08 Jan 2021, 22:07
ރާއްޖެއިން އިތުރު 52 މީހަކު ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ އިއްޔެ 18:00 އިން މިއަދު 18:00 އަށް ނެގި 2568 ސާމްޕަލުން 52 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 11 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން ޕޮޒިޓިވްވި ހަ މީހަކާއި މިހާރު އޮޕަރޭޓު ކުރަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 34 މީހުންގެ އިތުރުން ސަފާރީއަކުން ޕޮޒިޓިވްވި މީހެކެވެ.
ރިސޯޓުތަކުން ޕޮޒިޓިވްވި މީހުންގެ ތެރެއިން 32 މީހުންނަކީ ބިޔާދޫ އައިލެންޑް ރިސޯޓުން ޕޮޒިޓިވްވި މީހުންނެވެ. އެޗްއީއޯސީއިން ބުނީ އެ އެންމެންނަކީވެސް އެ ރިސޯޓުގެ މުވައްޒަފުން ކަމަށެވެ.
މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 14،040 އަށް ވަނީ އަރާފަ އެވެ. މިހާރު ހުރި އެކްޓިވް ކޭސްތަކުގެ ޖުމުލަ އަދަދަކީ 705 އެވެ. އަދި އޭގެ ތެރެއިން 41 މީހުންނަކީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންނެވެ.
ބަލި ޖެހިގެން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 13،279 އެވެ.
މި ބަލި ޖެހިގެން ރާއްޖެއިން މިހާތަނަށް 49 މީހަކު ވަނީ މަރުވެފަ އެވެ.