28 Jan 2012, 12:54
މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދޭނީ އަށް ޖަމާއަތަކަށް ކަމަށާއި ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ލިބުމުގެ ކުރިން އެއްވެސް މީހެއްގެ އަތުން ފައިސާ ނުނެގުމަށް އިސްލާމިކް މިނިސްޓްރީން ހައްޖު ޖަމާއަތްތަކަށް ގޮވަލައިފި އެވެ.
މިނިސްޓްރީން ބުނީ ހައްޖު ޖަމާއަތްތަކަށް ހުއްދަ ދިނުމުގެ ކުރިން ހައްޖަށްދާ މީހުންގެ އަތުން ފައިސާ ނަގަމުންދާތީ މީގެ ކުރިން ވެސް މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށާއި މިއަހަރުވެސް އަދި އެއްވެސް ޖަމާއަތަކަށް ހުއްދަ ދީފައި ނުވާއިރު ބައެއް ފަރާތްތަކުން ބައެއް ޖަމާއަތްތަކަށް ފައިސާ ދައްކަމުންދާ ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ. އަދި އެގޮތަށް އަމަލު ނުކުރުމަށް މިނިސްޓްރީން އެދޭ ކަމަށެވެ.
މި އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު މިނިސްޓްރީން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ޖަމާއަތްތަކަށް ހުޅުވާލައިފަ އެވެ. ރާއްޖެއިން މިދިޔަ އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނީ 10 ޖަމާއަތަކަށެވެ.
މިނިސްޓްރީން ބުނީ މިއަހަރު އަދަދު މަދުކުރީ އެ ޖަމާއަތަކުން އެއްގަމު ދަތުރުކުރުމުގައިވެސް އެކަށީގެންވާ އަދަދަކަށް މީހުން ގެންދެވޭނެ ކޯޓާއެއް ދިނުމަށް ކަމަށެވެ.
މިނިސްޓްރީގެ މީޑިޔާ ކޯޑިނޭޓަރު އަހްމަދުﷲ ޖަމީލް މިއަދު ވިދާޅުވީ ހައްޖަށް ގެންދާ މީހުންގެ ކަންކަން ރަނގަޅަށް ގެންދިއުމަށް ކޮންމެ އަހަރަކުވެސް ބަދަލުތަކަށް ގެންނަ ކަމަށާއި މިއަހަރު ރާއްޖެއިން ހައްޖަށް މީހުންގެ ގެންދިއުމުގެ ފުރުސަތު އަށް ޖަމާއަތަަކަށް ދޭން ނިންމާފައިވާ ކަމަށެވެ.
"ހައްޖަށް މީހުން ގެންދިއުމުގެ ކަންކަން ކުރެވެން އޮންނަނީ އެ ޖަމާއަތެއްގައި އެކަށީގެންވާ ވަރަށް މީހުން ތިބެގެން. މި ގޮތުން ކޯޓާ ދިނުމުގައި އެއްގަމު ދަތުރުތަކުގައި މަދުވެގެން މީހުން އުފުލޭނެ އަދަަދަށް ވަރަށް ބޮޑަށް ބަލަންޖެހޭ. މިކަމަށް ސައޫދީ ސަރުކާރުން ވެސް ވަރަށް ބޮޑަށް ބައްލަވާ" ޖަމީލް ވިދާޅުވި އެވެ.
"މީގެ އިތުރުން ހައްޖުވެރިއަކު ބަލިވެއްޖެނަމަ އެމީހެއްގެ ކަންކަން އެ މީހަކު ގެންދިޔަ ޖަމާއަތަކުން ރަނގަޅަށް ބަލަހައްޓަން ޖެހޭ. މި އަހަރު ކުރީ އަހަރުތަކަށްވުރެ ރަނގަޅު ބަދަލުތަކެއް ހުންނާނެ ގެނެސްފަ"