މުނާފިގުކަން ފިޔަވައި އެހެން ކޮންކަމެއްތޯ ޗައިނާގެ މީޑިއާގައިވަނީ ސުވާލު އުފައްދާފައެވެ.

އެމެރިކާގެ އެކްޓިވިސްޓުން ކޮންގްރެސްގެ އިމާރާތަށް ވަދެގަނެ ހަމަނުޖެހުން ހިންގަނީ

އެމެރިކާގައި މުޒާހަރާކުރި މީހުން ކޮންގްރެސްގެ އިމާރާތަށް ވަދެގަތުމުން އެމެރިކާގެ ފުލުހުން އެމީހުންގެ ގަޔަށް ބަޑިޖަހައި ހަތަރު މީހުން މަރާލައި 16 މީހުން ޒަޚަމްކޮށްލައި 52 މީހުން ހައްޔަރުކޮށްފައިވާއިރު ހޮންގްކޮންގެ ޕާލަމެންޓަށް ވަދެގަނެ އެތަނަށް ގެއްލުންދީ ލޫޓުވާލި މީހުންގެ ތެރެއިން އެކެއްގެ ގަޔަށްވެސް ޗައިނާގެ ފުލުހުން ބަޑިޖަހާފައި ނުވާކަން ޗައިނާގެ މީޑިއާއިން ވަނީ ފާހަގަކޮށްފައެވެ.

އެމެރިކާގައިވެސް މުޒާހަރާކުރަނީ އެމެރިކާގެ ރައްޔިތުންކަމަށާ އެމީހުންވެސް މުޒާހަރާކުރަނީ ބޭނުންތަކެއް އޮވެގެންކަމާ ނަމަވެސް މުޒާހަރާކުރާ މީހުންގެ ގަޔަށް ބަޑިޖަހައި މީހުން މެރުމަކީ އެމެރިކާވެސް ކުރަމުން ގެންދާކަމަކަށްވާއިރު އެހެންގައުމަކުން އެގޮތަށް އަމަލުކޮށްފިނަމަ އެމެރިކާ އެގައުމަކަށް އެއްޗެހިގޮވައި ކުށްވެރިކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާހިސާބަށް ކަންކަން ބޮޑުކޮށްލާކަމަށް ޗައިނާގެ ޚަބަރުފަތުރާ ވަސީލަތްތަކުންވަނީ ފާހަގަކޮށްފައެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތްނަމަވެސް އެމެރިކާގައި ނަސްލީ އިމްތިޔާޒާއި އަނިޔާވެރިކަމާއި ހައްގުތައް ނުލިބުމާއި ލާއިންސާނީ އެތަށް ކަމެއް އޮވެއެވެ. މިކަން ކަންކަމާ ދެކޮޅަށް މިދިޔައަހަރު އެެމެރިކާގެ އާންމުން ކުރި މުޒާހަރާތަކާ ދެކޮޅަށްވެސް އެމެރިކާގެ ފުލުހުންވަނީ އިންތިހާއަށް ބާރުގެ ބޭނުންކޮށް ބައެއްމީހުން މަރައި އިތުރު ބަޔަކު ޒަޚަމްކޮށް އެތަށް ސަތޭކަ ބަޔަކު ހައްޔަރުކޮށްފައެވެ.

ދުނިޔޭގެ ގައުމުތަކުގައި ހިންގާ ހަމަނުޖެހުންތަކަށް އެމެރިކާ ހިއްވަރުދޭއިރު އެމެރިކާގެ މަސްއޫލުވެރިން ގެންދަވަނީ އެމެރިކާގެ ބަލިފައިތައް ފޮރުވަމުން ކަމަށާ ނަމަވެސް އެންމެފަހުން އެމެރިކާގެ ބަލިފައިތައް ދުނިޔެއަށް ބޭޒާރުވެ އެމެރިކާ ފޭހުނު އިލޮށިގަނޑު އެމެރިކާގެ ލޮލަށް ހެރިފައިވާކަމަށް ބުނެ ޗައިނާ ނޫން އެތަށް ގައުމެއްގެ މީހުންވެސް ސޯޝަލް މީޑީއާގައި ގެންދަނީ އެމެރިކާއަށް މަލާމާތްކޮށް ވަރަށް ބޮޑަށް ފުރައްސާރަ ކުރަމުންނެވެ.

އެހެން ގައުމުތަކެކޭ އެއްގޮތަށް އެމެރިކާގައިވެސް އިންތިޚާބު އޮޅުވާލާކަމަށް އެމެރިކާގެ ގިނަބަޔަކު މިޙާރު ގަބޫލުކުރެއެވެ. އެހެން ގައުމުތަކުގައި ކުޑަކުދިންނާ ކައިވެނި ކުރުމާ ދެކޮޅަށް އެމެރިކާ އަޑުއުފުލާއިރު ޚުދު އެމެރިކާއަކީވެސް ކުޑަކުދިން ކައިވެނި ކުރުމުގެ ކަންތައް އިންތިހާއަށް އޮންނަ ގައުމެކެވެ. ހަރުކަށި މީހުންނާއި ވެކްސިން އާ ދެކޮޅު ހެދުމަށް ބަލާއިރުވެސް ވެކްސިން ޖެހުމަށް ދެކޮޅުހަދާ އެތަށް ބަޔަކު އެމެރިކާގައިވެސް އުޅޭކަމަށް ރިޕޯޓްތައް ބުނެއެވެ.

ދާދިފަހުން އެމެރިކާގެ ސިޓީއެއްކަމަށްވާ ނޭޝްވިލްގައި ވަނީ މީހަކު އަމިއްލައަށް މަރުވެގެން ކާރުބޮމެއްވެސް ގޮއްވާލާފައެވެ. މިފަދަ އަމަލުތައް އެހެން ގައުމުތަކުގައި ހިންގުމުން އެއި ޓެރަރިޒަމް ކަމަށް އެމެރިކާ ސިފަކުރާއިރު ނަޝްވިލް ގައި ގޮއްވާލި ބޮމަކީ ޓެރަރިޒަމްގެ އަމަލެއްކަމަށް އެމެރިކާ ސިފަކޮށްފައެއް ނުވެއެވެ.

(ޗައިނާގެ މީޑިއާ + ނޫސްއެޖެންސީތައް)